ރަނގަޅަށް ތަހުގީގު ކޮށްފިނަމަ މި ސަރުކާރުގައި މަނީލޯންޑާ ނުކުރާ މީހަކު ނުހުންނާނެ: ރައީސް ޔާމީން

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރަނގަޅު ތަހުގީގެއް ކޮށްފިނަމަ މި ސަރުކާރުގައި މަނީލޯންޑާ ނުކުރާ މީހަކު ނުހުންނާނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ވެރިކަމެއްގައި ރަނގަޅަށް ތަހުގީގު ކޮށްފިނަމަ މަނީ ލޯންޑާ ކުރީ ކޮންބައެއްކަން އެނގޭނެ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ މި ހާލަތު ބަދަލުވެގެން އަޅުގަނޑުމެން މި މައްސަލަތައް ބަލަން ފެށީމަ މަނީ ލޯންޑާ ކުރީ ކޮންބައެއްކަން އޭރުން އެނގޭނެ. މިތާ ނުހުންނާނެ މަނީ ލޯންޑާ ނުކުރާ މީހެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނުނު ހެދިފައި ހުރި ގޮތުން ތިމާގެ އެކައުންޓަށް ތިމާއަށް ނޭނގި ފައިސާ ވަދެފި ނަމަ އެ މީހަކު ކުށްވެރިވެގެން ކޮންމެ ދުވަހު ދެ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޤާނޫނު ހެދިފައި ހުރުމުން އެ ޤާނޫނު ބޭނުންހާ ގޮތަކަށް ބޭނުންކުރަން ޖާގަ ދެވިގެން ނުވާނެކަމަށެވެ.

"މިހާރު ޤާނޫނު ހެދެންވީ ރައްޔިތުންގެ ހިމާޔަތުގައި. އެއްގޮތަކަށް ވެސް ރައްޔިތުންނަކީ ކުށްވެރިވާ ބައެއްގެ ގޮތަކަށް ނޫން. ކުށްކުރާ ބޮޑެތި ކުށްތަކެއް ހުންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްނުދޭ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް ވަޒީފާދިނުމަށް ސިޔާސަތެއް ނުގެންގުޅޭކަމަށެވެ. ޒުވާނުންނަށް ވަޒީފާ ދިނުމަށް ތަރައްޤީކުރުމަށް ދިން ބިންތަކާއި ރަށްތައް ނުނިމޭ ސަބަބު މި ސަރުކާރަށް ދެނެގަނެވިފައި ނުވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެ ރަށްތައް ދޫކުރިތާ 13، 14 އަހަރުވީއިރު ވެސް މަސައްކަތް ނުނިމޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެރަށްތައް ހަދަން މާބޮޑު މަސައްކަތެއް ވެސް ނުކުރެއެވެ. އެހެން އެކަން އޮތްނަމަވެސް އެ ރަށްތައް އަތުލުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ވަސީލަތުގެ ގޮތުން މުއްސަނދި ޤައުމެއްކަމަށެވެ. ދިވެހި ދަރިންނަށް ރާއްޖެ ތަރައްޤީ ކުރެވޭނެކަމަށައި، އެހެން ޤައުމުތަކުގެ މީހުން ގެނެސްގެން ދިވެހި ދަރިން ބާކީވާގޮތަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ނާޤާބިލުކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު 150 ޑޮލަރު ދީފަ އެބަ ގެންގުޅޭ އިންޑިއާ މީހުން. މީ މީގެކުރިން ސަތާރަ ހާހަށްވުރެ އިތުރު ލާރިއާ ޓިޕްސާ އެއްޗިހި ލިބޭ ދިވެހި ޒުވާނުންނަށް ލިބެންހުރި ވަޒީފާތައް މި ގެއްލެނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ތަކުރާރުކޮށް ހައްޔަރުކުރާ ކުރުމަށް ރައީސް ޔާމީން ފާޑުވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުށެއްގެ ތުހުމަތު ކުރެވޭނަމަ ޝަރީއަތްކޮށް ހުކުމް އިއްވަންވީ ކަމަށެވެ. މުޙައްމަދު އިސްމާޢީލް ހައްޔަރުކުރަން އުޅޭ ސަބަބަށް ބަލާއިރު، ޝަރީއަތުން ހުކުމް އިއްވުމުގެ ކުރިން ހައްޔަރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން އިންޑިއާއެކު ކޮށްފައިވާ މަސައްކަތްތައް އެފުށް މި ފުށަށް ޖެހަން ޖެހޭކަމަށް މިހާރު ހުރިހާ ރައްޔިތުން ޤަބޫލުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް