ގައުމުގެ މަސްލަހަތާއި އަމާންކަން ގެއްލި ﷲގެ ކޯފާ ރައްޔިތުންގެ މައްޗަށް ހުށަހެޅޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް --

ދިވެހިރާއްޖޭގެ މަސްލަހަތާއި އަމާންކަން ގެއްލި މާތް ﷲގެ ކޯފާ ދިވެހި ރައްޔިތުންގެ މައްޗަށް ހުށަހެޅޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ ކަމަށް, ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީ އިން ރޭ ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފު އަދި އިސްލާމްދީނުގައި ނަހީކުރެވިގެންވާ ބޮޑެތި ކަންތައްތައް ރާއްޖޭގައި އެއްވެސް "ލިމިޓް" އެއް ނެތް މިންވަރަށް އާންމުވަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ކުރާތަން ފެންނާނީ ވަކި ބަޔަކު ކުރީމަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެކަންކަން ނުދަންނަ އެއްވެސް މީހަކު އެބަހުރިތޯ. އިސްލާމް ދީނާއި ޚިލާފުކަންކަން ލިމިޓެއް ނެތް ވަރަށް ކުރާއިރު އަޅުގަނޑުމެން ދައްކާކަށް ވާހަކައެއް ނެތެއް ނޫންތޯ. އަޅުގަނޑު ކިޔާނެ އެއްވެސް އެއްޗެއް އެބައޮތްތޯ ސޯޝަލް މީޑިއާ އިން މިކަންތައްތައް ނޭނގޭ އެއްވެސް މީހަކު އެބަހުރިތޯ މި ރާއްޖޭގައި،" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ފާޅުގައި އިސްލާމްދީނުގެ އަސްލުތަކާއި މުޅިން ޚިލާފު އަމަލުތައް އާންމުވާއިރު ރައްޔިތުން މަޖިލީހުގެ އެއްވެސް މެންބަރެއް މަޖިލީހުގެ ރައީސްއަށް ނޭނގި ފުލުސް އޮފީހަށް ހާޒިރު ނުކުރުމަށް އެންގި ބޭނުމަކީ ކޮބައިކަމެއް ނޭނގޭ ކަމަށެވެ.

"އެހެންވީމަ އިސްލާމްދީނުގައި ކަނޑައެޅިގެން ހުރި އަސްލުތަކާ ވެސް ޚިލާފަށް އަޅުގަނޑުމެން މާތްﷲ ގަންދީ ހުވާކޮށްގެން ތިބި މީހަކު މިގޮތަށް ބުނާ ކަމަށްވަންޏާ ދެން ކިހާ ހިސާބަކަށް ބާއޭ މި ދަތުރުކުރެވެނީ އަޅުގަނޑު ހިތަށް އަރަނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށާއި ދައުލަތުގެ ޒިންމާ އަދާކުރަން ދިވެހި ރައްޔިތުންގެ ފައިސާ ލިބިގެން ހުރި އެއްވެސް ވެރިއަކު އަދި އެއްވެސް މީހަކު އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި ފަސް ނުޖެހުމަށް ގާސިމް ގޮވާލެއްވިއެވެ.

އެގޮތަށް ކަން ނުކޮށްގެން ގައުމުގެ މަސްލަހަތާއި އަމާންކަން ގެއްލި ﷲގެ ކޯފާ ދިވެހި ރައްޔިތުންގެ މައްޗަށް ހުށަހެޅިގެން އަންނާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކަންތައްތައް އިންސާފުން ނެއްޓިގެންދާތަން ބަލަން ވަރަށް އުނދަގޫ ކަމަށާއި މަޖިލީހުގައި ވެސް މިހާރު ނީންނަ ސަބަބަކީ އެއީ ކަމަށެވެ. އަދި މަޖިލީހުގައި ގަވާއިދެއް އޮތަކަސް އެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން އެއްވެސް ކަމެއް ކުރާ މަންޒަރު ނުފެންނަކަން ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް އެހެން ވިދާޅުވީ އެއްވެސް ކަމަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މެންބަރެއް ފުލުސް އޮފީހަށް ހާޒިރުކުރާ ނަމަ އެކަން ރައްޔިތުން މަޖިލީހަށް އަންގަންވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައި ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.

comment ކޮމެންޓް