ޒުވާން ކީޕަރު ސްލޮނީނާ ހޯދުމުގެ ރޭހުގައި ރެއާލް ފަހަތަށް ޖައްސާލުމަށްފަހު ޗެލްސީ ކުރިއަށް

ޗިކާގޯ ފަޔާގެ ގޯލްކީޕަރު ގަބްރިއާލް ސްލޮނީނާ---

އެމެރިކާގެ ޗިކާގޯ ފަޔާއަށް ކުޅޭ އުމުރުން 18 އަަހަރުގެ ޒުވާން ކީޕަރު ގަބްރިއާލް ސްލޮނީނާ ހޯދުމަށް ސްޕެއިންގެ ޗެމްޕިއަން، ރެއާލް މެޑްރިޑްގެ އިތުރުން ޗެލްސީން ގަދަ ހިފުމަކަށް ނިކުމެއްޖެއެވެ.

މީގެ ކުރިން ރެއާލުން ގަބްރިއާލް ސްލޮނީނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށް އޭނާ އެ ޓީމަށް ބަދަލުވާން އުޅޭކަމުގެ އަޑު ގަދަވެފައިވަނިކޮށް ސްލޮނީނާ ހޯދުމުގެ ރޭހަށް ޗެލްސީން ވަނީ ވަދެފައެވެ.

ފުޓުބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރޭ ބުނީ ސްލޮނީނާ ޗެލްސީއަށް ގުޅުމާ ވަރަށް ގާތްވެފައިވާކަމަށެވެ. މިހާރު ކަންކަން ކުރިއަށްދާ ގޮތުންނަަމަ ވަރަށް އަަވަހަށް އޭނާ ޗެލްސީއާ ގުޅޭނެކަމަށް ވެސް ފަބްރީޒިއޯ ވަނީ ބުނެފައެވެ.

ރެއާލުން މިދިޔަ ހަފްތާގެ ތެރޭގައި ސްލޮނީނާ ހޯދުމަށް ހުށަހެޅި ބިޑް ޗިކާގޯ ފަޔާއިން ބަލައިނުގަތުމުން ރެއާލުން އާ ބިޑަށް ހުށަހެޅުމަށް ތައްޔާރުވެފައި ވަނިކޮށް ޗެލްސީން ވަނީ ރެއާލުން ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވަމުންދާ ޗެލްސީން ދަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސެވިއްޔާގެ ޒުވާން ޑިފެންޑަރު ޖޫލްސް ކުންޑޭ ހޯދުމުގެ މަސައްކަތް ވެސް ދަނީ އެ ޓީމުން ކުރަމުންނެވެ.

މީގެ އިތުރުން ބާޔާން މިއުނިކް ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ ރޮބާޓް ލެވެންޑޯސްކީއަށް ވެސް އެ ޓީމުން ދަނީ ފާރަލަމުންނެވެ. އަދި ޕީއެސްޖީގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ ހޯދުމަށް ވެސް ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ޗެލްސީއަށް އާ ކުޅުންތެރިން ހޯދާއިރު އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެ ޓީމު ދޫކޮށްލާނެކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ކެސާ އަޒްބްލިކުއަޓާގެ އިތުރުން މާކޯސް އެލެންސޯ އަދި ރޮމެލޫ ލުކާކޫ އެ ޓީމު ދޫކޮށްލާނެކަމަށް ވަނީ ބެލެވިފެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީގެ ފަހަތަށް ކުޅޭ އަންދްރޭސް ކްރިސްޓެންސެން ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން ވަނީ ތައްޔާރުވެފައެވެ. އަދި އެލެންސޯގެ އިތުރުން އަޒްބްލިކުއަޓާ ހޯދުމަށް ވެސް ބާސާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް