ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުކޮށްފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު -- ފޮޓޯ/ ދި އިސްލާމް

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް އެހެން ޓީޗަރުންނާ އެއްގޮތަށް ބޮޑު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މިމަހުގެ އެއްވަނަ ދުވަހުން ފަށައިގެން "ދައުލަތުގެ ޕޭ ފްރޭމް ވާކް"އަށް ބަދަލު ކުރުމަށް ވަނީ ނިންމަވާފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާކަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާނު ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.

ޓީޗަރުންގެ މުސާރައަށް މި ބަދަލުގެނެސްފައި ވަނީ އެކި ރޭންކު ތަކަށް ޓީޗަރުން ބަހާލައިގެންނެވެ.

މީގެ ތެރޭގައި ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު ދޭއްގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ވަނީ ގެނެސްފައެވެ.

ރައީސް، މި ގެންނެވި ބަދަލާއެކު ޕްރިންސިޕަލުންގެ މުސާރަ 30000 މަތީގައި އުޅޭއިރު ޓީޗަރުންގެ މުސާރަ ވަނީ 20000 އަށް ބޮޑުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޢަލީ ވިދާޅުވެފައިވަނީ ލީޑިން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑު ކުރުމަށް ނިންމައިފައިވާ ކަމަށާއި އެހެންކަމުން މީގެ ފަހުން އެފަރާތްތަކަށް ވެސް 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް