ވެންޓިލޭޓަރުގެ ފައިސާ ނުލިބުނު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިދިނުމަށް އެދިއްޖެ

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް ބަލީގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަަށް ސަރުކާރުން ދިން ފައިސާ އަނބުރާ ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދިނުމަށް ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިންނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވެއެވެ. އެހެންވެ މިއަހަރުގެ މެއި މަހު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވާފައެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން "ސަން"އަށް ވިދާޅުވީ ހެލްތު މިނިސްޓްރީން އެދިފައިވާގޮތަށް އެ މައްސަލަ އާބިޓްރޭޝަނަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން މިހާރު އެ އޮފީހުން ކުރަމުންދާކަމަށެވެ.

"މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިހާރު ގެންދަނީ ކުރަމުން،" ހުސައިން ވިދާޅުވިއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ލިބުނު އިރު ވެސް ބޭނުމެއް ނުކުރެވެއެވެ.

ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު، ވެންޓިލޭޓަރުތައް ނުލިބުމުން ސަރުކާރުން ވަނީ އެ ފައިސާ އަނބުރާ ދިނުމަށް އެދިފައެވެ.

މައްސަލަ އާބިޓްރޭޝަނަސް ހުށަހަޅާނެކަމުގެ ނޯޓިސް އެގްޒެކިއުޓާސްއަށް މިދިޔަ ހޯމަ ދުވަހު ދީފައިވާނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް