ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް

ޖޭއެސްސީން ވަކި ކުރުމަށް ނިންމި ހައިކޯޓުގެ ދެ ފަނޑިޔާރުން--

ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި, ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދެ ފަނޑިޔާރުން ވަކި ކުރުމަށް ނިންމައި، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާ ކުރުމަށް ފޮނުވައިފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ.

އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ގާނޫނު އަސާސީގެ 152ވަނަ މާއްދާއާއި ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި މައްސަލައިގައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މި މައްސަލަ ޖޭއެސްސީން ބަލަން ފެށީ މިދިޔަ ޖަނަވަރީ މަހުއެވެ.

ފަނޑިޔާރު ޙަމީދާއި، ރައޫފް މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި އިރު، އެ މައްސަލައިގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޢަލީ ސަމީރު ވަނީ ދާދި ފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

https://sun.mv/164174

ފަނޑިޔާރު ރައޫފަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި، ފަނޑިޔާރުންގެ އިސްތިއުނާފުގެ މަޖިލީހުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު އިންނަވަނީ ވެސް އޭނާއެވެ.

ފަނޑިޔާރު ޙަމީދަކީ އަޒުހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވި ބޭފުޅެކެވެ. އޭނާ ވެސް މީގެ ކުރިން ވަނީ ޖޭއެސްސީގެ މެންބަރުކަން ކުރައްވާފައެވެ.

އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހުން ނިންމައިފި ނަމަ، ހައިކޯޓުގައި އިސް ފަނޑިޔާރާއެކު، ތިއްބަވާނީ ޖުމްލަ އަށް ފަނޑިޔާރުންނެވެ.

comment ކޮމެންޓް