އެލޮން މަސްކް ޓެސްލާގެ ދިހަ ޕަސެންޓް މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

ފޮޓޯ / ގެޓީ އިމޭޖަސް

ޓެސްލާއިން ވަޒީފާއަށް މީހުން ނެގުން މަޑުޖައްސާލައި، އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓް މީހުން ވަޒީފާއިން ކަނޑާލަން ޖެހޭ ކަމަށް ކުންފުނީގެ ބާނީ އެލޮން މަސްކް ބުނެފައިވާ އީމެއިލްއެއް ލީކުވެއްޖެއެވެ.

މިދިޔަ އަހަރު ނިމުނުއިރު، ޓެސްލާގެ ތަފާސްހިސާބުން ދެއްކި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެސްލާގެ 99،290 މުވައްޒަފުން ތިބެއެވެ.

މީގެ ކުރިން ވެސް ޓެސްލާއިން އެއް ފަހަރާ ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެގޮތުން 2017 ،2018 އަދި 2019 ވަނަ އަހަރު ގިނަ އަދަދެއްގެ މުވައްޒަފުން ކަނޑާލާފައިވާއިރު 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ގިނަ މުވައްޒަފުންގެ މުސާރަ ކަނޑާލާފައިވެއެވެ.

ޓެސްލާއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު މިންވަރު ތިން ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ކޮވިޑް-19 ފެތުރުމުން ޗައިނާގެ ފެކްޓަރީތައް ބަންދުކުރާތީ އެކަމުގެ އަސަރު ޓެސްލާގެ އުފެއްދުންތަކަށްކުރެއެވެ.

މަސްކްއަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ. ޓެސްލާގެ އިތުރުން ޖައްވީ އުޅަނދުތައް އުފައްދާ ސްޕޭސް އެކްސް ކުންފުނީގެ ވެސް ވެރިޔާ ކަމަށްވާ މަސްކްގެ މިލްކިއްޔާތުގެ އަގު މިހާރު 229.7 ބިލިއަން ޑޮލަރަށް އަރައެވެ.

comment ކޮމެންޓް