ބޮޑުވަޒީރު ކަމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި: ލަންކާ މީޑިއާތައް

ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ --

ސްރީލަންކާގެ ބޮޑުވަޒީރު ކަމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ އިސްތިއުފާ ދެއްވީ، އެގައުމުގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ.

އެގައުމުގައި މިއަދު ސަރުކާރަށް ތާއިދު ކުުރުމުގެ ގޮތުން ވެސް އެއްވުންތަކެއް ބާއްވާފައިވެއެވެ. އެ އެއްވުމުގެ ބައިވެރިންނާއި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނާ ދެމެދު ގައުމުގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ހިނގައި، 100އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ލަންކާގެ ނިއުސް ވަޔާ ނޫހުގައިވެއެވެ.

އޭގެ ތެރެއިން އެއް ހާދިސާއެއްގެ ވީޑިއޯއިން، ސަރުކާރަށް ތާއިދު ކުރާ މީހުން ދަގަނޑާއި ދަނޑިބުރިން، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނަށް ހަމަލާ ދޭތަން ފެނެއެވެ. އަދި ސަރުކާރަށް ތާއިދު ކުރާ މީހުން ތިބި ބަހަކަށް، ސަރުކާރާ ދެކޮޅު މީހުން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައިވެއެވެ.

މިދިޔަ މާޗް މަހު ލަންކާގައި ސިލްސިލާ މުޒާހަރާތައް ފެށީ އެގައުމުގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ތެލާއި ކާބޯތަކެއްޗާއި ބޭސް ލިބުން ދަތިވުމުންނެވެ.

ލަންކާގެ ފޮރިން ރިޒާވް މިހާރު 50 މިލިއަން ޑޮލަރަށް ވެއްޓިފައިވާ އިރު އެގައުމުން މިއަހަރު އެކަނިވެސް ބޭރުގެ ދަރަނީގެ ގޮތުގައި ހަތް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އެގައުމުގެ ބޭރުގެ ދަރަނިތަކުގެ ޖުމްލަ އަދަދު ވަނީ މިހާރު 51 ބިލިއަން ޑޮލަރަށް އަރާފައެވެ.

ލަންކާގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގައި މިދިޔަ މަހު ކާފިއު ހިންގައި ފަސް ދުވަހަށް ކުއްލި ހާލަތު އިއުލާންކުރިއެވެ. އަދި މުޒާހަރާތައް އިތުރުވުމުން މިދިޔަ ހުކުރު ދުވަހު އަނެއްކާވެސް ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

އެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ލަންކާގައި އެތައް އަހަރެއް ވަންދެން ވެރިކަން ކުރައްވާފައިވާ ރާޖަޕަކްސަ އާއިލާގެ މެންބަރުން އިސްތިއުފާ ދެއްވުމަށެވެ.

މީގެ ކުރިން މަހިންދަ ވަނީ ގައުމުގެ ބޮޑުވަޒީރުކަން 2004އިން 2005އަށް އަދި ރައީސްކަން 2005އިން 2015އަށް ކުރައްވާފައެވެ.

comment ކޮމެންޓް