ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ 80 ޕަސެންޓު މަސައްކަތް ނިމިއްޖެ

ހަންޏާމީދޫ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ 80 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެނުގެ ނިޒާމުގައި ހިމެނޭ 4.91 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި އަދި އާރްއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތުގެ އިތުރުން، ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

ހަންޏާމީދޫ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ހަމައެއާއެކު، މި މަޝްރޫއުގެ ދަށުން، ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހަންޏާމީދޫގައި ފެންޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ހަމައެއާއެކު، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހަންޏާމީދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމްލަ 21.7 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް