އީދު ދުވަހު މާލޭގެ ދެ ސަރަހައްދަކުން ހަތަރު މީހަކު ޒަހަމުކޮށްލި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ކޯރުކެނޑި މަގުން މާވެޔޮ މިސްކިތް ކައިރީގައެވެ. ފަތިހު 5:48 ކަންހާއިރު ހިންގި އެ މާރާމާރީގައި ދެ ދިވެއްސަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވެއެވެ.
ދެވަނަ މާރާމާރީ ހިންގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. އެ ދުވަހު 9:17 ކަންހާއިރު ހިންގި އެ މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ.
އެ ދެ މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ވަނީ ފަށައިފައެވެ. އެ ދެ މާރާމާރީގައި ޒަހަމުވި ހަތަރު މީހުންގެ ހާލަތު ވެސް އަންނަނީ ރަނގަޅުވަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އަދި މިހާތަނަށް އެ މައްސަލަތަކުގައި މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރޯދަ މަހުގެ ތެރޭގައި ހުޅުމާލޭގައި ހުންނަ ކެފޭއެއްގެ ޕާކިސްތާނު ކައްކާއަކު ވަނީ އެތަނުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ވޭޓަރަކަށް ވަޅިން ހަމަލާދީ މަރާލާފައެވެ.