ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ ގަޑިތަކަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބަދަލު ގެނެސްފިއެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކުގެ އެތެރޭގައި މަސައްކަތް ކުރުމުގެ ގަޑިތަކަށް ބަދަލު ގެންނަން ނިންމީ އެތަނުގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނާތީ ކަމަށެވެ.
އެގޮތުން އިރުއޮއްސި 6:00 އިން ފަށައިގެން ހެނދުނު 8:00އަށް، އެ ފްލެޓްތަކުގެ އެތެރޭގައި އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތްތައް ކުރަމުން އަންނަ މީހުން ވެސް އެ ގަޑިތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
"ފުލެޓްތަކުގައި މަސައްކަތް ކުރާއިރު، އަވަށްޓެރި ފްލެޓްތަކަށް ދަތި ނުވާނެހެން މަސައްކަތް ކުރިއަށް ގެންދިއުމަށް ފްލެޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އިލްތިމާސް ކުރަން،" އެޗްޑީސީން ބުންޏެެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގި، ގެދޮރުވެރި ކުރުވުމުގެ އެންމެ ބިޔަ މަޝްރޫއެވެ.
ފްލެޓް ލިބުނު މީހުންނަށް މި ސަރުކާރުން ފްލެޓް ހަވާލުކުރީ އެ ތަންތަނުގެ ފިނިޝިން މަސައްކަތްތައް ވެސް ނުނިންމައެވެ. އެހެންކަމުން ފްލެޓް ލިބުނު މީހުންނަށް ޖެހުނީ ދޮރު ހަރުކުރުމާއި ތަށިމުށި ޖެހުމާއި ލައިޓް، އަދި ފަންކާ ހަރު ކުރުން ފަދަ މަސައްކަތް އަމިއްލަ ޚަރަދުގައި ކުރާށެވެ.
ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި މި ސަރުކާރުން ހަމަޖައްސާފައިވަނީ މެއިންޓެނެންސް އާއެކު 8،500 ރުފިޔާއެވެ.