ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮނޑުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮނޑުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ފަހު މީޑިޔާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮނޑުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި 59 އަހަރުގެ ދިވެި ފިރިހެނެއްގެ ކޮނޑުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

މި ސާޖަރީ ލީޑް ކުރައްވާފައި ވަނީ ޕްރޮފެސާ ބަންޗާ ޗާންޗުޖިތްއެވެ. އަދި ޑރ. މިޝްވާރުއާއި އޭޑީކޭގެ ޓީމެއް ވަނީ ސާޖަރީގައި އެހީތެރިވެދެއްވާފައެވެ.

މި އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުން ބުނީ ކަކުލުހުޅާ އަޅާ ބަލާއިރު، ކޮނޑުހުޅު ބަދަލުކުރަނީ ތަންކޮޅެއް މަދުން ނަމަވެސް އެފަދަ މީހުންނަށް، ކަކުލުހުޅުގެ މައްސަލަ ދިމާވާ މީހުންނަށް ވުރެ ބޮޑަށް ތަދު އިހުސާސް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮނޑުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ފަހު މީޑިޔާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

ކޮނޑުހުޅު ބަދަލުކުރި މީހާއަކީވެސް، ގާތްގަނޑަކަށް 25 ވަރަކަށް އަހަރު ތަކުލީފުތަކާއެކު އުޅެފައި ހުރި މީހެއްކަން ފާހަގަ ކުރަމުން، އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު އައްފާލް ވިދާޅުވީ، އޮޕަރޭޝަން ކޮށްފިނަމަ، މިހާރަށްވުރެ ރަނގަޅަށް އެކި ކަންކަން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ކޮނޑުހުޅު ބަދަލުކުރާ އޮޕަރޭޝަން ކުރަން ޖެހެނީ، ހުޅުގައި އިންނަ މަޑުކަށި ފަށަލަ ހަލާކުވެ، އެކަމުގެ އަސަރު ކަށިގަނޑަށް ކުރުމުން ކަމަށާއި އޭގެ ސަބަބުން މީހާއަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަލާން ޖެހޭ ކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ.

އޭގެ ތެރޭގައި، އެ ކޮނޑުމައްޗަށް ވާގޮތަށް އޮށޯވެއޮވެ ނިދަން އުނދަގޫވުމާއި، އާއްމު ދިރިއުޅުމުގައި ކުރާ ބައެއް ކަހަލަ މަސައްކަތްތަކަށް އުނދަގޫވުން ހިމެނެއެވެ.

އެހިސާބުން އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.

އާއްމުކޮށް މިފަދަ އޮޕަރޭޝަނެއް ކުރުމަށްފަހު، ރިކަވާވެ، ކުރިން ހުރި ގޮތަށް ދިއުމަށް އަށް ހަފްތާއާ 12 ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި އޮޕަރޭޝަން ކޮށްފައި ވާއިރު، މިހާރުވެސް ބަލިމީހާ ވަރަށް ބޮޑަށް އިމްޕްރޫވް ވެފައި ވާކަމަށް ޑޮކްޓަރުންގެ ޓީމުން ފާހަކަ ކުރިއެވެ.

ޑޮކްޓަރުން ފާހަގަ ކުރެއްވި ގޮތުގައި ހުޅު ހަލާކުވާން ބައިވަރު ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސް ވުމާއި، އެކި ބަލިބަލި ތަހައްމަލު ކުރަން ޖެހުން ހިމެނެއެވެ.

ހުޅު ހަލާކު ވުމަށްފަހު މީހާގެ ދިރިއުޅުމަށް ވަރަށް އުނދަގޫ ބަދަލުތަކެއް އާދެއެވެ.

ކޮނޑު ހުޅުގެ ފުރަތަމަ ސާޖަރީއާއެކު، މިހާރުވެސް ބައެއް މީހުން އޭޑީކޭއިން އެ ސާޖަރީ ހެދުމަށް ޝައުގުވެރިކަން ފާޅުކުރާ ކަމަށް އައްފާލް ވިދާޅުވިއެވެ.

އޭޑީކޭއިން މި ސާޖަރީ ކޮށްދެނީ 117،000 ރުފިޔާއަށެވެ.

މިވަގުތު މި އޮޕަރޭޝަން އާސަންދައިގެ ދަށުން ނުކުރެވޭއިރު، މި ސާޖަރީގެ އަގު އާސަންދައިގެ ތެރެއިން ލިބޭނެ ގޮތެއް ހަމަޖެއްސުމަށް އެދި އޭޑީކޭއިން ވަނީ އާސަންދައަށް ހުށަހަޅާފައެވެ.

comment ކޮމެންޓް