އެމްއެމްސީގެ ރައީސްގެ މައްސަލާގައި އޭޖީގެ ލަފާ ހޯދިދާނެ: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުން--- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމު ހުސްވެފައިވާތީ ދެން ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން އެޓާނީ ޖެނެރަލްގެ ލަފާ ހޯދިދާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެމްއެމްސީގެ ރައީސްގެ މަގާމުގައި މިހާރު ހުރި ޝަހުބާން ފަހުމީގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް، ތަހުގީގު ފަށާފައިވާއިރު އެމްއެމްސީގެ ރައީސްގެ މަގާމުގައި ހުންނަ މީހެއްގެ ކިބައިގައި މުޖުތަމައު ގަބޫލު ކުރާ އަޚްލާގީ މިންގަނޑުތައް ހުންނަން ޖެހޭ ކަމަށް އެ ކައުންސިލްގެ ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ.

ނަމަވެސް މަގާމުގައި ހުންނަ މީހެއްގެ ކިބައިން އެ ޝަރުތު އުނިވެފައިވާ ހިނދެއްގައި ދެން އަމަލު ކުރާނެ ގޮތް އެމްއެމްސީގެ ގާނޫނުގައި ބަޔާން ކޮށްފައިނުވާތީ އެ ކައުންސިލްގެ މެންބަރުން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަމާލުކަމަށް ގެނަސްފައެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެމްސީގެ މެންބަރުންނާއި ބައްދަލުކޮށްފައިވާއިރު ކޮމިޓީގެ މެންބަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ވިދާޅުވީ އެ މަގާމު ހުސްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މެންބަރު އުޝާމް ދެއްކެވި ވާހަކައަށް ތާއީދު ކުރައްވަމުން ކޮމިޓީގެ މުގައްރިރު އަދި އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ކޮމިޓީއަށް ވަކި މީހަކު އިސްތިއުފާ ދޭށެކޭ ނުބުނެވޭނެ ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ލަފާ ހޯދުމަށް އެޓާނީ ޖެނެރަލްއާ ބައްދަލު ކުރުމަށް ވެސް އެދިވަޑައިންފައިވެއެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ މަސައްކަތް ހުއްޓާ ނުލައްވާށޭ. ދެން ހުރި ކަންކަން އެކި ފަރާތްތަކުގެ ލީގަލް އޮޕީނިއަން ހޯދައިގެން ކުރިއަށްދާށޭ މި ދަންނަވަނީ،" ރޮޒައިނާ ވިދާޅުވިއެވެ.

މީޑިއާ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ގޮތެއް އެ ގާނޫނުގައި ނޯވެއެވެ. ނަމަވެސް ރައީސް މެންބަރުކަމުން ވަކިކުރަން ވޯޓު ނެގިދާނެއެވެ. ގާނޫނު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

ފާއިތުވި ހޯމަ ދުވަހު ޝަހުބާން މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ވަނީ ނަގާފައެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ވޯޓު ނުލިބުމުގެ ސަބަބުން އެކަން ފާސްވެފައެއް ނުވެއެވެ.

މި ބައްދަލުވުމުގައި ޝަހުބާން ތަކުރާރުކޮށް ވިދާޅުވެފައިވަނީ އޭނާ މަނީލޯންޑަރިންގެ އެއްވެސް އަމަލެއްގައި ބައިވެރި ނުވާ ކަމަށެވެ. ޝަހުބާން ވިދާޅުވީ ކުށެއްގެ ތުހުމަތު ކުރެވުމަކީ ކުށްވެރިވާ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލާފައިނުވާ ކަން ފާހަގަކުރައްވާ ޝަހުބާން ވިދާޅުވީ ދައުވާ ހަމަ އުފުލުމާއެކު އެ މަގާމުން އިސްތިއުފާ ދޭނެ ކަމަށެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރަނީ، އޭނާގެ ބޭބެ އަލްހާން ފަހްމީއާއެކު ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތާ ގުޅިގެންނެވެ.

comment ކޮމެންޓް