ރީޖަނަލް ޕޯޓުތަކުގެ ސިޔާސަތަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް

އެމްޕީއެލްގެ ސްޓްރަކްޗާ ބަދަލުކޮށް މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ވަނީ ގެނެސްފަ -- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސްޓްރަކްޗާ ބަދަލުކޮށް, ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އެމްޕީއެލްގެ ބޯޑު މެމްބަރުން އިއްޔެ ވަނީ އެ ކުންފުނީގެ ދަށުން މެނޭޖް ކުރަމުން އަންނަ ހިތަދޫ ރީޖަނަލް ޕޯޓުގެ މުވައްޒަފުންނާ ބައްދަލުކޮށް، އަލަށް ފާސްކުރި ސިޔާސަތުތަކާއި މުވައްޒަފުންގެ ކުރިއެރުމަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.

ހިތަދޫ ޕޯޓުގައި ބޭއްވި ބޯޑު މީޓިންތަކުގައި ވަނީ ގިނަ ޕޮލިސީތަކެއް ފާސްކޮށް، ރީޖަނަލް ޕޯޓުތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ، މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

ރީޖަނަލް ޕޯޓުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެމްޕީއެލްގެ ބޯޑުން ފާސްކޮށްފައިވާއިރު، އަންނަ މަހުގެ މުސާރައާއެކު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެ ބަދަލުތައް އަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ ރިޓަޔާމަންޓް ޕޮލިސީއަށް ވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން އާލީ ރިޓަޔަމަންޓްގެ ގޮތުގައި ރިޓަޔާކުރާނީ 65 އަހަރުވުމުން ކަމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.

މިކަންކަމުގެ އިތުރުން މާލީ އެހީ ދޭ ސިޔާސަތާއި ކޯޑް އޮފް ކޮންޑަކްޓާއި އިތުރު ސިޔާސަތުތައް ވެސް އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް