ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ބެލެނިވެރިކަން ނަގަން ހަދާނީ ކިހިނެއް؟

ފުނަދުއަށް ގެންދިޔަ ކުދިންތައް-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ދެހާސް ނަވާރަ ވަނަ އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދެ ކުދިން ފޯސްޓާކުރި ދެމަފިރިއަކު، އެ ކުދިންގެ އާއިލާގައި ތިން ވަނަ ކުއްޖެއް ހުރިކަން އެނގިގެން އެ ކުއްޖާވެސް ފޯސްޓާ ކުރިއެވެ. އަދި އޭގެ ފަހުން، އެ އާއިލާގެ ހަތަރުވަނަ ކުއްޖެއް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިކަން އެނގިގެން، މިހާރު ވަނީ އެ ކުއްޖާ ފޯސްޓާ ކުރުމަށް ވެސް އެދިފައެވެ.

މިއީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވުނު، އެއް އާއިލާއެއްގެ ކުދިންތަކެއް، އަލުން ބައްދަލުވެ، އެހެން ތަނެއްގައި އެކުއެކީ ބޮޑުވުމަށް ލިބުނު ފުރުސަތެއްގެ ވާހަކައެވެ.

ކުދިން ދައުލަތަށް ނަގަކީ ކީއްވެ؟

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާ ޕްރޮސަސް އަކީވެސް ވަރަށް ދިގު ޕްރޮސެސަސްއެކެވެ.

ބީއެމްއެލްގެ މުވައްޒަފުން ހުޅުމާލޭ ފިޔަވަތި ހިޔާގައި، އެތަނުގެ ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރަނީ -- ފޮޓޯ/ބީއެމްއެލް

ކަމެއް ނުވަތަ ހާދިސާއެއް ދިމާވުމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސް (ސީއެފްޕީއެސް) އިން ފުރަތަމަ ބަލާނީ، އެ އާއިލާ ތެރޭގައި އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ އެއްވެސް ފަރާތެއް ހުރިތޯއެވެ. ހުރެއްޖެ ނަމަ އިސްކަން ދޭނީ އާއިލާ ތެރެއިން މީހަކާ ހަވާލު ކުރުމަށެވެ.

ކުދިން ދައުލަތަށް ނެގޭ ސަބަބުތަކުގެ ތެރޭގައި، ގޭތެރެއިން ޖިސްމާނީ، ނަފްސާނީ ނުވަތަ ޖިންސީ އަނިޔާ ލިބުން އަދި ނިގްލެކްޓްކުރުން ހިމެނެއެވެ.

އެފަދަ ކަމެއް ދިމާވެއްޖެނަމަ ސީއެފްޕީއެސްއިން ބެލެނިވެރިންނާ ވާހަކަ ދައްކައިގެން، ކުއްޖާއަށް ގޭތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭތޯ ބަލައެވެ. ނަމަވެސް އެ ރައްކާތެރިކަން ފޯރުކޮށް ނުދެވޭނެ ކަމަށްވާނަމަ، އަދި ކުދިންނަށް ދިގު މުއްދަތަކަށް އިހުމާލު ވަމުންދާނަމަ ކުދިން ދައުލަތުން ރައްކާތެރިކަން ދެއެވެ.

މީގެ އިތުރުން، މައިންބަފައިންނަށް ދިމާވާ ކުއްލި ހާލަތްތަކާ ގުޅިގެންވެސް ދައުލަތަށް ކުދިން ނަގައެވެ. އޭގެ ތެރޭގައި، ކުއްޖާ ބަލަހައްޓަމުންދާ މީހާ ނިޔާވުން ނުވަތަ ބޮޑު ބައްޔެއްވުން ނޫނީ އެފަދަ ފަރާތެއް ޖަލަށް ދާން ޖެހުން ހިމެނެއެވެ. މިއިން ހާލަތެއް ދިމާވާއިރު ދެން އާއިލާގެ ތެރެއިން ކުއްޖާ ބަލާނެ މީހަކު ނެތް ނަމަ، ހެދޭ އެސެސްމަންޓަކަށްފަހު، ކުއްޖާ ހުރި މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވެފައި، ކުއްޖާއަށް އެހެން ގޮތަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ނަމަ އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެއެވެ.

ފޯސްޓާ ކުރުމަކީ ކޮބާ؟

ކުދިން ފޯސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަން، ދައުލަތުގެ ފަރާތުން، އާއިލާ ނޫން އެހެން ފަރާތްތަކަށް ހަވާލުކުރުމެވެ.

މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 203 ކުދިން އެބަތިއްބެވެ.

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސްގެ ޑިރެކްޓަރު ފައްޒަ ފުއާދު ވިދާޅުވި ގޮތުގައި، ފޯސްޓާ ކުރުމުގައި މީގެކުރިން ބޮޑު ބެކްލޮގެއް އުޅުނު ނަމަވެސް، އެ ބެކްލޮގް ކްލިއާކޮށް، މިހާރު ކުދިން ފޯސްޓާ ކުރުމުގަައި، އެންމެ އަވަހަށް ނިމޭ ކޭސްތަކުގައި ތިން މަސް ވެސް ހޭދަވެއެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މުއްދަތު އިތުރުވެއެވެ.

ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންތަކެއް: -- ސަން ފައިލް ފޮޓޯ

ކުދިން ފޯސްޓާކޮށްގެން ބެލުމަކީ އެ ކުދިންނަށް އަދި މުޖުތަމައަށްވެސް އެކަމުން ފައިދާ ކުރާނެ ކަމެކެވެ.

"މިހާރުގެ ހޯދުންތަކުންނާއި ރިސާޗުން ދައްކަނީ، އިންސްޓިޓިއުޝަންއެއްގަ ބޮޑުވުމަށްވުރެން، އާއިލާއެއެއްގެ ތެރޭގައި ބޮޑުވުމޭ [ކުދިންނަށް] އެންމެ ފައިދާ ކުރާނެ ގޮތަކީ،" ފައްޒަ ވިދާޅުވިއެވެ.

އާއިލާއެއްގެ ލޯބިން މަހުރޫމުވެ، މަރުކަޒެއްގެ ތެރޭގައި ބޮޑުވާން މެދުވެރިވާނަމަ އެ ކުދިންނަކަށް ދިރިއުޅުމުގެ ކަންކަން ދަސްކުރުމަށް ދަތިތަކާ ކުރިމަތިވެއެވެ.

ކުދިން ފޯސްޓާ ކުރަން ހަދާނީ ކިހިނެތް؟

ކުއްޖަކު ފޯސްޓާ ކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ފޯމެއް ފުރުމެވެ. 12 ވަރަކަށް ސަފްހާގެ އެ ފޯމު އެހާ ދިގުވެފައި ބައިވަރު ޑޮކިއުމެންޓްތައް ހުށަހަޅަން ހުންނަނީ، ފޯސްޓާ ކުރަން ޝަރުތު ހަމަވޭތޯ ބެލުމަށް ކަމަށް ސީއެފްޕީއެސް އިން މައުލޫމާތުދެއެވެ.

ފޯމު ފުރައި، ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު ސީއެފްޕީއެސްއަށް ހުށަހެޅުމުން އެސެސްމަންޓެއް ހަދާނެއެވެ. އޭގެ ބޭނުމަކީ ފޯސްޓާ ކުރަން އެދޭ މީހުންގެ ދިރިއުޅުމުގެ ހާލަތަކީ ކޮބައިތޯއާއި އާމްދަނީއަކީ ކޮބައިތޯއަދި ގޭގެ ކަންތައްތައް ހަމަޖައްސަނީ ކިހިނެތްތޯ ބެލުމެވެ.

ގާތްގަނޑަކަށް ދޭއް ނުވަތަ ތިން ހަފްތާގެ މުއްދަތެއް ހޭދަވާ މި އެސެސްމަންޓް ނިމުމުން ރީ އިންޓަގްރޭޝަން ކޮމިޓީއަކަށް ފޮނުވައެވެ. ނުވަ މެމްބަރުން ހިމެނޭނެ އެ ކޮމިޓީގެ ފަރާތުން، ގަވާއިދުގައި ހުރި ޝަރުތުތައް ހަމަވޭތޯ ބަލާނެއެވެ. ޝަރުތު ހަމަވާނަމަ، އެސެސްމަންޓްގައި ހުރި ކަންކަމަށް ބަލާނެއެވެ. އެއަށްފަހު އެމީހަކީ ކުއްޖަކު ފޯސްޓާކުރަން އިތުރަށް ކަންކަން ފުރިހަމަކުރަން ފެންނަ މީހެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ މި ކޮމިޓީއިންނެވެ.

އެއަށްފަހު ދެން އޮންނާނީ އިންޓަވިއު ކުރުމެވެ. މި އިންޓަވިއު މިހާރު އޮންލައިންކޮށްވެސް ކުރެވެއެވެ. އިންޓަވިއުއަށްފަހު، ކުއްޖަކު ހަވާލު ކުރަން އެޕްރޫވަލް ލިބެއެވެ. އެއީ ކުއްޖަކު ބެލިދާނެ ވަރުގެ ގާބިލުކަން ހުރި ފަރާތެއްކަން ކޮމިޓީއަށް ޔަގީންވުމުންނެވެ.

އެޕްރޫވަލްއަށް ފަހު އޮންނާނީ މެޗިން ޕްރޮސެސްއެވެ. ފޯސްޓާ ޕޭރެންޓުން ބޭނުންވާ އުމުރެއްގެ ކުއްޖެއް ދައުލަތުގެ ބެލުމުގެ ދަށުގައި ނެތްނަމަ ޖެހޭނީ ވެއިޓިންލިސްޓުގައި ޖަހާށެވެ. ނޫންނަމަ އެހެން އުމުރެއްގެ ކުއްޖެއްވެސް ނެގިދާނެއެވެ.

ހަ މަހުން ދަށުން ފެށިގެން 15 އަހަރުން މައްޗާ ހަމައަށް ކުދިން ފޯސްޓާ ކުރެވެއެވެ.

ފޮސްޓާ ކުރަން ޝަރުތުހަމަވާ ކުދިންގެ ތެރެއިން މެޗް ކުރުމަށްފަހު އެ ކުއްޖެއްގެ ޕްރޮފައިލް ކޮމިޓީއަށް ގެންދެއެވެ.

މެޗް ކުރުމަށްފަހު ދެން އޮންނާނީ ހަދަންޖެހޭ އެސެސްމަންޓް ތަކެކެވެ. އެ ހުރިހާ ލިޔެކިޔުމަކާ އެއްކޮށް ފޮނުވާނީ އޭޖީ އޮފީހަށެވެ. ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން އެފަރާތާ ހަވާލު ކުރުމުގެ މައްސަލަ ފެމެލީ ކޯޓަށް ހުށަހަޅާނީ އޭޖީ އޮފީހުންނެވެ. ކުއްޖާގެ ގާނޫނީ ބެލެނިވެރިކަމާމެދު ގޮތެއް ކަނޑައެޅުުގެ މައްސަލަތައް ނިންމަން ފެމެލީ ކޯޓަށް 60 ދުވަސް ލިބެއެވެ.

އޭގެފަހުގައި އޮންނާނީ ސީއެފްޕީއެސްއިން ކުރިއަށް ގެންދާ ޓްރާންސިޝަން މާރުހަލާއެވެ. އެއީ ކުއްޖާ ފޯސްޓާ ޕޭރެންޓާ ހަވާލު ކުރުުމުގެ މަރުހަލާއެވެ. އެކަމުގައި ކުއްޖާއާ ފޯސްޓާ ޕޭރެންޓާ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވެއެވެ. އެއަށްފަހު އެގްރިމަންޓެއްގައި ސޮއިކުރުމަށްފަހު ކުއްޖާ ހަވާލު ކުރާނީއެވެ.

ފޯސްޓާ ކުރުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް؟

ޝެއިން އަޙްމަދު ސަމީރު ވިދާޅުވި ގޮތުގައި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މާތް، މަތިވެރި ކަމެކެވެ. އެފަދަ ކުދިންނަށް، ވެވެން އޮތް ވަރަކުން އެހީތެރިވެދިނުމަށް އިސްލާމްދީން ބާރުއަޅާ ކަމަށް ސަމީރު ވިދާޅުވިއެވެ.

ދައުލަލުން ކިތައްމެ ޚަރަދެއް ކޮށް، ކާންބޯން ދިނުމާއި ހިޔާވަހިކަން ދިން ނަމަވެސް އެ ކުދިންނަށް މަދުވާ އާއިލީ ލޯބި އެއީ ނަފްސާނީ އަދި ޖިސްމާދީ ހެދިބޮޑުވުމަށް މުހިންމު އެއްޗެއް ކަމަށް ސަމީރު ފާހަގަ ކުރެއްވިއެވެ.

ފޯސްޓާ ކުރުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ސީއެފްޕީއެސްގެ ނަންބަރު: މަ3027616 / 3027572 އިން އެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

comment ކޮމެންޓް