ރުބެލްއިން އަގު އަދާ ކުރަން ދެކޮޅު ހަދާތީ ބަލްގޭރިއާއާއި ޕޮލެންޑަށް ގޭސް ނުވިއްކަން ރަޝިއާ ނިންމައިފި

ރަޝިއާއިން ޔޫރަޕަށް ގޭސް ސަޕްލައިކުރާ ހޮޅިތަކުގެ ނެޓްވާކު

މޮސްކޯ (28 އެޕްރީލް 2022): އެމެރިކާގެ ފައިސާ ކަމަށްވާ ޑޮލަރުގެ ބަދަލުގައި، ރަޝިއާގެ ގޭހަށް އެގައުމުގެ ފައިސާ ރުބެލްއިން އަގުއަދާކުރަން ޕޮލެންޑާއި ބަލްގޭރިއާއިން ދެކޮޅު ހަދާތީ އެ ދެ ގައުމަށް ރަޝިއާގެ ގޭސް ވިއްކުން ހުއްޓާލައިފިއެވެ.

ރަޝިއާގެ ގައުމީ ގޭސް ކުންފުނި ކަމަށްވާ ގޭޒްޕްރޮމްއިން ނެރުނު ބަޔާނެއް ބުނާގޮތުން އިއްޔެއިން ފެށިގެން ޕޮލެންޑަށާއި ބަލްގޭރިއާއަށް ގޭސް ސަޕްލައިކުރުން ހުއްްޓާލުމަށްވަނީ ނިންމާފައެވެ. އެކުންފުނި ބުނާގޮތުން ދެން އެދެގައުމަށް ގޭސް ފޯރުކޮށްދެވޭނީ ޑޮލަރާއި ޔޫރޯގެ ބަދަލުގައި ރަޝިއާގެ ރުބެލް އިން އަގުއަދާކުރަން އެއްބަސްވެއްޖެ ހާލަތެއްގައެވެ.

ރަޝިއާގެ ތެލާއި ގޭސް ގަންނަ ޔޫރަޕްގެ ގައުމުތަކުން ޑޮލަރުގެ ބަދަލުގައި ރުބެލް އިން އަގުއަދާކުރާ ގޮތަށް ރަޝިއާ ނިންމީ މިއެޕްރީލް މަސްފެށުނުތާ ކުރީކޮޅުގައެވެ. ނަމަވެސް މިކަން ތަންފީޒުކުރުން މަޑުޖައްސާލާފައިވަނީ މިއީ ކުއްލިއަކަށް ކުރެވޭވަރަށް ވުރެ ބޮޑުކަމަކަށްވާތީ ގޭހުގެ އަގު އަދާކުރަންބޭނުންވާ ރުބެލް ގަތުމުގެ ފަންނީ، މާލީ އަދި ގާނޫނީ މައްސަލަތައް ހައްލުކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ރަޝިއާ ބުނާގޮތުން މިހާރު އެގައުމުވަނީ ރުބެލް ގަންނަން ބޭނުންވާ ގައުމުތަކަށް ރުބެލް ވިއްކޭނެ މާލީ އަދި ގާނޫނީ އިންތިޒާމުތައް ހަމަޖައްސާފައެވެ. ރުބެލް ގަންނަން ޖެހޭނީ ރަނުންނެވެ. ނޫނީ ރަޝިއާ ބޭނުންވާ ތަކެތި ރަޝިއާއަށް ވިއްކައިގެން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިންނެވެ. ރަނުން ގަންނަނަމަ ގަންނަންޖެހޭނީ ރަނުން ރުބެލް އަގުކޮށްފައިވާ ރޭޓުންނެވެ.

ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވާ ހޮޅިތައް ގުޅިފައިވާ ސްޓޭޝަނެއް

ރަޝިއާއިން ތެލާއި ގޭސް ގަތުމަށްޓަކައި ރުބެލްއިން އަގުއަދާކުރަން ޕޮލެންޑާއި ބަލްގޭރިއާ ދެކޮޅު ހެދިނަމަވެސް ޔޫރަޕްގެ އެހެން ގައުމުތައް މިހާރު ގެންދަނީ ރުބެލް ބޭނުންކޮށްގެން މިކަން ކުރަން ތައްޔާރުވަމުންނެވެ. ރަޝިއާގެ ގޭސް އެންމެ ބޮޑަށް ގަންނަ ޔޫރަޕްގެ ގައުމުތައް ކަމަށްވާ އިޓަލީ، ޖަރުމަނު، އޮސްޓްރިއާ، ހަންގޭރީ އަދި ރުމޭނިއާ ފަދަ އެތައް ގައުމަކުންވަނީ ރުބެލްއިން އަގުއަދާކުރުމަށް ނިންމާފައެވެ.

ބަލްގޭރިއާގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވިގޮތުގައި ރަޝިއާއިން ގަންނަ ގޭހަށް ރުބެލްއިން އަގު އަދާނުކުރެވޭނެކަން ރަޝިއާއަށް އެންގުމުން އިއްޔެއިން ފެށިގެން ގޭހުގެ ސަޕްލައި ކަނޑާލާނެކަން ރަޝިއާއިން ވަނީ ރަސްމީކޮށް އަންގާފައެވެ. ބަލްގޭރިއާގެ ވަޒީރު ވިދާޅުވިގޮތުގައި ދެން ގޭސްހޯދާނީ ޔޫރަޕްގެ ގައުމެއްކަމަށްވާ ނޯވޭ އިންނެވެ. ބޯލްޓިކް ކަނޑު ހުރަސްކޮށް ނޯވޭގެ ގޭސް ލިބޭގޮތަށް ގޭސްހޮޅިއެއް ބިނާކުރުމުގެ މަސައްކަތް ކުރާނެކަމަށާއި މިކަން މިއަހަރު ތެރޭގައި ކޮށްނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮލެންޑުންވެސް ބުނެފައިވަނީ މިގޮތަށެވެ. ޕޮލެންޑްގެ ސަރުކާރުގެ ގޭސް ކުންފުނިން ނެރުނު ބަޔާނެއް ބުނާގޮތުން ރަޝިއާގެ ގައުމީ ގޭސް ކުންފުނި ގޭޒްޕްރޮމްއިން ޕޮލެންޑަށް ގޭސް ފޮނުވުން އިއްޔެއިން ފެށިގެން ހުއްޓާލާނެކަންވަނީ އަންގާފައެވެ. މިގޮތަށް އެންގީ ރަޝިއާގެ ގޭހަށް ރުބެލްއިން އަގު އަދާނުކުރެވޭނެކަން އެކުންފުންޏަށް އެންގުމާ ގުޅިގެންނެވެ.

ބޯލްޓިކް ކަނޑު ހުރަސްކޮށް ޖަރުމަނާއި ރަޝިއާއާ ދެމެދު އަޅާފައިޥާ ގޭސް ހޮޅިއެއް

ޕޮލެންޑްގެ ސަރުކާރުވެސް ބުނެފައިވަނީ ދެން ގޭސް ގަންނާނީ ނޯވޭއިން ކަމަށާއި ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ބޯލްޓިކް ކަނޑު ހުރަސްކޮށް ނޯވޭއާއި ޕޮލެންޑާދެމެދު ގޭސްހޮޅިއެއް ބިނާކުރާނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން މިގޭސްހޮޅި ބިނާކުރަން ރާވަމުން ގެންދަނީ ޕޮލެންޑާއި ބަލްގޭރިއާ ގުޅިގެންނެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޕޮލެންޑާއި ބަލްގޭރިއާއަށް ނޯވޭގެ ގޭސް ލިބޭ އަގު ރަޝިއާގެ ގޭހުގެ އަގަށްވުރެ މާބޮޑުވާނެއެވެ. ނޯވޭއިން ގޭސްގަތުމާބެހޭގޮތުން މީގެކުރިން ޔޫރަޕްގެ އެތައް ގައުމަކުންވަނީ ދިރާސާތައް ކޮށްފައެވެ. އެދިރާސާތަކުން އެނގިފައިވާ ގޮތުގައި ރަޝިއާއިން ގޭސް ވިއްކާހާ ހެޔޮއަގުގައި ނޯވޭއަށް ގޭސް ނުވިއްކޭނެއެވެ. އެއީ ރަޝިއާއަށްވުރެ މާދުރުގައި ނޯވޭ އޮތުމުންނެވެ. ރަޝިއާއިން ގޭސްވިއްކާ އަގުގައި ނޯވޭއިން ގޭސް ވިއްކާނަމަ ނޯވޭއަށް ގެއްލުންވާނެއެވެ. އެހެންކަމުން އެ އަގުގައި ނޯވޭއަށް ގޭސް ފޯރުކޮށެއް ނުދެވޭނެއެވެ.

އަނެއްކޮޅުން ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޕޮލެންޑާއި ބަލްގޭރިއާގެ ގޭސް ފެކްޓްރީތައް އުފައްދާފައިވަނީ ރަޝިއާގެ ގޭހަށް އަމާޒުކޮށްގެންނެވެ. ނޯވޭގެ ގޭސް ބޭނުންކުރާނަމަ އެކާރުޚާނާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެއެވެ. މިއީވެސް ބޮޑު ޚަރަދެއް ހިނގާނެކަމެކެވެ. އަދި ވަގުތުވެސް ބޭނުންވާނެކަމެކެވެ.

ރަޝިއާއިން ޕޮލެންޑާއި ބަލްގޭރިއާއަށް ފޮނުވަމުން ދިޔަ ގޭހުގެ ސަޕްލައި އިއްޔެ ކަނޑާލުމަށް ނިންމާފައިވާތީ އެމެރިކާގެ ބާޒާރުގައި ގޭހުގެ އަގުވަނީ މައްޗަށް ގޮސްފައެވެ.

ޔޫރަޕްގެ ގިނަ ގައުމުތައް ރަޝިއާގެ ގޭހަށް ޑޮލަރުގެ ބަދަލުގައި ރުބެލްއިން އަގުދައްކާގޮތަށް އެއްބަސްވި އެއްބަސްވުމަކީ އެމެރިކާއަށް މާލީ ގޮތުން ގެއްލުންތަކެއް ލިބިގެންދާނެކަމެކެވެ. އެއީ ޑޮލަރު ބޭނުންނުކޮށް ތެލާއި ގޭހުގެ ވިޔަފާރިފަދަ ބޮޑު ވިޔަފާރިއެއް ހިންގަން ފަށާތީއެވެ.

ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ޗައިނާ، އިންޑިއާ، އީރާން އަދި މެދުތެރޭ އޭޝިއާގެ ބައެއް ގައުމުތަކުން ރަޝިއާއާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި މިހާރުވަނީ ޑޮލަރު އެއްފަރާތްކޮށް ފުޅާދާއިރާއެއްގައި އެގައުމުތަކުގެ ފައިސާ ބޭނުންކުރަން ފަށާފައެވެ.

ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާލަމާތްތައް ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތަކުން ކުރަން ފަށައިފިނަމަ މިކަމުގެ ގެއްލުން އެމެރިކާގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރަން ފަށާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ބައެއް ގައުމުތަކުން މިގޮތަށް އަމަލުކުރަން ފެށި ނަަމަވެސް ދުނިޔޭގެ ގިނަ ގައުުމުތަކުން މިގޮތަށް އަމަލުކުރުމަށް އަދި ދިގު މުއްދަތެއް ނަގާނެކަމަށް އެފަރާތްތަކުން ދެކެއެވެ.

comment ކޮމެންޓް