ގޭބިސީތަކުން އުކާލާ ދުވަހު ކުނި، ރަނގަޅަށް ވަކިކުރަނީ 15 ޕަސެންޓް ގޭބިސީން ކަމަށް, ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.
ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ، ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުން ހައްލު ކުރުމުގެ ގޮތުން، ތިން ބަޔަކަށް ބައި ކޮށްގެން ކުނި ނެރެން ވެމްކޯއިން އެންގީ މި މަހުން ފެށިގެންނެވެ.
މާލެ ސަރަހައްދުގައި ވަކި ކުރަން ޖެހެނީ ޕްލާސްޓިކާއި ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި އަދި އެ ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކުންޏެވެ.
ކުނި ވަކިކޮށްގެން ނެރެމުންދާތާ ހަފްތާއެއް ވިއިރު، މި ބަދަލަށް ކަސްޓަމަރުން އަހުލުވެރިވަމުންދާ މިންވަރާއި ދެމުންދާ އެއްބާރުލުމާމެދު ހިތްހަަމަ ޖެހޭ ކަމަށް ވެމްކޯއިން ބުންޏެވެ.
ފަނާވާ ތަކެއްޗާއި ތެތް ކުނި އުފުލަނީ ކޮމްޕެކްޓާ ޓްރަކްތަކުގައި ކަމަށާއި، ނަމަވެސް ކުނި ނެރޭއިރު މި ބާވަތުގެ ކުންޏާއެކު އެހެނިހެން ކުނިތައް އެއްކޮތަޅަކަށް އަޅާކަން ވެމްކޯއިން ފާހަގަ ކުރިއެވެ.
މީގެ އިތުރުން ވެމްކޯއިން ބުނީ، ގޭބިސީތަކުން ނެރޭ ކުނި ހުންނަނީ ގަވާއިދާ އެއްގޮތަށްތޯ ބަލާ ކަމަށެވެ.
ބައިބަޔަށް ވަކިކޮށްގެން ކުނި ނެރެން އެންގުމާއެކު، އާއްމުންގެ ފަރާތުން މިކަމަށް ލިބުނު އެއްބާރުލުން ފާހަކޮށް، މި މަހުގެ ދެވަނަ ދުވަހު ވެމްކޯއިން ބުނެފައި ވަނީ އެކަމަށް ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ޕޮޒިޓިވް ރެސްޕޮންސްގެ ސަބަބުން މުޅިން 'ސަޕްރައިޒް' ވެއްޖެކަމަށެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުން ތަކުރާރުކޮށް އަޅުގަނޑުމެންގެ އިރުޝާދުތަކަށް ތަބާވެ، އަޅުގަނޑުމެންނާއެކު ޕާޓްނާވާން ތައްޔާރަށް އޮތްކަން ވަނީ ދައްކާފައި. ކުނި ވަކިކުރި ހުރިހާ ކަސްޓަމަރުންނަށް ޓީމް ވެމްކޯއިން ޝުކުރުއަދާކުރަން،" ވެމްކޯއިން ބުނެއެވެ.