ގައުމުގެ ތަރައްގީއަށް ޓަކައި މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތް ކުރުން މުހިންމު: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައިސް އޮފީސް

ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް ޓަކައި، މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ މަސައްކަތްތެރީން އަދާ ކުރަމުން އަންނަނީ މުހިންމު ދައުރެއް ކަމަށާއި އެ މީހުންގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތަޢުގައި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

މިގޮތުން ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ހައްގު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް އަދި ރާއްޖޭގައި ހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި ވަނީ މި ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައި ކޮށްފައިވާ ބައެއް ކަންކަމަށް ވެސް އަލި އަޅުވައިލައިފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ގާނޫނީ ގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފެށުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ޚިދުމަތްތަކުން، މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމް ކުރުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ ކަން ފާހަގަކުރައްވައި، ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރު ކުރުން ކަމަށެވެ.

comment ކޮމެންޓް