ދިވެހި އަލިފުބާއާ ގުޅޭ ޚިޔާލެއް

މަލިކުގެ ރަސްމީ އިދާރާއެއްގެ ބޭރުގައި ތާނަ އަކުރުން ތަނުގެ ނަން ލިޔެފައި

އަޅުގަނޑުމެން ދިވެހީންގެ ޤައުމިއްޔަތާއި ޤައުމީ ޝަނާޚަތުގެ އެންމެ މައިގަނޑު އެއް ބަހާ އަކީ ދިވެހި ބަހެވެ. ދިވެހި ބަސް ރައްކައުތެރި ކުރުމާއި، ބަސް ކުރިއަރުވައި ތަރައްޤީ ކުރުމަކީ އަޅުގަނޑުމެންގެ ޤައުމީ ވާޖިބެކެވެ. މި ވާޖިބު އަދާ ކުރުމުގެ މަސައްކަތް އެކަށޭނަ ގޮތެއްގައ ކުރެވޭނީ، އެކިއެކި ޚިޔާލުތަކާއި ވިސްނުންތައް ނެރެވި، އެ ޚިޔާލުތަކާއި ވިސްނުންތަކާ މެދު އެދެވޭ ގޮތެއްގައި މަޝްވަރާ ކުރެވިގެންނެވެ. މި ފަހަރު އަޅުގަނޑު ވެސް މި އުޅެނީ ދިވެހި ބަސް ކުރި އެރުވުމާ ގުޅޭ ޚިޔާލެއް ނުވަތަ ވިސްނުމެއް ޙިއްޞާ ކޮށްލުމުގެ އެދުމުގައެވެ. މި ދަންނަވާ ޚިޔާލަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުވެވެސް ދާނެއެވެ. އެހެން ނަމަވެސް، ޚިޔާލަކާ މެދު ވާހަކަ ދައްކައިލައި ބަޙުޘް ކޮށްހެދުމުގައި ގޯހެއް ނެތްތާއެވެ!

ދިވެހި ލިޔާން އަޅުގަނޑުމެން ބޭނުން ކުރާ "ތާނަ" އަކުރަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއް އަލިފުބާ ކަމުގައި ބުނެވިދާނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގެ ޗާންސެލަރ، އަދި ބަހާއި ބަހަވިއްޔާތުގެ ދާއިރާގައި މިހާރު އަޅުގަނޑުމެންގެ ތެރޭގައި ހުންނެވި އެންމެ ފުންނާބު އުސް އެއް ޢިލްމުވެރިޔާ ޑރ. ޙަސަން ޙަމީދު ލިޔުއްވި ލިޔުއްވުމެއްގައި އެކަން ފާހަގަ ކުރައްވައިފައި ވެއެވެ. އަދި، ދިވެހި އަކުރު ކަމުގައި ވާ ގަބުޅި ތާނަ އަކީ ދެކުނު އޭޝިޔާގެ އެންމެ ސައެންޓިފިކް އަކުރުތައް ކަމަށް، ބަހަވިއްޔާތުގެ މަޝްހޫރު ޢިލްމުވެރިއަކު ދެކެވަޑައިގަންނަވާ ވާހަކަ ވެސް ވިދާޅުވެފައި ވެއެވެ. ތާނަ އަކުރު ދެމެހެއްޓުމަކީ، އެހެންކަމުން، އަޅުގަނޑުމެންގެ ވަރަށް ބޮޑު މަޞްލަޙަތެއް ކަމުގައި ނޫނީ ނުފެނެއެވެ.

ހަމަ އެއާއެކު، ތާނަ އަކުރުގެ އަޞްލާއި އަސާސީ ސިފަތައް ގެއްލުވައިނުލައި، ތާނަ އަކުރުތަކާއި އެ އަކުރުތައް ބޭނުން ކުރުމުގެ ކަންކަން އިތުރަށް ފުރިހަމަ ކުރެވޭތޯ ބެލުމަކީ ވެސް ނެތް ކަމެއް ނޫނެވެ. އެގޮތުން، ސުމޭކީ މަންސަތަކާއި ކޮންޕިޔުޓަރުގެ ދުނިޔޭގައި ތާނަ ވަރުގަދަ ކުރުމަކީ މުހިއްމު ކަމެކެވެ. ތާނައިގެ ރީތި އިތުރު ފޮންޓުތައް ހެދުމާއި، ތާނަ ފޮންޓުތައް ކޮންޕިޔުޓަރުގައި ބޭނުން ކުރުމުގައި ހުރި މައްސަލަތަކާއި އުނިކަންކަމަށް ޙައްލުތައް ހޯދުމަކީ ކުރާން ޖެހިފައި ހުރި ކަންތަކެވެ. ތާނަ ލިޔުން އިތުރަށް ކުރިއެރުވުމާ މެދުގައި ވެސް ޑރ. ޙަސަން ޙަމީދު މުހިއްމު ޚިޔާލުފުޅުތަކެއް ހާމަ ކުރައްވައިފައި ވާކަން ފާހަގަ ކުރެވެއެވެ. އެ ޚިޔާލުފުޅުތައް އަޅުގަނޑުމެން އެންމެންނަށް ރަނގަޅު ނުވެދާނެއެވެ. ޚުދު އަޅުގަނޑު ވެސް އެ ހުރިހައި ޚިޔާލުފުޅުތަކަކަށް އެއްބަހެއް ނުވަމެވެ. މިސާލަކަށް، ޑރ. ޙަސަން އޯބޯ ފިއްޔަށް ހުށައަޅުއްވާ އިޞްލާޙު އަޅުގަނޑަށް ވަރަށް ބޮޑަށް ބަލައިގަނެވޭ އިރު، ތާނަ އަކުރުތައް ތެދު ކުރުމަށް ހުށައަޅުއްވާ ހުށައެޅުއްވުން އަޅުގަނޑަށް އަދިއެއް ޤަބޫލެއް ނުކުރެވެއެވެ. އެހެން ނަމަވެސް، ޑރ. ޙަސަންގެ ވިސްނުންފުޅުތައް މަޝްވަރާގެ މޭޒުމައްޗަށް ގެނައުން ވަރަށް މުހިއްމު ކަމަށް ފެނެއެވެ.

މި ލިޔުމުގައި މި ހުށައަޅައިލަނީ، ތާނައިގެ އަކުރުތަކުގެ "އަޕަރކޭސް" ބަދީލުތަކެއް ތަޢާރަފު ކުރުމުގެ ޚިޔާލެވެ.

"އަޕަރކޭސް" މިއީ އިނގިރޭސި ލަފުޒެކެވެ. މި ލަފުޒުން މާނަ ވެވޭ މަފްހޫމަކަށް ދިވެހި ލަފުޒެއް ނެތެވެ. ޝައްކެއް ނެތް ގޮތުގައި، ދިވެހި ބަހުގައި "އަޕަރކޭސް" އަކުރު ނުހުންނާތީ، އެ މަފްހޫމަށް މުސްކުޅި ޒަމާނުއްސުރެ ދިވެހި ބަހުގައި ލަފުޒެއް ނެތީއެވެ. ހަމައެހެންމެ، "އަޕަރކޭސް" ގެ އިދިކޮޅު ކަމުގައި ވާ "ލޯވަރކޭސް" އަކަށް ވެސް ދިވެހި ބަހުގައި ލަފުޒެއް ނެތެވެ. ހަމައެހެންމެ، މި މައުޟޫޢުގައި ވާހަކަ ދެއްކުމުގައި ބޭނުން ކުރާ އެހެން ލަފުޒުތައް ކަމުގައި ވާ "ޔުނިކެމަރަލް" އާއި "ބައިކެމަރަލް" ފަދަ ލަފުޒުތަކުގެ މަޤާމުގައި ބޭނުން ކުރެވޭނޭ ދިވެހި ލަފުޒުތަކެއް ވެސް ނެތެވެ. އެހެންކަމުން، މި ލިޔުމުގައި މި ހުރިހައި ލަފުޒުތަކެއް ވެސް ބޭނުން ކޮށްފައި ވާނެއެވެ. ކުރިޔަށް ދިޔުމުގެ ކުރީން، މި ލަފުޒުތަކުން އިޝާރާތް ކުރެވެނީ ކޮން އެއްޗެތިތަކަކަށްކަން ދެނެގަންނަމާ ހިންގަވާށެވެ! "އަޕަރކޭސް" އާއި "ލޯވަރކޭސް" އަކީ، އިނގިރޭސި ބަހާއި އަދިވެސް ޔޫރަޕުގެ ގިނަ ބަސްތަކެއް ލިޔާން ބޭނުން ކުރާ ލެޓިން އަލިފުބާގައި ހިމެނޭ އަކުރުތަކުގެ ދެ ގުރޫޕަށް ކިޔާ ދެ ނަމެވެ. މި ދެ ގުރޫޕުގެ އަސާސީ ތަފާތަކީ، ދެ ގުރޫޕުގައި އަކުރުތަކުގެ ބައްޓަމާއި ސޫރަ ތަފާތު ވުމެވެ. "އަޕަރކޭސް" އަކުރުތައް ހުންނާނީ ވަކި ގޮތަކަށެވެ. އެ އަކުރުތަކަށް "ކެޕިޓަލް" އަކުރުތަކޭ ވެސް ކިޔައެވެ. "ލޯވަރކޭސް" އަކުރުތައް ތަފާތު އެހެން ގޮތަކަށް ހުންނަ އިރު، އެއަށް "ސިމްޕަލް" އަކުރުތަކޭ ކިޔައެވެ. މިއަށްވުރެ އިތުރު ތަފްޞީލެއް ނުދިޔަސް، ކިޔުންތެރީންނަށް ސާފު ވެވަޑައިގަންނަވާނޭ ކަމަށް ފެނެއެވެ. "ބައިކެމަރަލް" އަލިފުބާއެކޭ ބުނެވެނީ، އެ އަލިފުބާއެއްގައި މި ދެންނެވި ދެ ސޫރައިގެ އަކުރުތައް ހިމެނޭ އަލިފުބާތަކަށެވެ. އެންމެ ރަނގަޅު މިސާލަކީ ލެޓިނެވެ. އަނެއްކޮޅުން، ހަމައެކަނި އެއް ސޫރައެއްގައި އެއް އަކުރު ސެޓު ހިމެނޭ އަލިފުބާއަށް "ޔުނިކޭސް" ނުވަތަ "ޔުނިލެޓަރަލް" އަލިފުބާއޭ ކިޔައެވެ. އަޅުގަނޑުމެންގެ ތާނަ އަކުރަކީ "ޔުނިކޭސް" އަލިފުބާއެކެވެ. ޢަރަބި، އުރްދޫ، ފާރިސީ، ހިބްރޫ ފަދަ ބަސްބަސް ވެސް ހަމަ އެފަދައެވެ.

ދިވެހި ތާނަ އަކުރުތަކުގެ "އަޕަރކޭސް" ސެޓެއް ތަރައްޤީ ކޮށް ބޭނުން ކުރާން ފެށުމަކީ ފައިދާ ހުރި ކަމަކަށް ނުވާނެ ބާވައެވެ! ތާނަ އަކުރަށް، ދިވެހި ލިޔުމަށް، ގެނެވޭ ތަރައްޤީއަކަށް ނުވާނޭ ބާވައެވެ! އަޅުގަނޑު ހިތުން، ވާނެއެވެ.

"އަޕަރކޭސް" އަކުރުތަކަކީ ލިޔުމުގައި ވަކި ކަންތައްތަކެއް ބަޔާން ކޮށްދިނުމަށް، ވަކި ކަހަލަ މާނަތަކަކަށް އިޝާރާތް ކުރުމަށް، ވަކި ކަހަލަ ތަފާތުތަކެއް ލޮލަށް ފެންނާނޭ ގޮތަށް ފާހަގަ ކުރުމަށް ބޭނުން ކުރެވޭ އަކުރުތަކެކެވެ. އެހެންކަމުން، "އަޕަރކޭސް" އަކުރުތަކެއް ބޭނުން ކޮށްފައި ހުރުމުން، ލިޔެފައި އޮންނަ އެއްޗެއްގެ "ޕްރިސިޝަން" ވަރުގަދަ ވާކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. "ޕްރިސިޝަން" އަކީ، ބުނާން އުޅޭ އެއްޗެއް އޮޅުން ނާރާނޭހައި ސާފުކޮށް، ތުނޑުންތުނޑަށް ބުނެވުމެވެ. "އަޕަރކޭސް" އަކުރުތަކަކީ ލިޔުމުގެ "ޕްރިސިޝަން"، ބައެއް ޙާލަތުތަކުގައި އެކަނި ނަމަހީވެސް، އިތުރު ކޮށްދޭ އެއްޗެކޭ މި ދަންނަވާ ސަބަބު މިސާލަކުން ދެންނެވޭތޯ ބަލާނަމެވެ. އަންނަނިވި އިނގިރޭސި ޢިބާރާތް ވިދާޅުވެލައްވާށެވެ.

I have gone to east side square.

މި ޖުމުލަ ކިޔަމުން ދާ އިރު، "އީސްޓް ސައިޑް" މި ހިސާބަށް ކިޔައިފައި ހުއްޓައިލާ މީހާއަށް، ޖުމުލައިގައި އެ ބުނަނީ، ވާހަކަ ދައްކާ މީހާ "އީސްޓް ސައިޑް" މި ދެ ލަފުޒު އެކުލެވޭ ނަމެއް ކިޔާ ވަކި ޚާއްޞަ ތަނަކަށް ދިޔަ ވާހަކަ ކަމެއް، ނުވަތަ "އިރުމަތީ ފަރާތަށް ދިޔަ ވާހަކަ ކަމެއް" ނޭނގޭނެއެވެ. އެ ހިސާބަށް ޖުމުލަ އޮތް ގޮތުން، ޖުމުލައިން މި ދެ މާނަ ނެގުމުގެ އިޙުތިމާލު ވެސް އޮތީތީއެވެ. ޖުމުލަ ބުނި މީހަކު ދިޔައީ "އީސްޓް ސައިޑް ސްކުއެއަރ" ކިޔާ މައިދާނަކަށް ކަން ކިޔާ މީހާއަށް އެނގޭނީ އެންމެ ފަހު ލަފުޒު ކަމުގައި ވާ "ސްކުއެއަރ" ވެސް ކިޔުމުންނެވެ. އޭގެ ބަދަލުގައި، ތިރީގައި މި ލިޔާ ގޮތަށް، "އީސްޓް" އާއި "ސައިޑް" އާއި "ސްކުއެއަރ" މި ތިން ލަފުޒުގެ ފެށޭ އަކުރު "އަޕަރކޭސް" އަކުރުން ލިޔެގެން ޖުމުލަ ލިޔެލުމުން، ކިޔާ މީހަކަށް "އީސްޓް" ގެ ފުރަތަމަ އަކުރު ކިޔާ އިރަށް، މި އަންނަނީ ޚާއްޞަ ނަމެއްގެ ވާހަކަ ކަމާއި، ޖުމުލަ ބުނި މީހާ އެ ކިޔައިދެނީ އޭނާ ވަކި ޚާއްޞަ ތަނަކަށް ދިޔަ ވާހަކަ ކަމާއި، އެ ދައްކަނީ އިރުމަތީ ފަރާތަށް ދިޔަ ވާހަކަ ނޫންކަން ދޭހަ ވާން ފަށައެވެ.

I have gone to East Side Square.

މި އިޝާރާތް ކުރެވުނީ "އަޕަރކޭސް" އަކުރުތައް އިނގިރޭސި ބަހުގައި އަދާ ކުރާ އެއް ދައުރަށެވެ. އެ ދައުރަކީ، ޖުމުލައެއްގެ ކޮންމެ ހިސާބެއްގައި ވެސް، ޚާއްޞަ ނަމެއް ގެންނަންޏާ، އެ ނަމުގެ ލަފުޒުގެ ނުވަތަ ލަފުޒުތަކުގެ ފެށޭ އަކުރުތައް "އަޕަރކޭސް" އިން ލިޔެވޭލިޔެވުމެވެ. މީގެ ސަބަބުން، ކިޔުންތެރިޔާއަށް ލިޔުމުގެ ތެރޭގައި ހިމެނޭ "ޚާއްޞަ ނަންތައް" ފާހަގަ ކޮށް ދެނެގަތުމުގައި އޮޅުން އެރުމުގެ ފުރުޞަތު ގާތްގަނޑަކަށް މުޅީން ނެއްތައިލެވެއެވެ. އާދެ، "ޕްރިސިޝަން" އެވެ.

މީގެ އިތުރުން، ޖުމުލަތަކުގެ ފެށުމުގައި ވެސް "އަޕަރކޭސް" އަކުރު އިނގިރޭސި ބަހުގައި ބޭނުން ކުރެވެއެވެ. ނަންތަކުގެ ފެށޭ އަކުރުތައް ބޭނުން ކޮށްގެން ރަމްޒުތައް ހެދުމަށް "އަޕަރކޭސް" ބޭނުން ކުރެވެއެވެ. ބައެއް ޙާލަތުތަކުގައި، ސުރުޚީ ލިޔުމުގައި، ސުރުޚީގެ މައިގަނޑު ލަފުޒުތަކުގެ ފެށޭ އަކުރުގެ ގޮތުގައި ވެސް ބޭނުން ކުރެވެނީ "އަޕަރކޭސް" އަކުރެވެ. ލަޤަބުތައް ލިޔާ އިރު، ފުރަތަމަ އަކުރު ލިޔަނީ ވެސް "އަޕަރކޭސް" އިންނެވެ. މީގެ އިތުރުން، ކޯޓުތަކުގެ ޤަޟިއްޔާ ނަންބަރު ފަދަ ނަންބަރުތައް ލިޔުމުގައި ވެސް، ލޮލަށް ވެސް ރީތީ "އަޕަރކޭސް" އަކުރު ބޭނުން ކޮށްފައި ހުރުމުންނެވެ. މި ދެންނެވި ފަދަ ޙާލަތުތަކުގައި ބޭނުން ކުރެވޭ އަކުރުތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވެސް ތާނައިގެ "އަޕަރކޭސް" އަކުރުތަކެއް ތަޢާރަފު ކުރެވިދާނެއެވެ. މިސާލަކަށް، ރާއްޖޭގައި

ކޮންމެއަކަސް، މިއީ ވެސް ޚިޔާލެކެވެ. ބައެއް ބެއިފުޅުންނަށް މި ޚިޔާލަކީ ބަލައިނުގަނެވޭ ފަދަ ޚިޔާލަކަށް ވެސް ވެދާނެއެވެ. ދިވެހި ބަހުގެ ޢިލްމިއްޔާގެ ގިނަ ބެއިފުޅުންތަކަކަށް މިއީ ރަނގަޅު ޚިޔާލެއް ކަމަށް ވެސް ފެނިވަޑައިގެންފާނެއެވެ. މި ލިޔުން ލިޔުމުގައި އަޅުގަނޑުގެ އުއްމީދަކީ އެއީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް