ޖުލައި މަސް ނިމޭއިރު ފަސް މަހަށް ބޭނުންވާ ފައިސާ ދައުލަތުގެ ރިޒާވްގައި ހުންނާނެ: އަމީރު

އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފައިލް ފޮޓޯ

މިއަހަރުގެ ޖުލައި މަސް ނިމޭއިރު ދައުލަތުގެ ރިޒާވްގައި ކުރިއަށް އޮތް ފަސް މަސް ދުވަހަށް ބޭނުންވާ ކާޑާއި ތެލާއި ބޭސްފަރުވާގެ ފައިސާ ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ވަނީ ކުރިއަށް އޮތް ޖުލައި މަސް ނިމޭއިރު ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑާއި، ތެލާއި ބޭހުގެ ފައިސާ ހުންނާނެތޯ ލިޔުމުން ޖަވާބު ހޯދުމަށް އެދި ސުވާލު ކޮށްފައެވެ.

މެންބަރުގެ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖުލައިމަހުން ފެށިގެން ކުރިއަށް އޮތް ފަސް މަހަށް ބޭނުންކުރެވޭނެ ޔޫސެބަލް ރިސާވް ދައުލަތުގައި އެބަހުރި ކަމަށެވެ.

''މި މިނިސްޓްރީއަށް އަންދާޒާ ކުރެވޭ ގޮތުގައި 2022ގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަކަށް ފަސް މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫސެބަލް ރިސާވް ހުންނާނެ،'' މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

މިނިސްޓަރުގެ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ބެލެހެއްޓުން ޤާނޫނީ ގޮތުން ހަވާލު ކުރެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ކަމަށާއި ރިޒާވްގެ ތަފާސް ހިސާބުތައް ބަލަހައްޓާ އަންދާޒާތައް ތައްޔާރުކުރުމަކީވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.

އަދި ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ އަދަދުތަކަކީ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ޝާޢިއު ކުރާ ނަމްބަރުތަކެއް ނޫން ކަމަށް ވެސް މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

މީގެ އިތުރުން، މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހޯއްދެވުމަށް މިނިސްޓަރު ވަނީ އެދިފައެވެ.

އަދި ރިޒާވް މެނޭޖުކުރުމުގައި މޯލްޑިވިސް މަނިޓަރީ އޮތޯރިޓީއަށް ބޭނުންވާ އެއްބާރުލުން އެ މިނިސްޓްރީން ދޭކަމަށް މިނިސްޓަރުގެ ޖަވާބުގައި ފާހަގަކޮށްފައިވެއެވެ.

މިހާރު ދުނިޔޭގެ މަޝްރަޚަށް ބަލައި ކުރިމަތިވާ ދަތި އުނދަގޫތަކުން ސަރުކާރުގެ ޚަރަދުތައް ވެސް އިތުރުވަމުން ދާތީ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރު އޮފީސްތަކަށް ސާކިއުލާއެއް ފޮނުވާ އަންގައިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ރަޝިއާ އަދި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި މި ނޫންވެސް އެހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާތީ ސަރުކާރުގެ އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލުމަށާއި ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ނޫނީ ނުކުރުމަށް އެ ސާކިއުލާގައި ވަނީ އަންގާފައެވެ.

comment ކޮމެންޓް