"މިޝޫ..." އަނެއްކާވެސް އޭނާގެ ނަމުން އެމީހަކު ގޮވައިލިއެވެ.

ކުރިމަތީގައި ހުރީ އޭނާގެ ދޮންބެއެވެ. އެމީހަކު ދެކެ އޭނާ ނުހަނު ލޯބިވާ ފަރާތެކެވެ.

މިޝްޔާއަށް ބަލަހައްޓައިގެން ހުރި މާކިންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. މިޝްޔާއަށް އައިސްފައިވާ ބަދަލުތައް މާނަކުރާކަށް އޭނާއަކަށް ނޭނގުނެވެ. އެފަދަ ބަދަލުތަކެއް މިޝްޔާއަށް އަންނަން ޖެހުނު ސަބަބެއް ވެސް އޭނާއަށް ނޭނގުނެވެ. މިޝްޔާގެ އެ ރީތި ސިފައަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެހެއްޔެވެ؟ މިޝްޔާ ބަލީ ހެއްޔެވެ؟ އެހެންވެއްޖަކަމުގައި ވާނަމަ އެވާހަކަ ބައްޕަ އޭނާއާ ހިއްސާނުކުރީ ކީއްވެހެއްޔެވެ؟ މާކިން މިޝްޔާއާ ދިމާލަށް ފިޔަވަޅެއް އަޅައިލުމާއެކު މިޝްޔާއަށް ބޭއިޚްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެ ޙާލުގައި ހުއްޓާ މާކިންއަށް އޭނަ ފެނުމުން ހަދަންވީ ގޮތެއް ޚުދު މިޝްޔާއަކަށް ވެސް ނޭނގުނެވެ.

މާކިން އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. މިޝްޔާއަށް ހުރިތަނުގައި މިފަހަރު ހުރެވުނެވެ. އޭނާއަށް މާކިންއާ ނަޒަރު ވަކިކޮށްލެވުނެވެ. ހަދާނެ ގޮތެއް ނޭނގި ބުނާނެ އެއްޗެއް ނޭނގި އޭނާއަށް ހުރެވުނެވެ.

"މިޝޫ. ކިހިނެއް ވެފަ ތިހުރީ؟ ބަލީތަ؟"

މިޝްޔާއާ ދާދި ކައިރިއަށް ހުއްޓުމަށްފަހު، ވާހަކަ ދެއްކި މާކިންއަށް މިޝްޔާގެ ކިބައިން ދުވި ވަހުން ހިނދުކޮޅަކަށް ހުއްޓުން އަރާ ގޮތްވިއެވެ. މިޝްޔާގެ ރަތްވެފައިވާ ދެލޮލަށް ބަލައިލުމާއެކު އޭނާއަށް ސުވާލުގެ ނަޒަރަކުން މިޝްޔާއަށް ބަލައިލެވުނެވެ. މިޝްޔާއަށް އިސްޖަހައިލެވުނެެވެ.

"ދަރިފުޅާ މާކިން..." އެވަގުތު މާކިންއަށް ގޮވައިލުމަށްފަހު، އެ ދިމާލަށް ނުކުމެގެން އައި ރިފްއަތުގެ ލޮލުގައި އެ ދެމީހުން އަޅައިގަތެވެ. އޭނާ މަޑުމަޑުން އެ ދިމާލަށް ހިނގައިގަތެވެ.

"ބައްޕާ... މިޝޫ..." ފަހަރަކު މީހަކަށް ބަލައިލުމަށްފަހު މާކިންއަށް ވާހަކަ ދެކެވުނެވެ.

"މިޝޫއަށް ކިހިނެއް ވީ؟" މާކިން އަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. ރިފްއަތަށް ބަލައިލެވުނީ މިޝްޔާއާ ދިމާލަށެވެ. މިޝްޔާއަށް ވެގެން އުޅޭގޮތެއް އޭނާ މާކިންއަށް ކިޔައިދޭނީ ކިހިނަކުންބާއޭ ރިފްއަތުގެ ހިތަށް އެރިއެވެ. ކުޑައިރުއްސުރެ މާކިން މިޝްޔާ ދެކެ އިންތިހާ ލޯބިވެއެވެ. އެ ދެކުދިންގެ މަންމަ ނިޔާވުމަށްފަހު، މާކިންގެ ފަރާތުން މިޝްޔާއަށް ލިބެމުންދިޔަ ލޯބި އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. މާކިން އަބަދުވެސް އިސްކަންދެނީ މިޝްޔާގެ އުފާތަކަށެވެ. އޭނާގެ އެދުންތަކުގެ މައްޗަށް އަބަދުވެސް މިޝްޔާގެ ބޭނުންތައް އިސްކުރެއެވެ.

މާކިންއަށް ރަނގަޅަށް ބަލައިލަން މިޝްޔާ ހުރީ ކިތަންމެ ހާވެސް ބޭނުންވެފައެވެ. އެއީ އޭނާ ނުހަނު ލޯބިވާ އޭނާގެ ބޭބެއެވެ. އެހެންނަމަވެސް، މިޝްޔާއަށް އިސް އުފުލައިލާކަށްވެސް ނުކެރުނެވެ. އެހެން ހުރުމަށްފަހު، އޭނާ މާކިން ފަސްދީ ހިނގައިގަތެވެ.

"މިޝޫ." މާކިން މިޝްޔާއަށް ގޮވައިލުމާއެކު މިޝްޔާގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ. އެހެންނަމަވެސް އޭނާ ފަސް އެނބުރި ބަލައެއް ނުލިއެވެ. އެއްޗެއް ނުބުނެ ގިނައިރު ވާން ފެށުމުން މިޝްޔާ އަނެއްކާވެސް ހިނގައިގަތެވެ. މިފަހަރު މާކިންވެސް މިޝްޔާ ހުއްޓުވާކަށް ނޫޅުނެވެ.

"މިޝޫއަށް ކިހިނެއްވީ؟" މާކިން ބަލައިލީ ރިފްއަތަށެވެ.

ކޮންމެވެސް ވަރަކަށް ވެގެން އުޅޭ ގޮތެއް މާކިންއަށް ވެސް ނަގައިގަނެވުނެވެ. މިޝްޔާ ހުރިގޮތުން އެ ހުރީ ހަމަހޭގައި ނޫންކަން އޭނާއަށް ޔަޤީންވިއެވެ. ރިފްއަތު މާކިންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭނާ އެދުނީ ފަހުން ވާހަކަ ދެއްކުމަށެވެ. އެހެންނަމަވެސް އެގޮތެއް މާކިންއަކަށް ކަަމަކު ނުދިޔައެވެ. އޭނާ ބޭނުންވަނީ މިޝްޔާއަށް ވެގެން އުޅޭގޮތެއް މިހާރުން މިހާރަށް އެނގުމަށެވެ. ލޯބިވާ ކޮއްކޮއަށް އެހެން ދިމާވި ޙާލަތު އެނގެން އޭނާ ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އޭނާ އެއްވެސް މީހެއްގެ ކައިރީގައި ނުބުނެ އައީ މިފަދަ 'ސަޕްރައިޒެއް' ލިބޭނެކަމަކަށް ނޫނެވެ.

ރިފްއަތު ބޯ ޖަހައިލުމަށްފަހު ސޯފާތަކާ ދިމާލަށް ހިނގައިގަތުމުން މާކިން ވެސް ގޮސް ސޯފާގައި އިށީނެވެ. ހަމަޖެހިލަމުން ރިފްއަތު މާކިންއަށް ބަލައިލިއެވެ.

"މިޝޫ ޑްރަގްސް ބޭނުންކުރަނީތަ؟" ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް މާކިންއަށް ސުވާލުކޮށްލެވުނެވެ. ރިފްއަތު ބޯ ޖަހައިލިއެވެ.

"ކިހާ ދުވަހެއް ވެއްޖެ؟" މާކިންއަށް އަނެއްކާވެސް ސުވާލު ކޮށްލެވުނެވެ.

"މާކިން ދިޔަފަހުން އެކަމެއް ފެށީ... ޗުއްޓީއަށް އައި އިރުވެސް ބޭނުންކުރާކަމަށް ވަނީ. އެކަމަކު އޭރު ސިއްރުން. މިހާރު..." ރިފްއަތަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

"މިޝޫއަށް އެވަރު ވީއިރު ބައްޕަ ކީއްވެ އަޅުގަނޑު ކައިރީގައި އެ ވާހަކަ ނުބުނީ؟" ޝަކުވާގެ ރާގަކަށް މާކިންއަށް ސުވާލުކޮށްލެވުނެވެ.

"ބައްޕަ އެ ވާހަކަ ބުނިނަމަ، މާކިން ކިޔެވުން ދޫކޮށްލާފައި އަންނާކަށް ވެސް ފަހަކަށް ނުޖެހޭނެ." ރިފްއަތު ބުނެލިއެވެ.

"ދެން ބައްޕަ އެއްކަމެއްވެސް ނުކުރަން. ފަރުވާ..." މާކިންއަށް ބުނެވުނެވެ.

"މިޝްޔާ ވަރަށް ތަފާތު ވެއްޖެ މާކިން... ބައްޕަ ދައްކާ ވާހަކައިގެ އެއްވެސް އަގެއް މިޝްޔާގެ ކުރިމަތީގައި ނުހުރޭ މިހާރަކު." ރިފްއަތަށް ބުނެވުނެވެ. ރިފްއަތު މިޝްޔާގެ ކަންތައްތައް ހުންނަ ގޮތް މާކިންއަށް ކިޔައިދިނެވެ. މާކިންއަށް އޭނާގެ ބޮލުގައި ހިފައްޓައިލެވުނެވެ. އިވިގެން ދިޔަ ވާހަކަތަކުން ހަދާނެ ގޮތް އޭނާއަށް ވެސް ހުސްވިފަދައެވެ.

"ކޮންތާކަށް؟" މާކިން ސޯފާއިން ތެދުވުމުން ރިފްއަތު ސުވާލުކޮށްލިއެވެ.

"މިޝޫ ކައިރިއަށް." މާކިން އެހެން ބުނެލުމަށްފަހު ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް މިޝްޔާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އެތެރެއިން ޚަބަރެއް ނުވުމުން އޭނާ ދޮރުގެ ތަޅުގައި ހިފައިލިއެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ.

"މިޝޫ...." މާކިން މިޝްޔާއަށް ގޮވައިލިއެވެ. މިޝްޔާ އެތެރެއިން އެއްވެސް ޖަވާބެއް ނުދިނެވެ.

"ދޮރު ހުޅުވާ... މިޝޫ.." މާކިން އަނެއްކާވެސް މިޝްޔާއަށް ގޮވައިލިއެވެ.

އެނދުމަތީގައި އިށީނދެގެން އިން މިޝްޔާގެ ލޮލުން ކަރުނަ އަންނަނީއެވެ. މޭގައި ކަކޫ ޖައްސާލައިގެން ކަކުލުގައި ބޯ ޖަހާލައިގެން އިންއިރު ބޭރުން މާކިން އޭނާއަށް ގޮވަމުން ދިޔަ އަޑު މިޝްޔާއަށް އިވެމުން ދިޔައެވެ. އެހެންނަމަވެސް ތެދުވެގެން ދޮރު ހުޅުވަން ދާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. މާކިންއާ ކުރިމަތިލާނެ ހިތްވަރެއް މިޝްޔާގެ ނެތެވެ. އޭނާގެ ހަޤީގަތް މާކިން އަށް އެނގުމަށްފަހު އިތުރަށް މާކިން ގާތު ދައްކާނީ ކޮން ވާހަކައެއް ބާއޭ މިޝްޔާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ދޮރު ނުހުޅުވަނީސް މާކިން އެތަނުން ނުދާނެކަން މިޝްޔާއަށް ޔަޤީން ވުމާއެކު އޭނާ މަޑުމަޑުން އެނދުން ތެދުވިއެވެ. އެއަށްފަހު ދޮރާ ދިމާލަށް ހިނގައިގަތީ ދެ ވިސްނުމެއްގައި ހުރެފައެވެ. ދޮރު ހުޅުވައިލުމާއެކު މާކިން އޭނާއަށް ގޮވައިލިއެވެ.

މާކިން މިޝްޔާއަށް ބަލައިލުމަށްފަހު ކޮޓަރި ތެރެއަށް ވަދެލިއެވެ. އެއާއެކު އޭސީ ޖައްސާފައިހުރި ކޮޓަރި ތެރެއިން ދުނި ސިނގިރެޓްގެ ވަހުން މާކިންއަށް ނޭވާ ހިފައްޓައިލެވުނެވެ. އޭނާއަށް ޝަކުވާގެ ބެލުމަކުން މިޝްޔާއަށް ބަލައިލެވުނެވެ. މާކިން ބަލައިލުމާއެކު މިޝްޔާ އަވަސް އަވަހަށް އެ ނަޒަރު ދުރުކޮށްލިއެވެ. އޭނާ އިސްޖަހައިލިއެވެ. މާކިން މަޑުމަޑުން މިޝްޔާގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވައިލިއެވެ. އެއަށްފަހު އޭނާ މިޝްޔާގެ ދެލޮލަށް ބަލައިލިއެވެ.

"ރޮނީތަ؟" މާކިން އޯގާތެރިކަމާއެކު މިޝްޔާއާ ސުވާލުކޮށްލިއެވެ. މިޝްޔާއާ ދިމާލަށް ރުޅިއައިސްގެން އެއްވެސް އެއްޗެއް ބުނާކަށް މާކިން ބޭނުމެއް ނޫނެވެ. އޭނާ މިޝްޔާއަށް ވިސްނައިދޭނީއެވެ. މާކިންގެ އެ އޯގާތެރިކަމުން އިތުރަށް ރޮވުން ނޫންކަމެއް މިޝްޔާއަކަށް ނުވިއެވެ. އޭނާއަށް ރޮވެން ފެށުމާއެކު މާކިން މިޝްޔާ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ.

އެފަދަ އޯގާތެރިކަމަކަށް ބޭނުންވެފައި ހުރި މިޝްޔާއަށް ގިސްލާފައި ބާރަށް ރޮވެން ފެށުނެވެ.

"މިޝޫ. ހުއްޓާލާ!" އެވަރަށް މިޝްޔާ ރޯތީ މާކިން ކަންބޮޑުވިއެވެ. އޭނާއަށް ވެސް މިޝްޔާ ހުއްޓުވާނޭ ގޮތެއް ނޭނގުނެވެ. މިޝްޔާ ރޯނެ ވަރަކަށް ރޯލަން ދެން މާކިން މަޑުކޮށްލައިގެން ހުއްޓެވެ. މިޝްޔާ މާކިންއާ ދުރުވެލުމަށްފަހު ކަރުނަތައް ފުހެލިއެވެ.

"ޔޫ އޯކޭ؟" މާކިން މިޝްޔާއާ ސުވާލުކޮށްލިއެވެ. މިޝްޔާ މަޑުމަޑުން ބޯ ޖަހައިލިއެވެ. މިޝްޔާގެ ހިކިފައިވީ ހަށިގަނޑަށް ބަލައިލި މާކިންގެ ހިތުގައިވެސް ރިއްސައިލިއެވެ. އެއީ މުޅިން އެެހެން މިޝްޔާއެކެވެ. އޭނާއަށް ދުވަހަކުވެސް ސިފަ ނުކުރެވޭފަދަ މިޝްޔާއެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު