ރަމަޟާން މަހުގެ ފަހުދިހައަށް އެޅުމާއެކު އައިއެސް ޖަމާއަތުގެ ބޮމުގެ ހަމަލާތަކުގެ އަމާޒަކަށް އަފްޣާން މިސްކިތްތައް

ނުރައްކާތެރި އައިއެސް ޖަމާއަތުގެ ބޮމުގެ ހަމަލާތަކެއްގައި ހަލާުވެފައިވާ އަފްޣާން މިސްކިތެއް

ކާބުލް (އެޕްރީލް 23): ރަމަޟާން މަހުގެ ފަހު ދިހައަށް އެޅުމާއެކު ނުރައްކާތެރި އައިއެސް ޖަމާއަތުން އަފްޣާނިސްތާނުގެ މިސްކިތްތަކުގައި ބޮންގޮއްވުމަށް ބިރުވެރި ޓެރަރިސްޓް ހަމަލާތަކެއް ދެމުން ގެންދާކަމަށް އެގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވިގޮތުގައި އިއްޔެ އަފްޣާނިސްތާނުގެ އުތުރުގެ ގުންދުޒް ސިޓީގެ މިސްކިތެއްގައި ހުކުރުނަމާދު ކުރުމަށް މީހުން ސަފުހަދައިގެން ތިއްބައި ބާރުގަދަ ބޮމެއް ގޮވައި 33 މީހުން މަރުވެ 34 މީހުން ޒަޚަމްވެފައިވާކަމަށާ ބޮމުގެ ބާރުގަދަ ކަމުގެ ސަބަބުން މިސްކިތްއެއްކޮށް ހަލާކުވެ ފުނޑުފުނޑު ވެފައިވާ ކަމުގައެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު

މި ޓެރަރިސްޓް ހަމަލަގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އަފްޣާނިސްތާނުގެ ސިޓީއެއްކަމަށްވާ މަޒާރޭ ޝަރީފު ދެމިސްކިތެއްގައާ އެސިޓީގައިވާ ސަރުކާރުގެ އަމާޒުތަކަށާ އަދި އާންމުން އެއްވާ ސަރަހައްދު ތަކުގައި ބޮން ގޮއްވައި 45 މީހުން މަރާލައި 87 މީހުން ޒަޚްމްކޮށްލާފައިވާއިރު އެހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސް ޖަމާއަތުންނެވެ.

ޒަބީހުﷲ ވިދާޅުވިގޮތުގައި މަޒާރޭޝަރީފުގެ ދެ މިސްކިތެއްގައި ބޮންގޮއްވުމުގެ ފަހަތުގައިވާކަމަށް ބެލެވޭ އައިއެސްގެ ޓެރަރިސްޓަކު އިްޔެވަނީ އަތުލައި ގަނެވިފައެވެ. އަދި އެޖަރީމާގެ ފަހަތުގައިވާ އައިއެސްގެ އެހެން ޓެރަރިސްޓުން ހޯދުމަށްވެސް އަފްޣާން ޖާސޫސީ އިދާރާއާއި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ޒަބީހުﷲ ފާހަގަކުރެއްވިއެވެ.

ނުރައްކާތެރި އައިއެސް ޖަމާއަތުގެ ބޮމުގެ ހަމަލާތަކެއްގައި ހަލާުވެފައިވާ އަފްޣާން މިސްކިތެއް

ގުންދުޒް އާއި މަޒާރޭޝަރީފުގެ މިސްކިތްތަކުގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މަދްރަސާއެއްގައާއި އެގައުމުގެ އިރުމަތީގެ ސްޓޭޓެއްކަމަށްވާ ނަންގަހާރުގެ ބަސްސްޓޭޝަނެއްގައާ އަދި އެހެން ސްޓޭޓެއްކަމަށްވާ ފަރިޔާބުގެ އެކި ތަންތަނުގައިވެސް ގައިވެސް މިދިޔަ ބުރާސްފަތި ދުވަހު ގިނަ ބޮންތަކެއް ގޮއްވާލައި އެތަށް ބަޔަކު މަރާލާފައިވެއެވެ.

މިހަމަލާތަކުގެ ޒިންމާވެސް އުފުލާފައިވަނީ ނުރައްކަތެރި އައިއެސް ޖަމާއަތުންނެވެ. ނުރައްކާތެރި އައިއެސް ޖަމާއަތުގެ ބާރު އަފްޣާނިސްތާނުގައި ގަދަވަމުންދާއިރު އެޖަމާއަތުގެ ޓެރަރިސްޓް ހަމަލާތައް އެންމެ ގިނައިން އަމާޒު ކުރަނީ މިސްކިތްތަކަށާއި ބާޒާރުތަކާއި ސްކޫލްތަކަށާ އަދި ހޮސްޕިޓަލްތައް ފަދަ އާންމުން އެންމެ ގިނައިން އެއްވެ އުޅޭތަންތަނަށް ކަމަށް އަފްޣާން ތާލިބާން ސަރުކާރުން ބުނެއެވެ.

ނުރައްކާތެރި އައިއެސް ޖަމާއަތުގެ ބޮމުގެ ހަމަލާއެއް އަމާޒުވެފައިވާ އަފްޣާން ބާޒާރެއް

އައިއެސް ގެ ހަނގުރާމަވެރިންގެ އަމާޒަކީ ގިނައިން މީހުން އެއްވާ ކޮންމެ ތަނަކަށް ހަމަލާތައް ދީގެން ވިހާ ގިނައެއްކޮށް އާންމުން މެރުންކަމަށްވެސް ތާލިބާން ސަރުކާރުން ބުނެއެވެ. މިދިޔަ އަހަރުވެސް އައިއެސް ޖަމާއަތުން އަފްޣާނިސްތާނުގެ އެތަށް މިސްކިތަކާއި ބަސްސްޓޭޝަންތަކާއި ބާޒާރުތައް ގޮއްވާލާފައިވެއެވެ.

މި ބަރަކާތްތެރި ރަމަޟާން މަހު ނުރައްކާތެރި އައިއެސް ޖަމާއަތުން އަފްޣާނިސްތާނުގެ މިސްކިތްތަކަށް ބޮމުގެ ހަމަލާތައް ދެމުން ގެންދާއިރު އައިއެސްފަދަ މުސްލިމުންނަށް ނުރައްކާތެރި އަނެއް އެންޓިޓީކަމަށްވާ ނުރައްކާތެރި އިސްރާއީލުން ގެންދަނީ މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ނަމާދަށާއި އިއުތިކާފަށް ދާ ފަލަސްތީނުގެ މުސްލިމުންނަށް އަމާޒުކޮށް ބަޑިޖަހައި ފަލަސްތީނު މީހުން ޒަޚަމްކޮށް މަސްޖިދުލްއަގްސާ އަށް ހަރުކަށި ޔަހޫދީން ވައްދައި އެތަނުގައި ހަމަނުޖެހުން ހިންގައި އެމުގައްދަސް ބިނާގެ ތަންތަން ހަލާކު ކުރަމުންނެވެ.

comment ކޮމެންޓް