ޒަމާނީ އޮއިވަރުގެ ސަބަބުން އަޚުލާޤަށް ނުރަނގަޅު އަސަރު ކުރޭ: ޑރ. ޢަލީ ޒާހިރު

ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޒަމާނީ އޮއިވަރުގެ ސަބަބުން އަޚުލާޤަށް ނުރަނގަޅު އަސަރުކުރާކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި، "ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް" މި މައުޟޫއަށް ތަޤްރީރު ކުރައްވަމުންނެވެ.

މި މައުޟޫއަށް ވާހަކަ ކުރިއަށް ގެންދަވަމުން ޢަލީ ޒާހިރު ވިދާޅުވީ ދުނިޔޭގައި އިންސާނުން ލެއްވި ހިސާބުން ޝައިޠާނާ އިންސާނުން މަގުފުރެއްދުމަށް ވަޢުދުވެ، ޤިޔާމަތާހަމައަށް ވެސް އެ މަސައްކަތް ކުރާނެ ކަމަށް ބުނެ އެގޮތަށް އެކަން ކުރަމުން އަންނަ ކަމަށެވެ. އަދި ހަމަ އެ ޝައިޠާނާގެ އަވައިގައި ޖެހިގެން އުޅޭ އިންސާނުން ވެސް މީސްތަކުންގެ ތެރޭގައި އުޅޭކަމަށް ވިދާޅުވިއެވެ.

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފިކުރަށް މެދުވެރިވާ ނޭދެވޭ ކަންތައްތަކަށް ބައްލަވާލައްވަމުން ޒާހިރު ވިދާޅުވީ އޭގެ ތެރޭގައި ފިކުރު ތަޣައްޔަރުކޮށްލާ ފަދަ ކަންކަން ހިމެނޭ ކަމަށާއި ދީނީ ހުދޫދުން ނެއްޓިގެން މިނިވަން ވުމުގެ ފިކުރު ބައެއް މީހުންނަށް ކުރެވޭ ކަމަށެވެ.

އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީން ކަމަށް ޒާހިރު ވިދާޅުވިއެވެ.

ޒާހިރުގެ ވާހަކައިގައި ރާއްޖޭގެ މުޖުތަމަޢަށް ބައްލަވާލައްވަމުން އައުރަ ނިވާ ވުމުގައި އިސްލާމްދީނުގެ މިންގަނޑު ތަކުގެ ތެރޭގައި ތިބުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި ވިދާޅުވީ މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނޭ ކަމަށެވެ.

މި ފަހަކަށް އައިސް ގިނަ ބަޔަކު ވާހަކަދެއްކުމުގައި ވަރަށް ހަޑިހުތުރު ބަސް ބޭނުންކުރާކަން ފާހަގަކުރައްވާ ޒާހިރު ވިދާޅުވީ މިކަން މިގޮތަށް ނުކުރުމަށް ނަސޭޙަތްތެރިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ޒަމާނީ އޮއިވަރުގައި ޖެހި ހިނގަމުން އަންނަ ކަމެއް ކަމަށާއި އެފަދަ ހަޑިހުތުރު ބަސް ބޭނުން ނުކޮށް ވެސް ވާހަކަ ދެއްކުމުގައި އިސްލާމްދީނުގެ އަޚްލާގަށް ބަލައިގެން ވާހަކަ ދެއްކިދާނެ ކަމަށެވެ.

އިތުރަށް ޒާހިރު ވިދާޅުވީ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްކަމަށެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާ ހެދި އަޅުގަނޑުމެންގެ މިސްރާބު ނުރަނގަޅު މިސްރާބަކަށް ދިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި މިކަން ކުރެވޭނީ މާތް ﷲގެ ދީނުގައި ހިފަހައްޓައިގެންކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް