ނަޙުލާ އާއި އޭނާގެ މަންމަ، ޕީޕީއެމުން ވަކިކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ---

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ ޢަލީ އާއި އޭނާގެ މަންމަ އާމިނަތު ލީލާ، ޕީޕީއެމުން ވަކިކޮށްފިއެވެ.

ނަޙުލާ އާއި އޭނާގެ މަންމަ ޕީޕީއެެމުން ވަކި ކުރީ ވިލިމާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ފާތިމަތު ނާޒިމާއަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން އިދިކޮޅު އެމްއެންޕީން ވާދަކުރާ އައިމިނަތު ޝީޒާއަށް ވޯޓު ހޯދައިދިނުމުގެ މަސައްކަތް ކުރިކަން ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.

މި މައްސަލަތައް ބެލުމަށްފަހު، ޕީޕީއެމްގެ ސުލޫކީ ކޮމެޓީން މިރޭ ނިންމީ ނަހުލާ އާއި އޭނާގެ މަންމަ ވެސް ޕާޓީން ވަކި ކުރުމަށެވެ.

ނަޙުލާ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކުރާން މިރޭ އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވާއިރު، އޭނާގެ އަންހެން ކޮއްކޮ މީގެ ކުރިން ވަނީ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައެވެ.

ޕީޕީއެމުން ނަޙުލާ މިރޭ ވަކި ކޮށްފައިވާއިރު، އެ ޕާޓީގެ ކުރީ ސަފުގައި ހިމެނޭ ބައެއް ފަރާތްތަކާ ދެމެދުގައި ވަނީ ދެބަސްވުންތަކެއް އުފެދިފައިއެެވެ. މީގެ ތެރޭގައި ނަޙުލާގެ ޢާއިލާގެ ބޮލުގައި ޕީޕީއެމްގެ ތެރެ ފަސާދަކުރާ ކަމުގެ ތުހުމަތު ވެސް އެ ޕާޓީން ވަނީ އަޅުވައިފިއެވެ

ޕީޕީއެމުން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރާ އެ ޕާޓީގެ މެންބަރު ނަޙުލާ ޢަލީ ގެންދަނީ ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ފަތުރަމުން ކަމަށެވެ.

މީގެ އިތުރުން ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަންފުޅު ބޭނުން ކޮށްގެން ދޮގު ވާހަކަ ދެއްކުމާ އަދި މެންބަރުންގެ މެދުގައި ނުތަނަވަސްކަމާ ފިތުނަ އުފެދޭ ގޮތަށް ވެސް ވާހަކަ ދައްކާ ކަމަށް ޕީޕީއެމުން ބުންޏެވެ.

ނަޙުލާގެ ޢާއިލާގެ މެންބަރުންނަށް ޕީޕީއެމުން ކުރާ ތުހުމަތަކީ އެ ކަންކަން ކުރަމުން އަންނައިރު އެކަމުގައި ވާގިވެރިވާން އޭނާގެ މަންމަ އާއި އަންހެން ކޮއްކޮ ވެސް މަސައްކަތް ކުރާ ކަމަށެވެ.

ޕީޕީއެމުން ބުނެފައިވަނީ އެޕާޓީގެ ކެންޑިޑޭޓަށް ނަހުލާ، އެއްޓި ކެންޕެއިން ކުރި ކަމުގެ މަޢުލޫމާތު ހެތްކާއެކު ލިބިފައިވާ ކަމަށެވެ.

ޕީޕީއެމުން ވަކި ކުރާން ނިންމުމާ ގުޅުވައިގެން "ސަން"އަށް ނަހުލާ ވިދާޅުވީ އޭނާ އަކީ މީގެ ކުރިން ވެސް ރައީސް ޔާމީންގެ ސަޕޯޓަރެއް ކަމަށާއި އެހެން ކަމުން ޕާޓީން ވަކި ކުރި ނަމަވެސް އެމަނުކުފާނަށް ތާއީދު ކުރުމުގައި ދެގޮތެއް ނުވެ ދެމި ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް ނޫން އެހެން ޕާޓީއަކުން ނުފެންނާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލަރެއްގެ ގޮތުގައި ނަހުލާ މާލޭ ސިޓީ ކައުންސިލުގައި މަސައްކަތް ކުރައްވާއިރު މީގެ ކުރިން ވެސް ވަނީ އޭނާއާ ގުޅޭ ތަފާތު އެކި މައްސަލަތައް ފެންމަތިވެފައެވެ.

އެގޮތުން ކައުންސިލަރުން ތަކަކަށް ބިރު ދެއްކިކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން ޕީޕީއެމްގެ އަސާސީ ޤަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ، ޕާޓީގެ ހަރަކާތަތްތަކުން ހަ މަސް ދުވަހުގެ މުއްދަތަކަށް ނަހުލާ ސަސްޕެންޑު ވެސް ކުރިއެވެ.

އެ ސަސްޕެންޝަނުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ އެ ޕާޓީގެ އެތެރޭގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަކުރުމަށް އޮތް ފުރުސަތު ނަޙުލާއަށް ގެއްލުނެއެވެ.

މި ސަސްޕެންޝަން އުވައިލީ ރައީސް ޔާމީންގެ އެންގެވުމަކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އެ މައްސަލަ އަލުން ރިވިއު ކުރުމަށްފަހުގައެވެ.

comment ކޮމެންޓް