ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ/ ދިރާގު

ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދެވެ. އަދި ސޮކާ ވެޓެރަންސް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަލީ ޝަމީމެވެ.

ސްކޫލްތަކުގެ ގްރޭޑް 1 އަދި 2ގައި ކިޔަވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި މާލެ ސަރަހައްދުން 20 ސްކޫލެއް ބައިވެރިވެއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން، މި މަހުގެ ހަވަނަ ދުވަހާ ހަމައަށް ހެންވޭރު ދަނޑުގައެވެ.

ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން ޖައިޝަން ވިދާޅުވީ މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ޒުވާން ހުނަރުތައް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" އޭނާ ވިދާޅުވިއެވެ.

ސޮކާ ވެޓެރަންސް އެސޯސިއޭޝަނުގެ ޗެއާމަން ވަނީ ދިރާގުން ވެދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ދަނީ ކުޅިވަރާއި ޒުވާނުންނާ ގުޅޭ ގިނަ ކަންކަމުގައި އެއްބާރުލުން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް