މިއަދު ހާމަވެގެންދިޔައީ ރައީސް ތައުލީމަށް ދެއްވާ މަތިވެތި ގަދަރު: މިނިސްޓަރު

މިނިސްޓަރު އައިޝަތު އަލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހާމަވެގެން ދިޔައީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު، ތައުލީމާއި އުނގެނުމަށް ދެއްވަވާ އަހަންމިއްޔަތު ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑު ކުރެއްވިކަން ރައީސް އިއުލާން ކުރައްވާފައިވަނީ މިއަދު މެންދުރު 1:45 ގައި ގައުމާ މުހާތަބު ކުރެއްވުމަށްފަހުއެވެ.

އެއަށްފަހު، އިތުރުކުރި މުސާރަތަކުގެ ތަފްސީލް ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއަދު ޓީޗަރުންނަށް ދޭ އުފާވެރި ހަބަރަކީ އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ ހައްގު އަގު އުޖޫރައިގެ ގޮތުގައި ލިބޭނެ ކަމުގެ އުފާވެރި ހަބަރު ކަމަށެވެ.

"މި ތާރީހީ ބަދަލަަށް ޓަކައި ރާއްޖޭގެ ހަމަ ހުރިހާ މުދައްރިސުންނަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންގެ ނަމުގައި އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއެކު އުނގަންނައިދިނުމަށް ރައީސް ޞާލިހު ދެއްވާ މަތިވެރި ގަދަރު ހާމަވެގެންދާ ކަމަށެވެ.

"އަދި ރާއްޖޭގެ މުސްތަގްބަލަށް ވިސްނަވާ މިންވަރު، އަދި ވައުދުތައް ފުއްދަވަން މަސައްކަތް ކުރައްވާ މިންވަރު [ހާމަވެގެން ދޭ]،" މިނިސްޓަރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރެއްވިކަން އިއުލާނު ކުރެއްވުމަށް ގައުމާ މުހާތަބް ކުރައްވަމުން ރައީސް ވިދާޅުވީ, ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭވަރަށްވުރެ މާ މަތިވެރި ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން," ރައީސް ވިދާޅުވިއެވެ.

ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ޤައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށްކަން ފާހަގަކޮށް ރައީސް ވިދާޅުވީ, ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ޔަޤީން ކަމަށެވެ.

"ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި," ރައީސް ވިދާޅުވިއެވެ.

https://sun.mv/164535

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިއަދުން ފެށިގެން ގެނައި އާ ބަދަލާއެކު މުސާރަތައް ވަނީ ވަރަށް ބޮޑުތަން ބޮޑުވެފައެވެ. އެވެރެޖްކޮށް ދެން ޓީޗަރަކަށް 20،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ.

comment ކޮމެންޓް