ބޮޑު ކުށެއް ކޮށްފިނަމަ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކުރަން އިސްލާހެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން --- ފޮޓޯ/ މަޖިލިސް

ފަނޑިޔާރުކަމުގެ މަޤާމާއި އެކަށީގެންނުވާ ވަރުގެ ބޮޑު ޢަމަލެއްކުރިކަން ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ)އަށް ސާބިތުވެއްޖެނަމަ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ގާނޫނީ ފަންނުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ފަނޑިޔާރުކަމުގެ މަޤާމުގައި ހުރި ބޭފުޅަކު ކުރި ޢަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަޤާމުގެ އަދި ޝަރުޢީ ދާއިރާގެ އިތުބާރުގެއްލޭފަދަ ބޮޑު އަމަލަކަށް ޖޭއެސްސީން ކަނޑައަޅާފައިވާ އަމަލެއްކަމުގައި ސާބިތުވެއްޖެނަމަ، ވަކީލު ކަމުގެ ހުއްދަ ބާތިލްކޮށްލެވޭނެ ކަމަށެވެ.

ދެވަނަ ފަހަރަށް ވަކީލުކަން ކުރުމުގެ ފުރުޞަތެއް މިފަދަ ކުށެއް ސާބިތުވެއްޖެނަމަ އެވަކީލަކަށް ނުލިބޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

ނަމަވެސް ކުދި ކުދި މައްސަލައާ ހެދި ވަކީލުކަމުން ވަކިކޮށް ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކޮށްފައިވާނަމަ، އެ މަޤާމުން ވަކިކުރި ތާރީޚުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އަލުން ހުށަހެޅިދާނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

އެ ބިލް ހުށަހެޅުމުގެ މަގްސަދަކީ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ޢަމަލެއް ފަނޑިޔާރަކު ކޮށްގެން، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާ ހާލަތުގައި، އެފަނޑިޔާރެއްގެ ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައާ މެދު ޢަމަލުކުރެވޭނެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމެވެ.

comment ކޮމެންޓް