ޤުދުސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއިން އދ.ގެ ސަލާމަތީ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފި

ފަލަސްތީނުގެ އަގްސާ މިސްކިތް ސަރަހައްދުގައި އިޒްރާއީލް ސިފައިން ހަރަކާތްތެރިވަނީ: ޤުދުސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ: އަލްޖަޒީރާ

އަލްއަޤްޞާ މިސްކިތާއި އަދި ޙަރަމުއްޝަރީފްގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތައް ދިވެހިރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަލާމަތީ މަޖިލީހުގައި ރާއްޖެއިން ދިން ބަޔާނުގައި، ފަލަސްތީނުގައު ބިންތަކުގައި ވަޒަންވެރިވެރިވެފައިވާ އިސްރާއީލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން، ފަލަސްތީން ރައްޔިތުންގެ ހައްޤުތައް ގެއްލި، އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭކަން ފާހަގަކުރިއެވެ. އަދި މިފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތް އަވަސްކޮށް، ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒުކުރުން އަވަސްކުރަން ޖެހޭކަން އެނގިގެން ދިޔަކަމަށް ރާއްޖެއިން ފާހަގަކުރިއެވެ.

ސަލާމަތީ މަޖިލީހުގެ ޤަރާރުތަކުން، ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފުމާއި، ހުރުމަތްތެރިވެގެންވާ ބައިތުލްމަޤްދިސް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމާއި، ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައި، އެރަށަށް އެމްބަސީތައް ބަދަލުކުރުން، މިކަންކަމަކީ ބާތިލް އަދި ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށް ނިންމާފައިވާކަން ރާއްޖެއިން ފާހަގަކުރިއެވެ. އަދި ހަމައެއާއެކު، 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައި ނުގަތުމަށް ސަލާމަތީ މަޖިލީހުގެ 2334 ވަނަ ޤަރާރުން ފާސްކޮށްފައިވާކަންވެސް ފާހަގަކުރިއެވެ. އަދި މި ޤަރާރުތަކަށް އަމަލުކޮށް، ޤަރާރުތަކަށް ޤައުމުތަކުން ބޯލަނބާތޯ ސަލާމަތީ މަޖިލީހުން ކަށަވަރުކުރަން ޖެހޭނެކަމަށާއި، އެމަޖިލީހާއި މެދު އޮންނަ އިތުބާރު ބިނާވެފައިވަނީ އެކަމަށްކަމަށްވެސް ރާއްޖެއިން ހާމަކުރިއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުން އިއްޔެވެސް ސަލާމަތީ މަޖިލީހުގައި ވަނީ ތަކުރާރުކޮށްފައެވެ.

comment ކޮމެންޓް