ސިޔާސީ ޕާޓީތަކަށް ފައިސާާދިނުން ހުއްޓުވުމަށް އެމްއެންޕީން މަޖިލީހަށް ހުށަހަޅަަނީ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓުވަން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ނިންމައިފިއެވެ.

އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް "ސަން"އަށް ވިދާޅުވީ އެ އިސްލާހް އެ ޕާޓީގެ ފަރާތުން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާކީ ކުރެވޭ ބޮޑު އިސްރާފެއް ކަމަށެވެ.

"މި ޤައުމުގެ ސިއްހީ ޚިދުމަތުގެ ފެންވަރުވެސް ވަރަށް ދަށް. އަޅުގަނޑަށް ގަބޫލުކުރެވެނީ އެދާއިރާއަށް ފައިސާ ޚަރަދު ކުރިއަސް މާ ފައިދާވާނެ ކަމަށް. ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމަކީ ކުރެވޭ ބޮޑު އިސްރާފެއް،"

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް ހިންގާނެ ފައިސާ ހޯދަން ވާނީ އެ ޕާޓީގެ އަމިއްލަ މަސައްކަތުން ކަމަށެވެ.

ގާނޫނު ބުނާގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭންޖެހޭނެއެވެ.

މިއަހަރު އެއްމެ ގިނަ އަދަދަކަށް ފައިސާ ދީފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެއީ 15.02 މިލިއަން ރުފިޔާއެވެ. ޕީޕީއެމްއަށް ދީފައިވަނީ 9.4 މިލިއަން ރުފިޔާއެވެ. އަދި ޖުމްހޫރީ ޕާޓީއަށް ދީފައިވަނީ 5.5 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް