ރައީސް ޢަބްދުﷲ ޔާމީންގެ ވަކީލުންނަށް ހާޒިރުވެވެން ނެތުމުން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ އާދިއްތަ ދުވަހަށް ތާވަލު ކުރި ނަމަވެސް އެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ. އެއީ ޔޫސުފް ނައީމްގެ ދިފާއީ ވަކީލް ބަލިވެ އުޅުއްވާތީއެވެ.
ދެ ދުވަސް ފަހުން މިއަދު ހެނދުނު 9:00 އިރު ކުރިއަށް ގެންދަން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޔާމީންގެ ދިފާއީ ވަކީލުން ހާޒިރުވާން ޖެހޭ މައްސަލައެއް ހައިކޯޓުގައި އޮތުމުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް ޔާމީންގެ ދިފާއީ ބައެއް ވަކީލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މައްސަލަ ކުރިއަށް ގެންދާނެ ތާވަލެއް އެކުލަވާލިއިރު އެންމެ ފުރަތަމަ ހުކުމް އިއްވާނެ ތާރީހެއްގެ ގޮތުގައި ބުނެފައިވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން ތާވަލަށް ބަދަލުތަކެއް ގެނައުމަށްފަހު މި މަހުގެ 30 ވަނަ ދުވަހަށް ހުކުމް ކުރުން އަވަސްކުރި ކަމަށް ދިފާއީ ވަކީލުން ކުރިން ވަނީ ބުނެފައެވެ.
ނަމަވެސް 30 އާ ދެމެދު ދެން އޮތީ ދެ ދުވަހައެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާގައި އޮތް އެ މައްސަލައިގެ ހުކުމް އެ ތާރީހުގައި ކުރުމަކީ ދެން ވާނެ ކަމެއް ނޫނެވެ.
އެ މައްސަލައިގައި މިހާތަނަށް ނަގާފައިވަނީ ދެ ހެއްކެއްގެ ހެކި ބަހެވެ. އެއީ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ދެ ފުލުހުންނެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله ޒިޔަތު ވެސް ހިމެނެއެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.