ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނައިރު އެކަމަށް ކުރަން ޖެހޭ ހޭދަ ވެސް ބޮޑުވާކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އާސަންދައިން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް 30،000އަށް ވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދައެވެ. މިއީ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރާއްޖެއަށް ބަލާއިރު ބިރުވެރި އަދަދުތަކެކެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތަފާސްހިސާބު
- 2012 ވަނަ އަހަރު- 16 މީހުން
- 2013 ވަނަ އަހަރު- 987 މީހުން
- 2014 ވަނަ އަހަރު- 10,762 މީހުން
- 2015 ވަނަ އަހަރު- 18,305 މީހުން
- 2016 ވަނަ އަހަރު- 23,141 މީހުން
- 2017 ވަނަ އަހަރު- 28,502 މީހުން
- 2018 ވަނަ އަހަރު- 35,851 މީހުން
- 2019 ވަނަ އަހަރު- 44,055 މީހުން
- 2020 ވަނަ އަހަރު- 43,988 މީހުން
- 2021 ވަނަ އަހަރު- 37,876 މީހުން
އަދަދުތައް މިހާ މަތިވެފައިވާއިރު ޑޮކްޓަރަށް ނުދެއްކި ކިޔޫގައި ގިނަ ބަޔަކު މިހާރު ވެސް އެބަތިއްބެވެ. އެގޮތުން ދާދި ފަހަކާ ހަމައަށް މުޅި އައިޖީއެމްއެޗްގައި 6،000 މީހުންގެ ކިޔޫއެއް އޮތްއިރު އޭގެ ތެރެއިން 3،000އަށް ވުރެ ގިނަ މީހުން ތިބީ މެންޓަލް ހެލްތް ސެންޓަރުގެ ކިޔޫގައެވެ.

ރައީސުލްޖުމްހޫރިއްޔާ އައިޖީއެމްއެޗްގައި ގާއިމުކުރި ސެންޓަރ ފޯރ މެންޓަލް ހެލްތު ހުޅުވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ނަފްސާނީ ބަލިތަކަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައި، އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވައުދުގެ ދަށުން، މިދިޔަ 2019 ވަނަ އަހަރުގެ މާރިޗް އެކެއްގައި ވަނީ 'ސެންޓަ ފޯ މެންޓަލް ހެލްތް'ގެ ނަމުގައި މެންޓަލް ހެލްތް ކްލިނިކެއް ހުޅުވާފައެވެ.
މީގެ އިތުރުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓާތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަަށް، އާސަންދަ ދޭން ވަނީ ފަށައިފައެވެ. އެއާއެކު އާސަންދައިން ކޮންމެ އަހަރަކު ވެސް ނަފްސާނީ ބަލިތަކަށް ބޮޑު ހޭދައެއް އަންނަނީ ކުރަމުންނެވެ.
އާސަންދައިން ނަފްސާނީ ބަލިތަކަށް ކުރި ހޭދަ
- 2012 ވަނަ އަހަރު- 1,950ރ.
- 2013 ވަނަ އަހަރު- 159,762ރ.
- 2014 ވަނަ އަހަރު- 1,951,472ރ.
- 2015 ވަނަ އަހަރު- 3,658,659ރ.
- 2016 ވަނަ އަހަރު- 5,813,690ރ.
- 2017 ވަނަ އަހަރު- 7,664,982ރ.
- 2018 ވަނަ އަހަރު- 11,313,277ރ.
- 2019 ވަނަ އަހަރު- 14,418,011ރ.
- 2020 ވަނަ އަހަރު- 14,177,676ރ.
- 2021 ވަނަ އަހަރު- 11,427,942ރ.
ނަފްސާނީ ބަލިތަކުގެ ތެރެއިން ރާއްޖޭގައި ވެސް އެންމެ އާންމީ އެންޒައިޓީއާއި ޑިޕްރެޝަނެވެ. އެ ބަލިތައް އެކި އުމުރުގެ ދެ ޖިންސުގެ މީހުންގެ މެދުގައި ވެސް އާންމެވެ.
ނަފްސާނީ ބަލިތައް ރާއްޖޭގައި އިންތިހާއަށް އާންމުވެފައިވާއިރު އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ފަރުވާ އަވަސް މުއްދަތެއްގެ ތެރޭގައި ނުލިބުމެވެ. ފަރުވާ ނުލިބި ކިޔޫގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން ބަލި ބޮޑުވެއެވެ.