2.9 މިލިއަނަށް ބައު ޖަމާލުއްދީން ތަޅައިލަން ބަޔަކާ ހަވާލުކޮށްފި

ޖަމާލުއްދީން ސުކޫލް ހިންގި އިމާރާތް -- ސަން ފޮޓޯ

ކުރީގެ ބައު ޖަމާލުއްދީންގެ އިމާރާތް ތަޅައިލަން ބަޔަކާ ހަވާލުކޮށްފިއެވެ.

ދައުލަތުގެ ބަޖެޓުން 2.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 75 ދުވަސް ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް ހަލާކުރީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމުގެ އެއްބަސްވުމުގައި ދެފާރާތުން ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވީ އެޑިއުކޭޝަން މިނިސްޓްރީގައެވެ.

އަރަބިއްޔާ ސުކޫލުގެ އިމާރާތް ވީރާނާވެ، ދަރިވަރުންގެ ފުރާނައަށް ނުރައްކާވާ ހާލަތަށް ދިޔުމުން، ބެލެނިވެރީންގެ ފަރާތުން އެކަމުގެ ކަންބޮޑުވުމާއި ޝަކުވާ ރައީސަށް ހުޅަހެޅިއެވެ.

ބެލެނިވެރީންގެ ޝަކުވާތައް އަޑު އެއްސެވުމަށްފަހު ރައީސް ވިދާޅުވީ އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ބައު ޖަމާލުއްދީންގެ އިމާރާތް ތަޅައިލުމަށް ފަހު، އެ ބިމުގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް އަޅަން އެމަނިކުފާނު ނިންމެވިއެވެ.

މި އިމާރާތް ނިމި، އެތަނަށް ބަދަލު ވެވެންދެއް އަރިބިއްޔާ ސުކޫލުގެ ދަރިވަރުން ވަގުތީގޮތުން ކިޔަވަމުން އަންނަނީ އެމްޓީސީސީ ސޯމިލް އިމާރާތުގައެވެ.

ބައު ޖަމާލުއްދީންގެ އިމާރާތް، އެންމެފަހުން ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގެ ގޮތުގައެވެ.

comment ކޮމެންޓް