މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް--- ފޮޓޯ/ މަޖިލިސް

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެކަން ކޮމިޓީން ނިންމާފައިވަނީ އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެޖިސްޓްރޭޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް އެދި ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުވާފައިވާ މައްސަލައާ މެދު މަޝްވަރާ ކުރުމަށްފަހުގައެވެ.

ޖޭއެސްސީން ބުނެފައި ވަނީ، މެޖިސްޓްރޭޓުންނަށް މިހާރު ކަނޑައަޅާފައިވާ މުސާރައަކީ 2010 ވަނަ އަހަރު ކަނޑައަޅާފައިވަ މުސާރައެއް ކަމަށާއި މެޖިސްޓްރޭޓުންގެ މިހާރުގެ އޮނިގަނޑުގެ ސަބަބުން މެޖިސްޓްރޭޓުން އައްޔަނުކުރުމާ ދެމެހެއްޓުމަށް ގޮންޖެހުން ކުރިމަތިވާ ކަމަށެވެ.

މިކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ވިސްނުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފައިދާއެއް، މަންފާއެއް ވާނަމަ އެކަމަކަށް ތާއީދުކުރުން ކަމަށެވެ.

މެޖިސްޓްރޭޓުންނަކީ ރަށްރަށުގައި ވަރަށް ބުރަކޮށް އުޅުއްވާ ބޭފުޅުން ކަން ފާހަގަ ކުރައްވާ ރިޔާޒް ވިދާޅުވީ އެބޭފުޅުން ކުރައްވާ މަސައްކަތާ އެއްވަރު އުޖޫރައެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މާލީ ވަޒީރު އަދި ޕޭ ކޮމިޝަނުން މީ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ކޮމިޓީއަށް ލަފާ ދީފައިވާތީ އަދި މެޖިސްޓްރޭޓުންގެ މުސާރައަކީ މިއަހަރުގެ ބަޖެޓުގައިވެސް ހިމެނޭ ކަމަކަށް ވާތީ ހުށަހެޅުން ފާސްކުރަން ހުށަހަޅަން،" ރިޔާޒް ވިދާޅުވިއެވެ.

ނަމަވެސް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ އެ މައްސަލަ ފާސްކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މި މަހުގެ 19 ވަނަ ދުވަހު އެބައޮތް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރުއްވާފަ. އޭގަ ވަރަށް ސާފުކޮށް އެބައޮތް ބުނެފަ މުވައްޒަފުންނަށް ހިނގާ ޚަރަދުތަކުގެ ތެރޭގައި ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ދޭން ނުފެށުމަށް،" އިލްޔާސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މެޖިސްޓްރޭޓުންގެ މުސާރައަށް ގެންނަން ހުށަހަޅާފައިވާ ބަދަލާއެކު، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ޚަރަދު ކުރާ މިންވަރު އަހަރަކު 3.1 މިލިއަން ރުފިޔާއިން 6.9 މިލިއަން ރުފިޔާއަށް އިތުރު ވާނެ ކަމަށެވެ. އެހެންކަމުން މިވަގުތަކީ މި ބަދަލު ގެންނަން ޖެހޭ ވަގުތު ކަމަށް ނުބެލެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ މައްސަލައިގެ އިތުރުން ކޮމިޓީން ވަނީ ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރަމުންދާތީ ހަތަރު މަސް ދުވަހަށް ގާޒީންނަށް އިނާޔަތެއް ދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހަޅާފައިވާ މައްސަލައާ މެދުވެސް މަޝްވަރާކޮށް އެކަން ފާސްކޮށްފައެވެ.

ޑީޖޭއޭއިން ހުށަހަޅާފައިވަނީ ބެކްލޮގް ހުސްކުރަމުންދާ ގާޒީންނަށް އިތުރު ވަގުތު މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ.

ކޮމިޓީން އެ ކަންތައްތައް ފާސްކުރި ނަމަވެސް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުމާއެކު ގާޒީންނަށް އިނާޔަތް ދޭނީ މަޖިލީހުގެ ތަޅުމުން އެކަން ފާސްކުރުމުންނެވެ.

comment ކޮމެންޓް