ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަ ކުރާނެ، މާދަމާ ކަނޑު ގަދަވާނެ: މެޓް

ޖުލައި 7، 2021: މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތިން ދުވަސް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓުން ވަނީ މިއަދު، ކ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދު ވައިޓް އެލާޓް ނެރެފައެވެ. އެލާޓްގައި ވާގޮތުން، މިއަދު ހަވީރާ ހަމައަށް އެ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން "ސަން" އަށް ބުނީ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަ ވުމަށްފަހު ދެތިން ދުވަހަކަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެފަހުން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށެވެ.

"މިހާރު މި ކުރާ ވިއްސާރަ [ދެމިންދާނެކަމަށް] އަދި ލަފާކުރެވެނީ، އެންމެ ގިނަވެގެން މަންޑޭއާ ހަމަޔަށް،" މެޓުން ބުންޏެވެ.

މިއަދާ މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. ނަމަވެސް ވައި ގަދަވާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރެއަށް ކަމަށްވެސް މެޓުން ލަފާކުރެއެވެ.

އާއްމުވައި، 13 މޭލާއި 23 މޭލާ ދެމެދުގައި މި ތިން ދުވަހު ހުންނާނެ ކަމަށާއި ވިލާގަނޑުގައި 40 ނުވަތަ 45 މޭލަށް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

https://sun.mv/165929

މީގެ އިތުރުން، މާދަމާ ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ހޯމަ ދުވަހުގެ މެންދު ކުރިން ކޮންމެވެސް ވަރަކަށް ކަނޑު ގަދަވާނެ ކަމަށާއި މެންދުރު ފަހުން ފެށިގެން މަޑުވާނެކަމަށް މެޓުން ބުންޏެވެ.

comment ކޮމެންޓް