ރަށްތައް ތަރައްގީކުރުމުގައި އާބާދީގެ ތަފާތުކުރުމެއް ނުގެންގުޅޭނަން: ރައީސް

ގއ. ކޮނޑޭ ކައުންސިލާ ބައްދަލުކުރަށްވަން މިއަދު ރައީސް އޮފީހުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ތަރައްގީގެ ކަންކަން ފަހިކޮށްދިނުމުގައި އާބާދީގެ ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި، ގއ. ކޮނޑޭ ކައުންސިލާ މިއަދު ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކޮނޑޭ ސްކޫލުގައި ހަތަރު ކްލާސްރޫމް އަޅަން ހިމަނާފައިވާނެކަމަށެވެ.

އެ ބައްދަލުވުުމުގައި ކޮނޑޭ ކައުންސިލުން ވަނީ ފާއިތުވެ ދިޔަ ސާޅީހަކަށް އަހަރުތެރޭ އެ ރަށަށް ލިބިފައިނުވާ ތަރައްގީ މިއަހަރު ލިބިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އެރަށުގެ ތަރައްގީގެ ފަސް މަޝްރޫއެއް މިހާރު ނިމިފައިވާ ކަމަށާއި އިތުރު ހަތަރު މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން އެބައްދަލުވުމުގައި ކައުންސިލުން ވަނީ އެރަށުގެ ބަނދަރު ބޮޑުކުރަން ބޭނުންވާކަމަށާއި، އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަމަށާއި، ސިއްހީ ޚިދުމަތްތައް ފުޅާކޮށް ތައުލީމީ ޚިދުމަތްތައްވެސް ފުޅާކުރަން ބޭނުންވާކަމަށް ބުނެފައެވެ.

ރައީސް ވިދާޅުވީ ކައުންސިލުން އެދުނު ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ކުރެވެންހުރި ކަންކަން ބަލާ އެ ކަންކަން ކޮށްދެއްވާނެކަމަށެވެ.

comment ކޮމެންޓް