ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމާމެދު ސުވާލު އުފެދިއްޖެ

ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި, ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ސުވާލު އުފައްދައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާއި ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާއި ހަވާލުވި މައްސަލައިގައި ކަމަށެވެ. އަދި އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މި މައްސަލަ ދިރާސާ ކުރުމަށް މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ ނައިބު މުޤައްރިރު، އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ދެ ފަނޑިޔާރުންގެ ފަރާތުން އެ ކޮމެޓީއަށް ސިޓީއެއް ފޮނުވާފައި އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސިޓީގައިވާ ކަންތައްތަކާއި ޖޭއެސްސީގެ ރިޕޯޓުގައިވާ ކަންތައްތައް ވެސް ބަލާފައިވާނެ ކަމަށެވެ.

ސިރާޖު ވިދާޅުވީ އޭގެ ތެރޭގައި ފާހަގަ ކުރެވޭ ދެ ކަމެއް އެބައުޅޭ ކަމަށާއި އެހެންކަމުން އެ ކަންތައް އިތުރަށް ސާފު ކުރާން ބޭނުންވާ ކަމަށެވެ.

"މީގައި މި ފާހަގަ ކުރަނީ މައްސަލަ ތަހުގީގު ކުރުމަށް ތިން ފަރާތެއްގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ފުރަތަމަ އެކުލަވާއިލި ކަމަށް. ފުރަތަމަ ތައްޔާރުކުރި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަމަށް ސުލޫކީ މައްސަލައެއް ނެތްކަމަށާއި އެއްވެސް ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށް ކޮމެޓީގެ ތިން މެންބަރުންގެ އިއްތިފާޤުން ނިންމަވާފައިވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެގޮތަށް ނިންމައި ކޮމެޓީގެ މެންބަރަކު އިސްތިއުފާ ދިނުމަށްފަހު އޭގެ ފަހުން ކޮމެޓީއަށް ބަދަލުތަކެއް އައިސް އިތުރަށް އެކުލަވާލި ރިޕޯޓުގައި ނިންމާފައިވަނީ ސުލޫކީ މައްސަލައެއް އޮތް ކަމާއި ފިޔަވަޅު އަޅަން ފެންނަ ކަމަށެވެ. އަދި އެ ރިޕޯޓުގައި ވެސް ވަކި ކުރާން ނިންމާފައި ނެތް ކަމަށް ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ ފުރަތަމަ ސުލޫކީ ކޮމެޓީގެ އިއްތިފާޤުން އެއްވެސް މައްސަލައެއް ނެތް ކަމަށް ނިންމެވުމަށްފަހު، އޭގެ ފަހުން ކޮމެޓީއަށް ކުޑަ ބަދަލެއް އައިސް ކުރިން އިއްތިފާޤުން ނިންމާފައި އޮތް ނިންމުމެއް އެހެން ގޮތަކަށް ބަދަލުވީ ކީއްވެގެންތޯ ޖޭއެސްސީގެ ފަރާތުން ސާފު ކޮށްލަން އޭނާއަށް ފެންނަ ކަމަށެވެ. އަދި ފަހުން އެކުލަވައިލި ރިޕޯޓަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިނުވާކަން ފަނޑިޔާރުންގެ ފަރާތުން ވެސް ފާހަގަ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ތަހުޤީގު ކޮމެޓީން ފަނޑިޔާރުންނާމެދު އަޅާނެ ފިޔަވަޅެއް ނިންމާންވާނީ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް އެ މައްސައެއް ރައްދުވާ ފަނޑިޔާކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫގައި ބަޔާންކޮށްފައިވާކަން ސިރާޖު ފާހަގަ ކުރެއްވިއެވެ.

"ނަމަވެސް އެ ފުރުސަތު ދީފައި ނުވާކަމަށް، ފަނޑިޔާރުންގެ ފަރާތުން އެބަ ފާހަގަކުރޭ. މިގޮތަށް ފާހަގަކުރާކަމުގައި ވަނީ ނަމަ އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެން މިކަންކަން ސާފުކޮށްލުން ރަނގަޅުހެން،" ސިރާޖު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދައްކަނީ ހައި ކޯޓުގެ ފަނޑިޔާރަކު ވަކިކުރާ ވާހަކަ. ދެން އަޅުގަނޑުމެން އާއްމުކޮށް މި ކޮމިޓީން ކުރާ ކަމަކީ ވެސް މިހެން ފޮނުވާ މައްސަލަތަކުގެ އިޖުރާއީ ގޮތުން ކަންކަން ގޮސްފއި ހުރީ ރަނގަޅަށްތޯ ބަލައި އެކަންކަން ސާފު ކުރުން. އަޅުގަނޑަށް ފެންނަގޮތުގައި މިއީ ހަމަ އިޖުރާއީ ގޮތުން ސާފު ކޮށްލަންޖެހޭ ރަނގަޅު ކަމެއް،" ސިރާޖް ވިދާޅުވިއެވެ.

ފްލެޓުގެ މައްސަލައާ ގުޅުވައިގެން ފަނޑިޔާރުން ވަކިކުރާން އުޅޭކަން ފާހަގަ ކުރައްވައި ސިރާޖު ވިދާޅުވީ މީގެ ކުރިން ހަމަ އެގޮތަށް ފްލެޓް ދީފައިތިބި ބައެއް ފަރާތްތައް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރުމުގެ ފުރުސަތު ވެސް ޖޭއެސްސީން ދީފައިވާ ކަމަށް ފާހަގަ ކުރާ ކަމަށެވެ.

ޖުޑީޝަރީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ސިރާޖު ވަނީ ތިން ކަމަކާބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ.

"ފުރަތަމަ ކަމަކީ ތަހުޤީގު ކޮމެޓީގެ އިސްތިފާޤުން ނިންމާފައިވާ މައްސަލައެއް، ފަހުން ތަހުޤީގު ކޮމެޓީއަށް ބަދަލު ނެގެވި، އެ މުޅި ނިންމުން ބަދަލުވެފައިވަނީ ކީއްވެގެންތޯ. ދެވަނަ ކަމަށް ފަހުން އެކުލަވާލެވުނު ތަހުޤީގު ކޮމެޓީގެ ރިޕޯޓަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ފަނިޑިޔާރުންނަށް ދެވިފައިވާ ވޭތޯ، އަދި ދީފައިވާނަމަ އެކަމުގެ ތަފުސީލެއް އަޅުގަނޑުމެންނާ ހިއްސާ ކުރުމަށް. ތިންވަނަ ކަމަކަށް މި ގޮތަށް ފްލެޓް ލިބިފައިވާ އެއްވެސް ފަނޑިޔާރަކު ޝަރަފުވެރިކަމާއި އެކީގައި ރިޓަޔާ ކުރަން ފުރުސަތު ދެވިފައިވޭތޯ. ދީފައި ވާނަ އެކަމަށް ރިއާޔަތް ނުކޮށް އެގޮތަށް ނިންމާފައިވަނީ ކީއްވެތޯ،" ސިރާޖު ވިދާޅުވިއެވެ.

"މި ތިން ކަންތައް ސާފު ކުރުމަށް ޖޭއެސްސީއަށް ސިޓީއަކުން ދަންވަން ހުށަހެޅުމެއްގެ ގޮތުގައި އަޅުގަނޑު ހުށަހަޅަން،"

ފަނޑިޔާރު ޙަމީދާއި، ރައޫފް މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި އިރު، އެ މައްސަލައިގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޢަލީ ސަމީރު ވަނީ ދާދި ފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

އެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ މިދިޔަ ޖަނަވަރީ މަހުއެވެ.

comment ކޮމެންޓް