ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ބަނގުރަލާއެކު ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ހޯދައިފައިވާ ކަމަށެވެ.

މިގޮތުން ބަލައި ފާސްކުރި ތަންތަނުން، ޖުމްލަ 79 ފުޅި ބަނގުރަލާއެކު، 245000 އަށްވުރެ ގިނަ ދިވެހި ފައިސާއާއި 14500 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 50 ޔޫރޯ ފެނިފައިވާ ކަމަށް ފުލުުހުން ބުންޏެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންނަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އަންނަނީ އެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދަމުންނެވެ.

comment ކޮމެންޓް