ކޮވިޑް ކޭސްތައް އިތުރުވިޔަސް ފިޔަވަޅު އެޅުމުގެ ވިސްނުމެއް އަދި ނެތް: އެޗްޕީއޭ

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފައިލް ފޮޓޯ

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮވެފައި އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށާއި، ނަމަވެސް ކޭސްތައް އިތުރުވުމާ ގުޅިގެން ފިޔަވަޅުތައް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް, ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑްގެ ކޭސްތައް މިދުވަސްވަރު ގިނަވަމުންދާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާކަމަށެވެ.

އެކަމާ ގުޅިގެން އެޗްޕީއޭގެ އޮފިޝްލަކު މިއަދު "ސަން" އަށް ވިދާޅުވީ، ކޮވިޑާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ނެތުމާއެކު، އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. އެހެންކަމުން މިވަގުތު އެޗްޕީއޭއިން ކުރާނެ ކަމަކީ ޑޭޓާތައް ވަރުގަދަކޮށް، މޮނިޓާ ކުރުން ކަމަށެވެ.

"ކުރިއާލާ ޕަބްލިކް އެޑްވައިޒަރީއެއް ނެރުމުގެ ބޭނުމަކީވެސް [ކޭސްތައް] އިތުރުވާކަން އެލާޓްކޮށް، ޕަބްލިކް އިން ޕްރިކޯޝަނަރީ މެޝާސް ކުރިއާލާ ނެގުމަށް،" އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނީ، ކުރިއަށް އޮތް ސްކޫލު ބަންދުގެ ކުރިންވެސް ކޭސްތައް މަދު ކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އާއްމުން އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

އެހެންކަމުން މާސްކު އެޅުމާއި ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، ކޮވިޑުން ދިފާއު ވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން، ބޫސްޓާ ޑޯޒް ޖެހުމަށާއި، އުމުރުން 12 އަހަރު ފުރޭ ކުދިންވެސް ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިދިޔަ ހަފުތާގައި ކޮވިޑްގެ 142 ކޭސް ވަނީ ފެނިފައެވެ. އެޗްޕީއޭއިން ބުނީ މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 60 ޕަސެންޓުގެ އިތުރުވުމެއްކަމަށެވެ. އަދި ސާމްޕަލް ޕޮޒިޓިވިޓީއާއި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވާކަމަށް އެޕްޕީއޭގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އެޗްޕީއޭއިން އިލްމާސްކުރީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާ ވެސް އަވަހަކަށް މީހުންނާ އެކަހެރިވެ ޓެސްޓުކުރުމަށެވެ. އަދި ބަލީގެ އަލާމާތެއް ފެންނަނަމަ ނުވަތަ ގިނަ މީހުންގެ ތެރޭގައި އުޅޭނަމަ މާސްކު އަޅަން އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން، މުޅި އާބާދީން ބޫސްޓާ ޑޯޒް ޖަހާފައި ވަނީ މިހާތަނަށް35 ޕަސެންޓް މީހުންނެވެ.

comment ކޮމެންޓް