ވިލިމާލޭގައި ކުރާ ފައިބަރު މަސައްކަތް، ބަދަލުކުރާނެ ތަނަކާ ބެހޭގޮތުން އަލުން މަޝްވަރާއަކަށް

ވިލިމާލެ -- ސަން ފައިލް ފޮޓޯ

ވިލިމާލޭގައި ކުރާ ފައިބަރު މަސައްކަތް، ބަދަލުކުރާނެ ތަނަކާ ބެހޭގޮތުން އަލުން މަޝްވަރާއަކަށް ދާން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ވިލިމާލޭގައި މިވަގުތު ފައިބަރުގެ މަސައްކަތް ކުރަނީ، އެރަށު ހުޅަނގު ދެކުނު ފަރާތުގައި ހަދާފައިވާ ފައިބަރު ބޯޓްޔާޑުގައެވެ. ނަމަވެސް ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތަށް ހުޅަނގު ދެކުނު ފަރާތް ބޭނުން ކުރަން ޖެހޭތީ، ފައިބަރުގެ މަސައްކަތް އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނެވެ.

އެގޮތުން ފައިބަރު މަސައްކަތް ކުރުމަށް ކައުންސިލުން ކަނޑައެޅީ ވިލިމާލޭގައި ހުންނަ ވެމްކޯ ސަރަހައްދުގައި ހަރުގެއެއް އެޅުމަށެވެ. ނަމަވެސް ތަން ބަދަލު ކުރުމަށްޓަކައި އެ ސަރަހައްދު އަތިރިމަތިން ރުއްގަސް ނަގަން ޖެހޭތީ، ގިނަ ބަޔަކު އެކަމާ ނުރުން ފާޅުކުރިއެވެ. އަދި މުޒާހަރާވެސް ކުރިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ފައިބަރު މަސައްކަތް ބަދަލުކުރާނެ ތަނެއް ކަނޑައަޅަން، އަންނަ ޖުލައިމަހުގެ ފުރަތަމަ ހަފުތާތެރޭގައި ވިލިމާލޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ، ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

"މިކަމާ ގުޅޭގޮތުން އަދި މުޅި މައްސަލައާ ގުޅޭގޮތުން ވަރަށް ގިނަ ހިޔާލުތަފާތުވުން އުޅޭތީ، ނިންމާފައި ވަނީ ޖުލައި ފުރަތަމަ ހަފުތާގެ ތެރޭގައި، ވިލިމާލޭގައި އަދި ވިލިމާލޭގެ ހުރިހާ ރައްޔިތުންނަށް ފުރުސަތު ދީގެން، ފައިބަރު މަސައްކަތް ކުރާ ފަރާތްތަކުގެ ފަރާތުންވެސް ބައިވެރިވާ ގޮތަށް، އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށްވެސް ދައުވަތު ދީގެން އިންތިޒާމުކުރާ މަޝްވަރާ ބައްދަލުވުމެއް ބާއްވަން،" މޭޔަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ވާހަކަ ދައްކަން ބޭނުންވާ ހުރިހާ ފަރާތަކެއްގެ ކަންބޮޑުވުންތައް އެއް ފޯރަމެއްގައި ތިބެގެން، ބިނާކުރަވިނި ވާހަކަތަކެއް ދެކެވި، ގިނަ މީހުންނަށް އެއްބަސްވެވޭ، އެންމެންނަށް އޭގެ ފައިދާ ކުރާނެ ހައްލެއް ގެނެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން މިހާރު ނިންމާފައިވާ ގޮތާ ދެކޮޅު ހަދާފައިވާ ކަމަށާއި، އޭގެ ތެރޭގައި ތިލަފުއްޓަށް ދާއިމީ ގޮތެއްގައި ބަދަލުވާން ބޭނުންނުވާ މީހުނާއި ވިލިމާލޭގައި މިކަން ކުރުމަށް އެއްކޮށް ދެކޮޅުހަދާ މީހުންވެސް އެބަތިބި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފައިބަރު މަސައްކަތް ކުރުމަށް ތިލަފުށިން އެކަށީގެންވާ ސައިޒެއްގެ ބިމެއް ހަމަޖައްސަން މިއަދު އެޗްޑީސީއަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް