ލަންކާއަށް ވީ ގޮތް ރާއްޖެއަށް ވިޔަ ނުދިނުމަށް ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކުރާންޖެހޭ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަވަށްޓެރި ސްރީލަންކާއަށް މެދުވެރިވި ގޮތް ރާއްޖެއަށް މެދުވެރިވިޔަ ނުދިނުމަށް ޓަކައި ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކުރާންޖެހޭ ކަމަށް ޕީއެމްސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ރިކަރަންޓް ޚަރަދު ކުރާން އާދަމް ޝަރީފް ގޮވައިލެއްވީ ކުރިއަށް އޮތް 2023 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވެ، ދަރަނިތައް ނުދެއްކި، ޤައުމު ބަނގުރޫޓުވާ ހާލަތަށް ހިނގައިދާނެ ކަމަށް އެމެރިކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް ކަމުގައިވާ ޖޭޕީ މޯގަންއިން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނިކޮށެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދަރަނިތައް ނުދެއްކިދާނެ ޤައުމު ތަކަކީ ރާއްޖެ، އިތިއޯޕިއާ، ރުވާންޑާ، ބަހާމާސް، ބެލީޒް، އަދި ސެނެގާލްގެ އިތުރުން ގްރެނާޑާއެވެ.

އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ ދައުލަތުގެ ރިކަރަންޓް ޚަރަދާއި ކުންފުނިތަކުގެ ޚަރަދު ކުޑަކޮށް، ޤައުމުގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހުމަށް ބޭނުންވާނޭ ކަންކަމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށެވެ.

"އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ކުރިއަށް ދެވޭނެ ފުރުސަތު ސަރުކާރުން ފަހި ކޮށްދޭންޖެހޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ހާލަތާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިޔާއިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ރާއްޖޭގެ އިޤްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި އޮތް ނަމަވެސް ރާއްޖޭގެ އިޤްތިސާދުގެ އަމާޒުހުރީ ރަނގަޅަށްކަން ފާހަގަކުރައްވައި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިންވެސް ޒިޔާރަތްކުރިކަމާއި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް އާމްދަނީ ލިބުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްޞަ ގޮތެއްގައި ދަރަނި ދެއްކުމުގައި މިއަހަރާއި އަންނަ 2023 ވަނަ އަހަރާއި އަދި 2024 ވަނަ އަހަރުވެސް އެއްވެސް ދަތިކަމެއްނެތި ކަނޑައެޅިފައިވާ ގޮތަށް އެކަންކަން ކުރިޔަށްގެންދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވީ އިޤްތިސާދީ ގޮތުން ދަތިތަކެއް ހުރުމާއެކު ސަރުކާރުން ކުރިޔަށްދާނީ ޚަރަދުތައްކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އަދި އިޤްތިސާދަށް އަންނަ ކުރިއެރުމާ ވެސް އެކުގައި ކަމުގައެވެ.

comment ކޮމެންޓް