ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން: މެލޭޝިޔާގެ ވިސްނުން

"އޮޓޮޕްސީ" ގެ ބަހަވީ މާނައަކީ؛ މަރުވާ މީހާ މަރުވާ ސަބަބު ހޯދުމަށް ނުވަތަ ދެނެގަތުމަށް ކުރާ ސާޖިކަލް އިޖްރާއަތެއް -- ފޮޓޯ/ މެޑިސިންނެޓް

ފޮރެންސިކް މެޑިސިން އަކީ މަދަނީ ނުވަތަ ޖިނާއީ މައްސަލަތަކުގައި ޙަޤީގަތްތައް މާނަކުރާ ބޭސްވެރިކަމުގެ ގޮތްޕެވެ. އެއީ ބޭސްވެރިކަމުގެ އުޞޫލުތައް ނުވަތަ މެޑިކަލް ސައިންސުގެ އުޞޫލުތައް ބޭނުންކޮށްގެން ޢަދުލު އިންސާފުގެ ޙުކުމްތައް ޤާއިމްކުރުމުގައި ޤާނޫނީ ބާރުތަކަށް އެހީތެރިވުމަށް ބޭނުންކުރާ ބޭސްވެރިކަމުގެ ދާއިރާއިން ޚާއްސަ ދާއިރާއެކެވެ. ޚިދުމަތުގެ ދާއިރާއަކީ ފޮރެންސިކް ޕެތޮލޮޖީ އާއި ކްލިނިކަލް ފޮރެންސިކް މެޑިސިން ހިމެނޭހެން ފޮރެންސިކް މެޑިކަލް ޚިދުމަތް ފޯރުކޮށްދިނުމެވެ. މިދާއިރާއަށް މެޑިކަލް ޖުރިސްޕްރޫޑެންސް ނުވަތަ ލީގަލް މެޑިސިންގެ ނަމުންވެސް ނަންދެވިފައިވެއެވެ.

ފޮރެންސިކް މެޑިސިން އަކީ ޤާނޫނީ މައްސަލަތަކަށް މެޑިކަލް ސައިންސް ބޭނުންކުރުމާއި، ގާނޫނީ އިޖްރާއަތާއި ގުޅޭ މަރުގެ މައްސަލަތައް ޙައްލުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޙަޤީގަތްތަކާއި، ޢިލްމާއި، ހުނަރުތައް އެއްކޮށްލާ ޢިލްމުގެ ދާއިރާއެކެވެ. މި ފަންނީ އަޚްލާޤުގެ ސަބަބުން، ކުށްވެރިންނާއި، ޝިކާރައަކަށްވާ މީހުންނާމެދު ހަމަހަމަ ނިންމުމެއް ނިންމުމަށް ޤާނޫނީ އިދާރާތަކަށާއި، ޝަރީޢަތުގެ ކޯޓުތަކަށް އެހީތެރި ވެދެވެއެވެ. މިގޮތުން ކުށެއްގެ ހާދިސާއެއްގެ ޙަޤީޤީ މަންޒަރު ދެނެގަތުމަށް މަގުފަހިކޮށްދެވިދާނެއެވެ. އަދި މި ޢިލްމުން ލިބޭ މަޢުލޫމާތާއި ތަފްޞީލުތައް އިންޝުއަރެންސްގައި، ޚާއްޞަކޮށް ލައިފް އިންޝުއަރެންސް އާއި ގުޅުންހުރި ކަންކަމުގައި ގޮތް ނިންމުމުގައި ބޭނުންކުރެވިދާނެއެވެ.

ފޮރެންސިކް މެޑިސިންގެ ދައުރު

މެލޭޝިއާގެ ހެލްތު މިނިސްޓްރީގެ ފޮރެންސިކް މެޑިސިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްދައުރު އަދާކުރަނީ ހޮސްޕިޓަލް ކުއާލަ ލަމްޕޫރުގައި ހުންނަ އިންސްޓިޓިއުޓް ޕެރޫބަޓަން ފޮރެންސިކް ނެގަރާ (އައިޕީއެފްއެން) ގެ ނަމުން ވެސް މަޝްހޫރު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ފޮރެންސިކް މެޑިސިން އިންނެވެ. ސަބާހާއި، ސަރަވާކް ސްޓޭޓްތައް ހިމެނޭ ގޮތަށް މުޅި މެލޭޝިއާގައި ސަރަހައްދީ ކުރެވިފައިވާ މި މުއައްސަސާއަކީ ފޮރެންސިކް ޕެތޮލޮޖީއާއި ކްލިނިކަލް ފޮރެންސިކް އަދި ފޮރެންސިކް ސައިންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތުތައް އަދާކުރާ މުއައްސަސާއެކެވެ. ފޯރުކޮށްދޭ ޚިދުމަތްތައް ތިރީގައި މިވަނީއެވެ.

ފޮރެންސިކް ޕެތޮލޮޖީ

ހަށިގަނޑުގެ ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން ހަދަން ބޭނުންވާ ޙާލަތްތަކުގައި، ރޯޔަލް މެލޭޝިއަން ޕޮލިސް ގެ އެދުމުގެ މަތިން އޮޓޮޕްސީ ހަދައިގެން ނުވަތަ ސްކޭންގެ ޒަރީޢާއިންނާއި އެންޓި-މޯޓަމްގެ މަޢުލޫމާތުގެ އަލީގައި އޮޓޮޕްސީ ނަހަދައި، މަރުވި ސަބަބަށް ވާޞިލްވެއެވެ.

އަދި ޕޯސްޓް މޯޓަމް ހަދަނީ ފޮރެންސިކް މެޑިސިންގެ ދާއިރާއިން ޚާއްސަކޮށް ތަމްރީނު ލިބިފައިވާ އޮފިސަރުންނެވެ. ޢާންމު ގޮތެއްގައި ޕޯސްޓް މޯޓަމް ކުރިއަށްދާއިރު، ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އިތުރުން ތަމްރީނު ލިބިފައިވާ މެޑިކަލް އޮފިސަރަކާއި މެޑިކަލް އެސިސްޓެންޓެއް އަދި ހެލްތު ކެއާ އެސިސްޓެންޓުން އެހީތެރިވެދެއެވެ. އަދި ފުލުހުންގެ އިންވެސްޓިގޭޓިންގ އޮފިސަރާއި އިތުރު މުވައްޒަފުންވެސް ހާޒިރުވެއެވެ.

ޕޯސްޓް މޯޓަމް ހެދުމުގެ ބޭނުންތަކުގެ ތެރޭގައި އަންނަނިވި ބޭނުންތައް ހިމެނެއެވެ. މަރުވެފައިވާ މީހާ ދެނެގަތުމާއި، މަރުވިފަހުން ހޭދަވި ވަގުތު އަންދާޒާކުރުމާއި، މަރުވާ ޙާލަތްތައް ދެނެގަނެ ޖިސްމާނީ އަނިޔާތަކުގެ ޠަބީޢަތް ދެނެގަތުމާއި، މަރުވާ ސަބަބު ނުވަތަ ޖިނާއީ ޢަމަލެއް ނުވަތަ ގުދުރަތީ މަރު ކަނޑައެޅުމާއި، މަރުވުމުގެ ކުރިން މަސްތުވާތަކެތީގެ ނުވަތަ ވިހައެއްގެ އަސަރު ހަށިގަނޑުގައި ހުރިކަން ކަނޑައެޅުންފަދަ ބޭނުންތައް ހިމެނެއެވެ.

ޕޯސްޓް މޯޓަމް ކުރިއަށް ގެންދާނީ ފަރުވާތެރިކަމާއެކު، ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ޕްރޮފެޝަނަލްކޮށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އަދި ޤާނޫނާއި، ދީނުގެ އިޚްތިޞާޞްގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމެއްގެ ގޮތުގައެވެ.

ކްލިނިކަލް ފޮރެންސިކް މެޑިސިން

ކްލިނިކަލް ފޮރެންސިކް މެޑިސިން އަކީ ކުށްތަކާއި ގުޅިގެން ދިރިތިބީންގެ މައްޗަށާއި، ކުށްތަކަށް ޝައްކުކުރެވޭ މީހުންނާއި ބަންދުކޮށްފައިވާ މީހުންގެ މައްޗަށް ހިންގޭ ފޮރެންސިކް ތަހުލީލުތަކެވެ. ރޭޕް، ޖިންސީ ގޯނާ ފަދަ މައްސަލަތަކުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ މެޑިކަލް އެގްޒެމިނޭޝަން މިކަމުގައި ހިމެނޭއިރު، މިއީ މެޑިކަލް އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ހާދިސާ ހިނގިކަން ދެނެގަތުމުގެ އިތުރުން ތަޙްޤީޤަށް އެހީތެރިވުމަށް ވެސް ކުރެވޭ މަސައްކަތެކެވެ. ކަމާބެހޭ ފަރާތްތަކަށް ކުށްވެރިޔާ ދެނެގަތުމުގައި ޝިކާރައަކަށް ވެފައިވާ މީހާގެ ފަރާތުން ނަގާ ބަޔާންތަކާއި، ޝަކުވާތަކާއި، އަދި މާއްދީ ހެކި އެހީތެރިވެދެއެވެ.

ފޮރެންސިކް ސައިންސް

ފޮރެންސިކް ސައިންސް ސާވިސަސް އިން ކެމިކަލް މާއްދާތައް ދެނެގަތުމަށް ނުވަތަ ހަށިގަނޑުގައި ހުރި އެއްވެސް ބަޔޯކެމިކަލް އެއް އަދި ޕެތޮލޮޖިކަލް ސަބަބެއް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާ ނުވަތަ ޝިކާރައަކަށްވާ މީހާގެ ހަށިގަނޑުން ނަގާ ބަޔޮލޮޖިކަލް ސާމްޕަލްތައް (ލޭ، ކުޑަކަމުދާތަކެތި، ގުނަވަން ނުވަތަ ޓިޝޫ) ލެބޯޓްރީ ތަހުލީލުތައް ފޯރުކޮށްދެއެވެ. މިގޮތުން ކުރިއަށް ގެންދާ ތަޙުލީލުތަކުގެ ތެރޭގައި ޓޮކްސިކޮލޮޖީ (ވިހަތަކާއި ނުރައްކާތެރި ކެމިކަލް މާއްދާތައް ތަޙުލީލުކުރުން)، އެންތްރޮޕޮލޮޖީ (ކަށިތަކާއި، ކަށީގެ ބާވަތްތައް ތަޙުލީލުކުރުން)، ހިސްޓޯޕެތޮލޮޖީ (ޓިޝޫތައް ނުވަތަ ގުނަވަންތައް ތަޙުލީލުކުރުން) އަދި އެންޓޮމޮލޮޖީ (ސޫފިތައް ތަޙުލީލުކުރުން) ހިމެނެއެވެ.

ޕޯސްޓް މޯޓަމްގެ ބޭނުންތަކާއި މުހިންމުކަން

މަރުވުމުން ޕޯސްޓް މޯޓަމް ހެދުމުގެ ބޭނުންތެރިކަން ބަޔާންކުރާ ބައެއް މެޑިކޯ-ލީގަލް މައްސަލަތައް އެބަހުއްޓެވެ. މިސާލަކަށް؛ މަރުވެފައިވާ މީހާއާއި، ތުހުމަތުކުރެވޭ މީހާއާއި، ވާރުތަވެރިންނާއި، އިންޝުއަރެންސް ކުންފުނިތަކާ ގުޅޭގޮތުން އިންސާފު ލިބިދޭތޯ ބެލުމަށްޓަކައި ޕޯސްޓް މޯޓަމް ހެދުން މުހިންމު ވެދެއެެވެ. މަރުވާ ސަބަބު ޤާއިމުކުރުމަށާއި، އެކަމަށް މެދުވެރިވާ ކަންތައްތައް ކަނޑައެޅުމަށްޓަކައި ވަސީލަތެއްގެ ގޮތުގައި ޕޯސްޓް މޯޓަމް މުހިންމެވެ. ޕޯސްޓް މޯޓަމް އެގްޒަމިނޭޝަނަކީ، ހަމައެކަނި ކުށްވެރިއަކު ދެނެގަތުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ބެލުމުގެ އިތުރުން، ޝައްކުކުރެވޭ މީހަކު ނުވަތަ ތުހުމަތުކުރެވޭ މީހަކު ޖިނާއީ ކުށުން ބަރީޢަކަން ކަށަވަރު ކުރުމަށްވެސް ބޭނުންތެރި ވަސީލަތެކެވެ. ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން އިން ލިބޭ މަޢުލޫމާތު އެއްގަމު ދަތުރުފަތުރުގެ އެކްސިޑެންޓްތަކާ ގުޅިގެން މަރުވާ ޢަދަދު މަދުކުރުމަށާއި، މަސައްކަތުގެ މާހައުލާ ގުޅުންހުރި އެކްސިޑެންޓްތައް މަދުކުރުމަށާއި، މިނޫންވެސް ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި ސިޔާސަތު ކަނޑައެޅުމަށް ބޭނުންކުރެވެއެވެ.

އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން ހެދުން

މައްޔިތާގެ ހަށިގަނޑު ކޮށައި، ފެޅުމަކީ އިސްލާމީ ޝަރީޢަތުގެ ޢާއްމު އަޞްލުގެ މައްޗަށް ބިނާކޮށް ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް، އެކަން ކޮންމެހެން ބޭނުންވާ ޚާއްޞަ ޙާލަތެއްގައި ޕޯސްޓް މޯޓަމް ހެދުން ޢިލްމުވެރިން ހުއްދަ ކުރައްވައެވެ. ޕޯސްޓް މޯޓަމް ހެދުމަކީ ހަމައެކަނި ކަނޑައެޅިފައިވާ މަޤްޞަދުގެ ބޭނުމުގައި ކުރިއަށް ގެންދާ ކަމެއް ކަމަށާއި، މައްޔިތާގެ ހަށިގަނޑަށް ގެއްލުމެއް ނުވަތަ އިޙްތިރާމް ކުޑަވާ ގޮތަށް ޢަމަލުކޮށްގެން ނުވެއެވެ. މީގެ އިތުރުން ޕޯސްޓް މޯޓަމް ކުރިއަށް ގެންދާއިރު އަޚްލާޤީ ސުލޫކުތަކާއި މަރުވެފައިވާ މީހާއަށް އިޙްތިރާމް ކުރުމަށް ރިޢާޔަތްކޮށް، މެލޭޝިޔާގެ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޢަމަލުކުރަންޖެހެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް