ސިޔާސީ ޕާޓީތަަކަށް މީހުން ވެއްދުމާއި ވަކިކުރާ އުސޫލާ ގުޅޭ މައްސަލަ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީޤު --- ފޮޓޯ/ މަޖިލިސް

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައިއާއި ޕާޓީތަކުން ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން ރައްޔިތުންނާއި ޕާޓީތަކުން ކަންބޮޑުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައި ވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގު ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި އަދި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމާއި، ވަކި ކުރުުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމަލުކުރަމުން ދާކަމަށެވެ.

"ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ 'ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ހައްގު' ގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރޭ،" ޝަފީގް ވިދާޅުވިއެވެ.

ޝަފީގް ވިދާޅުވީ އެފަދަ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ހައްގާއި އިޚްތިޔާރު ގެއްލޭ ކަމަށެވެ.

މީގެ އިތުރުން އެފަދަ މައްސަލަތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ވެސް ޝަފީގް ވިދާޅުވިއެވެ.

އެފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމުގެ ފުރުސަތު އޮތްކަން ފާހަަގަކުރައްވާ މެންބަރު ވިދާޅުވީ ގާނޫނާއި ގަވައިދާ ޚިލާފަށް އެކަން ތަކުރާރުކޮށް ހިނގަމުންދާކަމަށެވެ.

މީގެ ކުރިން މެންބަރު ޝަފީގް ވަނީ، އޭނާގެ މަަންމަ އާއި ބައްޕައަށް ނޭނގި އެ ދެ މީހުން އަދާލާތު ޕާޓީއަށް ވައްދާފައިވާ ކަމަށާއި އެއީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީން ގުޅިގެން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

ނަމަވެސް އަދާލަތު ޕާޓީން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ ޕާޓީގެ ތެރެއިން އެފަދަ ކަމެއް ނުވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް