ސީދާ ތިން ސެޓުން މޮޅުވެ ދީމާ ކެޑޭޓް ބައިގެ ސެމީއަށް، މިޝްކާ ދެއްކީ މޮޅު ކުޅުމެއް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ ތެރެއިން — ފޮޓޯ / ރައީސް އޮފީސް

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ ކެޑޭޓްގެ ކުއާޓާ ފައިނަލް މެޗުން ސީދާ ތިން ސެޓުން މޮޅުވެ ފާތިމަތު ދީމާ އަލީ ސެމީއަށް ދަތުރުކޮށްފިއެވެ.

ދީމާ ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާގައި ނޭޕާލްގެ އިވާނާ ތާޕާއާ ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ދީމާ ގެންގޮސްފައިވަނީ 11-4، 11،9 އަދި 11-7 އިންނެވެ. ދިމާ ކުއާޓާއަށް ދަތުުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ އެއް ވަނައިގެ ގޮތުގައެވެ.

ދީމާ ވަނީ ޖޫނިއާ ބައިގެ ކުއާޓާއިން ވެސް ޖާގަ ހޯދައިފައެވެ. މިބައިގެ ކުއާޓާގައި ދީމާ ނިކުންނާނީ ވެސް ނޭޕާލްގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

ކެޑޭޓް ބައިގެ ކުއާޓާގައި މިޝްކާ މުހައްމަދު އިބްރާހީމް ވަނީ އިންޑިއާގެ ސިންދިކާ އަތުން ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ. މެޗުގެ ފުރަތަމަ ސެޓު ހޯދީވެސް މިޝްކާއެވެ. ސިންދިކާ ވަނީ ޖެހިގެން އައި ތިން ސެޓު ވެސް ހޯދައި މެޗުން މޮޅުވެފައެވެ. މެޗުން ބަލިވި ނަމަވެސް ރާއްޖޭގެ މިޝްކާ ވަނީ ރަނގަޅުފައިޓެއް ދީފައެވެ.

މިޝްކާ ކުއާޓާއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ގްރޫޕްގެ ދެ ވަނައިގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް