ސިންގަޕޫރުން މަކުނުވިދުރީގެ ފުރަތަމަ ކޭސް ފެނިއްޖެ

"މޮންކީޕޮކްސް ވައިރަސް ޕޮސިޓިވް އަދި ނެގެޓިވް" ލޭބަލް ޖަހާފައިވާ ޓެސްޓް ޓިއުބްތަކެއް --- ފޮޓޯ / ރޮއިޓާސް

ސިންގަޕޫރުން ފުރަތަމަ ފަހަރަށް މަކުނުވިދުރީގެ ކޭސްއެއް ފެނިއްޖެއެވެ.

ސިންގަޕޫރުން މަކުނުވިދުރި ޖެހިފައި ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ، ފިރިހެން ފްލައިޓް އެޓެންޑެންޓަކަށެވެ.

އެގައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިޖޫން މަހުގެ މެދެއްހާ ހިސާބުގައި އެ މީހާ ސިންގަޕޫރަށް އައިސް ގޮސްހަދާފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަކުނުވިދުރި ފެތުރެމުން ދާއިރު މިއީ ދެކުނު އިރުމަތީ އޭޝިއާއިން މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ.

ސިންގަޕޫރުގެ ސިއްހީ އޮފިޝަލުން ވިދާޅުވީ އެ ގައުމުން ބަލި ޖެހިފައިވާ މީހާ މިހާރު އައިސޮލޭޝަން ވޯޑަކަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާއާ ބައްދަލުވެފައިވާ މީހުންގެ ތެރެއިން 13 މީހަކު ވެސް ވަނީ ކަރަންޓީން ކޮށްފައެވެ. އޭގެ ތެރޭގައި އޭނާ މަސައްކަތްކުރާ އެއާލައިންގެ ކްރޫ އާއި ބައެއް އެކުވެރިން ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނާ ގޮތުގައި މިދުވަސްވަރު ފެންނަމުންދާ މަކުނުވިދުރީގެ ކޭސްތަކުގެ ތެރެއިން 80 ޕަސެންޓަށްވުރެ ގިނަ ކޭސް ފެނިފައި ވަނީ ޔޫރަޕުންނެވެ. އަދި އުތުރު އެމެރިކާއާއި ދެކުނު އެމެރިކާއާއި އޮސްޓްރޭލިއާއިން ވެސް ބަލި ވަނީ ފެނިފައެވެ. އެ ބަލީގައި އެކަކު މަރުވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

އާންމު ގޮތެއްގައި މަކުނުވިދުރި ފެތުރެނީ ހުޅަނގާއި މެދުތެރޭ އެފްރިކާގެ ގައުމުތަކުގައެވެ. ނަމަވެސް މިދުވަސްވަރު އެފްރިކާއިން ބޭރުގެ ގައުމުތަކުން ގިނަ އަދަދެއްގެ މީހުންނަށް ދަނީ ބަލި ޖެހެމުންނެވެ.

މަކުނުވިދުރިއަކީ ކަށިވިދުރިއާ އެއް އާއިލާއެއްގެ ވައިރަހެކެވެ. މަކުނުވިދުރި އާންމުކޮށް ޖެހެނީ އެ ބަލި ޖެހިފައިވާ މީހަކާ ގާތްވެ، ގިނައިރު ކޮންޓްކެޓު ވުމުންނެވެ. އެއީ އެ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހިއެޅުމުގެ ތެރެއިން ކުޅާއެކު ބޭރުވާ ވައިރަސް ނޭވާލުމުގެ ޒަރީއާއިން އެހެން މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

comment ކޮމެންޓް