ޔޫކްރެއިންގެ ސިއެވޮރޮދޮނެޔެސްކް ރަޝިއާގެ އަތްދަށަށް ދިޔުމުން ޔޫރަޕް ބިރުހީވެއްޖެ

ޔުކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ

މޮސްކޯ (25 ޖޫން 2022): ޔޫކްރެއިންގެ ދުންބާސް ސަރަހައްދުގެ ބޮޑު ސިޓީއެއްކަމަށްވާ ސިއެވޮރޮދޮނެޔެސްކް ރަޝިއާ ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނިގޮތުގައި ސިއެވޮރޮދޮނެޔެސްކް ގެ ހުރިހާ އަވަށްތަކާއެކު އެމުޅި ސިޓީ މިހާރުވަނީ ރަޝިއާ ސިފައިންގެ އަތްދަށަށް ގޮސްފައެވެ. އަދި ޔުކްރެއިން ސިފައިންގެ ރައްދު ހަމަލާތައް ހުއްޓިފައިވާ ކަމަށާއި އެމީހުންގެ ހިލަމެއް މިހާރު ނުވާކަމުގައެވެ.

ޔުކްރެއިން އިންވެސްވަނީ މިކަން ކަށަވަރުވަފަދަ ގޮތަކަށް ވާހަކަ ދައްކާފައެވެ. ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ބުނީ ސިއެވޮރޮދޮނެޔެސްކް ރަޝިޔާ ސިފައިންގެ އަތްދަށަށް ދިޔަނުދިނުމަށް ހަނގުރާމަ ކުރަމުންދިޔަ އެގައުމުގެ ސިފައިން އެސިޓީއާއި އެސިޓީގެ ވަށައިގެންވާ ހިސާބުތަކުން މިއަދު ފައިބާފައިވާކަމުގައެވެ.

ސިއެވޮރޮދޮނެޔެސްކް ނިސްބަތްވަނީ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ޔުކްރޭންގެ ދުންބާސްގެ ލުހާންސް ސަރަހައްދަށެވެ. މިއީ ޔުކްރެއިން އިން ވަކިވެގަތުމަށް ރަޝިއާ ދަރިކޮޅުގެ މީހުން ދާދިފަހުން މިނިވަންކަން އިއުލާނުކުރި ދެ ޖުމްހޫރިއްޔާގެ ތެރެއިން އެއްޖުމްހޫރިއްޔާއެވެ. އަނެއް ޖުމްހޫރިއްޔާއަކީ ދޮނިޔެސްކް އެވެ.

ސިއެވޮރޮދޮނެޔެސްކް ރަޝިއާ ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގޮސްފައިމިވަނީ އެސިޓީގެ ދިފާއުގައި ޔުކްރެއިން ސިފައިން ހަނގުރާމަ ކުރަމުންގެންދާތާ ތިން ހަފްތާފަހުންނެވެ.

ޔުކްރެއިންގެ ބޮޑު ސިޓީއެއް ކަމަށްވާ ސިއެވޮރޮދޮނެޔެސްކް

ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ސިފައިން ސިއެވޮރޮދޮނެޔެސްކް އިން ފޭބީ އެނޫންއެހެން ގޮތެއް ނެތިގެންނެވެ. ނުފޭބިނަމަ އެސިޓީގެ ދިފާއުގައި ހަނގުރާމަކުރި ޔުކްރެއިން ސިފައިންނަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ހަނގުރާމަކޮށް މަރުވެ ދިޔުމެވެ. އަނެއްގޮތަކީ ރަޝިއާ ސިފައިން އަސީރުންގެ ގޮތުގައި އެމީހުން ހައްޔަރު ކުރުމެވެ.

ތިން ހަފްތާގެ ހަނގުރާމައިގާ ޔުކްރެއިން ސިފައިން އެމެރިކާއާއި ނޭޓޯގެ ހަތިޔާރުން ރަޝިއާ ސިފައިންނާ ކުރިމަތިލިނަމަވެސް ރަޝިއާގެ ހަމަލާތަކުގެ ކުރިމަތީގައި ޔުކްރެއިން ސިފައިން ދުވަހެއް ދުވަހަކަށް ދިޔައީ ބަލިވަމުންނެވެ.

ސިއެވޮރޮދޮނެޔެސްކް، ހިފުމުގައި ރަޝިއާ ސިފައިން ހޯދި ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ރަޝިއާގެ މުސްލިމް ޖުމްހޫރިއްޔަތެއްކަމަށްވާ ޗެޗްނިޔާގެ ހަނގުރާމަވެރިންނެވެ.

ވައިގެ ހަމަލާތަކާއި މިސައިލް ހަމަލާތައް ދިނުމުގައި ރަޝިއާ ސިފައިން ވަރުގަދަ ނަމަވެސް އެއްގަމުމަގުން ހަނގުރާމަކުރަން ރަޝިއާ ސިފައިން އެހާ ވަރުގަދައެއްނޫނެވެ. އެމެރިކާ ސިފައިންނާއި އިސްރާއީލު ސިފައިންނަށްވެސް އެއްގަމު ހަނގުރާމަ ނުކުރެވޭގޮތަށް އެއީ ރަޝިއާ ސިފައިންނަށްވެސް ފަސޭހަ ކަމެއް ނޫނެވެ.

މުޅި ދުންބާސް ސަރަހައްދަށް ބަލާއިރު އެސަރަހައްދުގެ ގާތްގަނޑަކަށް އައްޑިހަ އިންސައްތަ މިހާރު ރަޝިއާ ގެ އަތްދަށުފައެވެ. ޔުކްރެއިން ސިފައިން ގެ ބޮޑުބައި އެސަރަހައްދުން ބޭރުކޮށްފައިވާއިރު މި ކާމިޔާބީގައި ބޮޑު ދައުރެއް އަދާކޮށްފައިވަނީ ޗެޗްނިއާގެ މުސްލިމް ހަނގުރާމަވެރިންނެވެ. އެމީހުންގެ ކޮމަންޑަރަކީ ޗެޗްނިއާގެ ރައީސް ރަމަޟާން ގަދީރޯވް އެވެ. ގަދީރޯވް އަކީ ރައީސް ވްލަޑިމީރު ޕޫޓިން ވަރަށް އިތުބާރު ކުރައްވާ އޭނާގެ އަރިސް ބޭފުޅެކެވެ.

ޔުކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ

ދުންބާސް ސަރަހައްދުގެ ސިޓީތަކުގެ ތެރެއިން ރަޝިއާ ސިފައިންނަށް ނުހިފި މިހާރު އޮތް ހަމައެކަނި ސިޓީއަކީ ލިސިޝެންސްކް އެވެ. އެ ސިޓީ ހިފުމަށްޓަކައި އެއްގަމު މަގުން އެސިޓީ ހިސާރު ކުރުމުގެ މަސައްކަތް ރަޝިއާ ސިފައިން މިހާރުވަނީ ފަށާފައި ކަމަށް ޔޫކްރެއިންގެ ދިފާއީ ވުޒާރާ ބުނެއެވެ.

ސިއެވޮރޮދޮނެޔެސްކް ރަޝިއާ ގެ އަތްދަށަށް ދިޔުމާ އަދި ހުޅަނގުގެ ބަރުހަތިޔާރާއެކުވެސް ރަޝިއާ ސިފައިންގެ ކުރިމަތީގައި މަޑުމަޑުން ޔުކްރެއިން ސިފައިން ބަލިވަމުންދާކަން އެނގެމުންދާތީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ސުލްހައިގެ ވާހަކަތަކުގައި ޔުކްރެއިން ބޮޑެތި ދޫތަކެއް ރަޝިއާއަށް ދޭންޖެހިދާނެކަމުގެ ބިރު ހީވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔުކްރެއިންގައި ރަޝިއާ މިހާރުވަނީ ހަނގުރާމައިގެ ސްޓައިލް ބަދަލުކޮށް ދިގުމުއްދަތަކުން ކާމިޔާބު ހާސިލްވާގޮތަށް ހަނގުރާމަ ދިގުދެންމުގެ ސްޓްރެޓެޖީ އެއް ބޭނުންކުރަން ފަށާފައެވެ. މިއީވެސް ޔުކްރެއިން އަށް އެހީތެރިވާ އެމެރިކާއާއި ޔޫރަޕް ވަރަށް ކަންބޮޑުވާ ކަމެކެވެ.

ސަބަބަކީ ހަނގުރާމަ ދިގު ދެންމުމުން ޔުކްރެއިންއަށް ލިބޭނެ ގެއްލުން ބޮޑުވެފައި ޔުކްރެއިން ހަނގުރާމައަށް އެމެރިކާއާއި ޔޫރަޕުން ކުރަންޖެހޭ ޚަރަދުތައް ބޮޑުވާނެތީއެވެ.

އަދި ރަޝިއާ އާ އަޅާބަލާއިރު ޔުކްރެއިން އަކީ އާބާދީ ކުޑަ ގައުމެއްކަމުން ހަނގުރާމަ ދިގުދެންމުމުން ޔުކްރެއިންގެ ޒުވާނުން ގިނަ އަދަދަކަށް މަރުވެ އަދި ޒަޚަމްވެ އަތްފައި ބުރިވެ ނުކުޅެދޭ ހާލަތަށް ދާ ޒުވާނުން ގިނަވުމުން ޔުކްރެއިންގެ ޒުވާންޖީލު ހަނގުރާމައިގާ ފަނާވެގޮސް ރަޝިއާއަށް އަމާން ދޭން ޔުކްރެއިންއަށް މަޖުބޫރުވެދާނެތީއެވެ. ހަނގުރާމައިގާ ޔުކްރެއިންގެ ޒުވާން ތައުލީމީ ޖީލު ހަލާކުވެދާނެކަމުހގެ ބިރު ޔުކްރެއިން އިންވެސް މިހާރުވަނީ އިހުސާސް ކުރަންފަށާފައެވެ.

ޔުކްރެއިންގައި މިހާރު ހަނގުރާމަ ކުރަނީ އެގައުމުން ބިނާކޮށްފައިވާ ތައުލީމީ ޖީލުގެ ޒުވާނުންނެވެ. އެޖީލުގެ ބޮޑުބައެއް ފަނާވެއްޖެނަމަ ރަޝިއާގެ ޝަރުތުތަކަށް ބޯލަބައިގެން ރަޝިއާއަށް އަމާންދޭން ޔުކްރެއިންއަށް މަޖުބޫރުވެދާނެކަމުގެ އިންޒާރު ޔުކްރެއިންގެ މުފައްކިރުންނާއި ތަޖުރިބާކާރުންވަނީ ދީފައެވެ.

ރަޝިއާގެ މަގްސަދު ހާސިލް ނުވަނީސް ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖުބޫރު ކުރެވޭވަރުގެ އިގްތިސާދީ ބާރު އެމެރިކާއާއި ޔޫރަޕްގައި މިހާރު ނެތްކަން ޔުކްރެއިން ހަނގުރާމައިންވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައެވެ.

އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް 70 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް ރަޝިއާ އިނދަޖައްސާލުމުގައި އެފިޔަވަޅުތައްވަނީ މުޅިން ނާކާމިޔާބުވެފައެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުތައްވެސް ކުރިޔަށްވުރެ މިހާރު ރަޝިއާއަށް ކުޑައެވެ.

އޭގެބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު މިހާރުވަނީ ޚުދު އެމެރިކާއަށާއި ޔޫރަޕަށް އަދި ޚާއްސަކޮށް ޔޫރަޕަށް ވަރަށްބޮޑަށް ކުރަންފަށާފައެވެ.

ޚާއްސަކޮށް ރަޝިއާގެ ގޭހަށް ޔޫރަޕް ބަރޯސާ ވެފައިއޮތް މިންވަރުން ޔޫރަޕްގެ އިގްތިސާދަކީ ހުޅަނގުގެ މިޑީއާއިން ޕްރޮޕަގެންޑާ ކުރަމުންދިޔަ ވަރުގެ މުސްތަގިއްލު އަދި ހުރިހާކަމެއް ފުރިަހަމަ އިގްތިސާދެއް ނޫންކަމާއި ޔޫރަޕްގެ އިއްތިޙާދުގެ އިގްތިސާދަކީ އެއަށްވުރެ މާބަލިކަށި އަދި ހަކަތައިގެ ދާއިރާގައި އެހެން ގައުމުތަކަށް (ޚާއްސަކޮށް ރަޝިއާއަށް) ބަރޯސާ ވާންޖެހޭ ހާލަތުގައި އޮތް ބަލިކަށި އިގްތިސާދެއްކަންވެސްވަނީ ހާމަވެފައެވެ.

ރަޝިއާއިން މިހާރުވަނީ ޔޫރަޕަށް ގޭސް އެކްސްޕޯޓްކުރާ ވަރު މަދުކޮށް ގޭހުގެ ޔަގީންކަން ކުޑަވާގޮތަށް އަމަލުކުރަން ފަށާފައެވެ. މިކަން ކުރަން ރަޝިއާއަށް ކެރެނީ ޔޫރަޕް ރަޝިއާގެ ގޭހަށް ބަރޯސާވާމިންވަރު ރަޝިއާ އަށް ވަޒަންކުރެވޭތީއެވެ.

ރަޝިއާގެ މިއަމަލުގެ ސަބަބުން ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަރުމަނު ވަނީ ކައިރި މުސްތަގްބަލެއްގައި ހަކަތަ ނުލިބިގެން ޖަރުމަނުގެ ބައެއް އިންޑަސްޓްރީތައް (ސިނާއަތްތައް) ހުއްޓާލަންޖެހިދާނެކަމުގެ ބިރު އޮތްކަން ހާމަކޮށްފައެވެ. އަދި ކުރިޔަށް އޮތް ފިނިމޫސުމުގައި ރަޝިއާއިން ގޭސް މަދުކޮށްލައިފިނަމަ ޔޫރަޕްގެ އެތަށްގައުމެއްގެ ރައްޔިތުން ގަދަފިނިން ސަލާމަތް ކުރެވޭނެ ގޮތެއް ނޯންނާނެކަމުގެ އިންޒާރު ޔޫރަޕްގެ ބައެއް ތަޖުރިބާކާރުންވަނީ ދެއްވާފައެވެ.

comment ކޮމެންޓް