މެދުއިރުމަތީގެ މާކެޓަށް ހާއްސަ އޭޓީއެމް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

އޭޓީއެމް 2022ގައި ބައިވެރިވާ ރާއްޖޭގެ ވަފްދު --- ފޮޓޯ/ އެމްއެމްޕީއާރުސީ

މެދުއިރުމަތީގެ ފަތުރުވެރިކަމުގެ މާކެޓަށް ހާއްސަ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2022ގައި ރާއްޖެ ތަމްސީލުކުރުމަށް އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

އިއްޔެއިން ފެށިގެން މި މަހުގެ 12އިގެ ނިޔަލަށް ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މި ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގައި ޖުމްލަ 62 ކުންފުންޏެއް ހިމެނެއެވެ. މިއީ އަހަރުގެ މިހާތަނަށް ރާއްޖެއިން އެންމެ ބޮޑު ވަފްދަކާއެކު ބައިވެރިވާ ފެއާއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދު ވިދާޅުވީ މި މާކެޓަކީ ރާއްޖޭގެ ބްރޭންޑް މެދުއިރުމަތީގައި އިސްތިހާރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މާކެޓު. މި މާކެޓުގެ ދަތުރުވެރިންނަށާއި ވިޔަފާރިތަކަށް ދުނިޔޭގެ އެއްވަނަ މަންޒިލުގެ ހާއްސަކަން ކިޔައިދިނުމަކީ ލިބޭ އުފަލެއް" އޭނާ ވިދާޅުވިއެވެ.

އޭޓީއެމް 2022ގައި ބައިވެރިވާ ރާއްޖޭގެ ސްޓޭންޑް--- ފޮޓޯ/ އެމްއެމްޕީއާރުސީ

މި ފެއާގެ ތެރެއިން އެމްއެމްޕީއާރުސީއާއި ގަތަރު އެއާވޭސްއާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ދެ ކުންފުނީގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެވުނު މި އެމްއޯޔޫގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޠައްޔިބު މުޙައްމަދެވެ. އަދި ގަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީސީއޯ ތިއެރީ އެންޓިނޯރީއެެވެ.

މީގެ އިތުރުންވެސް ދާއިރާގެ އެކިއެކި ބައިވެރިންނާއެކު މި ފެއާގެ ތެރެއިން ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

comment ކޮމެންޓް