ދުންފަތުގެ ސަބަބުން ރާއްޖޭގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 150 މީހުން މަރުވޭ: ޑަބްލިއުއެޗްއޯ

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެއްވެސް ފައިދާއެއް ނެތް ނުރައްކާތެރި ކަމެއް

ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އަންދާޒާ ކުރެއެވެ.

ޑަބްލިއުއެޗްއޯއިން އަންދާޒާ ކުރާގޮތުގައި ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއްދުވަހު އެކަކު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މަރުވެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ޚާއްސަ ރިޕޯޓުގައި ވަނީ ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކީ ދުންފަތް ކަމަށެވެ.

އެ ރިޕޯޓުގައި ވަނީ ރާއްޖޭގައި މީހުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން 84 އިންސައްތައަކީ ހިތުގެ ބައްޔާއި ސްޓްރޯކާއި ކެންސަރާއި ހަކުރުބައްޔާއި ނަފުސާނީ ބަލިތައް ކަމަށެވެ. މި ހުރިހާ ބަލިތަކަށް އެންމެ އާއްމު އެއް ރިސްކަކީ ދުންފަތް ކަން ފާހަގަކޮށް ރިޕޯޓުގައި ވަނީ އަހަރުން އަހަރަށް ބަލާއިރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮންމެ އަހަރަކުވެސް ކުރަނީ މިފަދަ ބަލިތަށް ތަހައްމަލު ކުރާ މީހުންގެ ބޭސްފަރުވާއަށް ކަމަށެވެ.

ދުންފަތުގެ ސަބަބުން ދުނިޔޭގައި އަހަރަކު އަށް މިލިއަން މީހުން މަރުވާ ކަމަށް ވެސް އެޗްޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ ކޮންމެ ސިކުންތަކުން މީހެކެވެ. މީގެ ތެރެއިން 1.2 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅިގެން މަރުވާ މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ ވިހަ މާއްދާތަކަށް ހުށަހެޅޭ ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ހުރަސްއެޅޭ ކަމަށެވެ. މީގެ އިތުރުން ފުއްޕާމޭގެ ކެންސަރުގެ 90 އިންސައްތައަކީ ސީދާ ދުންފަތާ ގުޅިގެންޖެހޭ ކެންސަރެވެ. އަދި ކެންސަރުގެ އިތުރު 16 ވައްތަރުގެ ރިސްކް ފެކްޓާ އަކީ ދުންފަތް ކަމަށް އެ ރިޕޯޓުގައިވެއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ޓީބީ ޖެހުމަށްމަގުފަހިވާ އަދި ޓީބީ އަށާއި ދަރިން ނުލިބުމުގެ މައްސަލަތަކަށް ހޯދާ ފަރުވާގެ ފައިދާ އެންމެ ރަގަޅަށް ލިބުމަށް ހުރަސްއަޅާ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކުރެއެވެ. އަދި ދަރިމައިވުމުގެ ސިއްހަތަށް ބަލާއިރު ދަރިން ނުލިބުމާއި ބައިގެން ދިއުމާއި ވިހެއުމުގައި އައިބު ހުރުމާއި ވިހެއުމަށްފަހު ކުއްލިއަކަށް ދަރިފުޅު މަރުވުމާއި ތުއްތު ދަރިފުޅަށް ނޭވާހިއްލުން ފަދަ ބަލިތައްޖެހުމަކީ، މައިންބަފައިން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ނުވަތަ ދުންފަތުގެ ވިހަތަކަށް ހުށަހެޅުމުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ދެހާސް ސޯޅަ އަދި ދެހާސް ސަތާރަ ވަނަ އަހަރު ހެދިފައިވާ ޑިމޮގްރަފިކް ހެލްތު ސާވޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 15 އަހަރާއި 49 އަހަރާ ދެމެދު އުމުރުފުރާގެ މީހުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ 22.6 އިންސައްތަ މީހުންނެވެ. އެޗްޕީއޭގެ ރިޕޯޓުގައިވާގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޖުމްލަ އަދަދުގެ ފިރިހެނުންގެ ހިއްސާ އަކީ 97.2 އިންސައްތައެވެ. އަންހެނުންގެ ހިއްސާއަށް ބަލާއިރު 2.8 އިންސައްތަ އަކީ އަންހެނުން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެޗްޕީއޭ އިން ބުނީ 2019 ގެ ސްޓެޕްސް ސާވޭގެ ވަގުތީ ނަތީޖާއަށް ބަލާއިރު 23.1 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޖުމްލަ އަދަދުގެ ފިރިހެނުންގެ ހިއްސާ އަކީ 64.4 އިންސައްތައަށް ވާއިރު އަންހެނުންގެ ހިއްސާއަކީ 35.6 އިންސައްތައެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުން ބޮޑެތި މީހުންގެ ތެރޭގައި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ހުރިނަމަވެސް، ވޭތުވެދިޔަ ތިން އަހަރުތެރޭ، މި އަދަދު އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހިއްސާވާ މިންވަރަށް މިވަނީ ވަރަށްބޮޑު ބަދަލެއް އައިސްފައި ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް