ލޮކްޑައުންއަކަަށް ދިއުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު ނަސީމް

މިނިސްޓަރު ނަސީމް މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަނީ--ފޮޓޯ/މަޖިލިސް

ކޮވިޑް-19 އަނެއްކާވެސް ފެތުރެމުންދާ މި ދަނޑިވަޅުގައި ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުން ނެތްކަމަށް ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން އަލުން ލޮކްޑައުންއަކަަށް ދާނެތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލޮކްޑައުންއަކަށް ދިޔުމުގެ ވިސްނުން ނެތް ކަމަށެވެ.

''ކޮރޯނާ ކަންތަކުގައި އަޅުގަނޑުމެން ލޮކްޑައުން ހަދާކަށް ގަސްތު ކުރެވިފައެއް ނުވޭ. އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއްވެސް ނޫން، '' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ އިޤްތިިޞާދު ރަނގަޅަށް މިވަގުތު ހިނގަން ޖެހޭ ކަމަށާއި މި ބަލިމަޑު ކަމާއެކު އުޅެން އަޅުގަނޑުމެން ދަސްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ބަންދުވެފައި ހުންނަ ތަންތަނުގައި އުޅޭއިރު ސަމާލުވުމަށާއި އެކީގައި ގިނަ ބަޔަކު އުޅޭނަމަ މާސްކު އެޅުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މަޖިލީހުގެ މެންބަރުން އާއްމުންނަށް މިކަމުގައި މިސާލު ދެއްކެވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

''މަޖިލީހުގެ މެންބަރުންވެސް ހަމަ މީހުންނަށް މިސާލެއް ގޮތަށް ދެއްކެވުމަކީ ވަރަށް މުހިއްމު ކަމެއް. ދެން މިކަމާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ހެލްތް މިނިސްޓްރީން ލިބިވަޑައިގަންނަވާނެ،'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަމަ މަޖިލީހުގެ އިދާރާއަށް ހެލްތް މިނިސްޓްރީގެ ޓީމެއް ފޮނުވައި ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް މެމްބަރުންނަށް ކިޔައިދެއްވިދާނެ ކަމަށެވެ.

ގިނަ ދުވަސް ތަކަކަށްފަހު، ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު މިވަނީ އަނެއްކާވެސް ގިނަވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މުޅި ރާއްޖެއިން އަލަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1،202އަށް އަރައެވެ.

އެޗްޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި މި މަހުގެ 19 ވަނަ ދުވަހާއި، 25 ވަނަ ދުވަހާ ދެމެދު މާލެ ސަރަހައްދުން 528 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މީގެ އިތުރުން އަތޮޅުތެރެއިން 452 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތަކާއި ސިނާއީ ރަށްތަކުން ޖުމުލަ 222 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ.

ރާއްޖެއިން ކޮވިޑު ޖެހިގެން މިދިޔަ ހަފްތާގައި ޖުމްލަ 51 މީހަކު އެނދުމަތިކޮށްފައިވާއިރު، ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ކޮވިޑާ ގުޅުމެއް ނެތް ކަމެއްގައި މަރުވި 13 މީހަކު ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

comment ކޮމެންޓް