ވެސްޓްހަމް އިން ސިޓީ ހުއްޓުވުމާއެކު ލިވަޕޫލަށް ރަނުގެ ފުރުސަތެއް

ވެސްޓްހަމް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން--

ވެސްޓްހަމް އިން މެންޗެސްޓާ ސިޓީ މޮޅުވިޔަ ނުދީ ހިފެހެއްޓުމާއެކު ލީގު ހޯދުމެގެ ރޭސް އިތުރަށް ފޯރިގަދަވެއްޖެއެވެ.

އިންގްލިޝް ޕްރިމިއާ ލީގްގައި މިރޭ ވެސްޓްހަމްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. އެއާއެކު ލީގު ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް ވަނީ ފަހިވެފައެވެ. ސިޓީ ދެން އަންނަ މެޗު ކާމިޔާބު ކޮށްފިނަަމަ އެ ޓީމަށް ލީގު ތަށި ލިބޭނެއެވެ. އަދި ސިޓީއަށް މޮޅު ނުވެވި ލިވަޕޫލުގެ މެޗުތަކުން މޮޅުވެއްޖެ ނަމަ ލިވަޕޫލަށް ލީގު ކާމިޔާބުވާނެއެވެ.

މިއަދު ތާވަލްގެ އެއްވަނައިގައި އޮތް ސިޓީ މެޗު ކުޅުމާއެކު ދެން އެ ޓީމަށް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. ނަމަވެސް ދެވަނައިގައި އޮތް ލިވަޕޫލަށް އަދި ދެ މެޗު އެބައޮތެވެ. ދެ ޓީމުގެ ޕޮއިންޓުގެ ފަރަގަކީ އެންމެ ހަތަރު ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑު ނަގައިފައިވަނީ ވެސްޓްހަމްއިންނެވެ. އެގޮތުން ވެސްޓްހަމްގެ ޖެރޮޑް ބޮވެން 24 ވަނަ މިނެޓުގައި ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ އެ ޓީމުގެ ޕަބްލޯ ފޯނަލްސް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އަނެއްކާ ވެސް ބޮވެން ގޯލެއްޖަހައި ވަނީ ސިޓީ ހާސްކޮށްލާފައެވެ. އެ ގޯލު އޭނާ ޖަހައިފައިވަނީ ވެސްޓްހަމްގެ މިޗައިލް އެންޓޯނިއޯގެ އެހީތެރިކަމާއެކުގައެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސިޓީގެ އިނގިރޭސި ފޯވާޑް ޖެކް ގްރީލީޝް އެ ޓީމުގެ ރޮޑްރީ ތަނަވަސްކޮށްދިން ފުރަސަތުގެ ބޭނުން ހިފައި ވަނީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އިތުރު ގޯލެއް ޖެހުމަށް ފެންބޮވައިގެންފައިވާ ސިޓީ ގޯލެއް ޖުމަށް ކުރަމުން ދިޔަ މަސައްކަތަށް ކުޑަ ވެސް ހިންހަމަ ޖެހުމެއް ލިބުނީ ސިޓީގެ ރިޔާދު މަހްރޭޒް ވެސްޓު ހަމްގެ އެރީއާ ތެރެއަށް ނަގައިދިން ހުރަސް ވެސްޓްހަމްގެ ކައުފްލް ބޮލުގައި ޖެހިފައި ގޯލެއް ވަނުމުންނެވެ. ބައިކޮޅަށް އެ ގޯލު ވަދެފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ސިޓީއަށް ވަނީ މެޗުގެ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ވެސްޓްހަމްގެ ގޯލު އޭރިއާ ތެރެއިން ކްރައިގް ޑޯސަން ސިޓީގެ ގަބްރިއާލް ޖީސުސްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ވީ ބޭކާރެވެ. މެހްރޭޒް ފޮނުވާލި އެ ޕެނަލްޓީ ވެސްޓްހަމްގެ ކީޕަރު ލޫކަސް ފެބިއަންސްކީ ވަނީ މަތަކޮށްފައެވެ.

އެއާއެކު ދެން ޕްރިމިއާ ލީގުގެ މި ސީޒަނުގައި ސިޓީ ކުޅޭނެ އެންމެ ފަހު މެޗެއްގެ ގޮތުން ސިޓީ ނިކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އަދި ވެސްޓްހަމް ނިކުންނާނީ ބްރައިޓަން އާ ދެކޮޅަށެވެ.

comment ކޮމެންޓް