މަތިވެރިއާއި ރޯދަމަސް 3

--- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"މަތިވެރިއާއި ރޯދަމަސް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާގެ ދަށުން، މި ފަހަރުގެ ލިޔުން ޚާއްޞަކޮށްލާނީ، ކުރީ ޒަމާނު މަތިވެރީގައި ރޯދަވީއްލުމުގެ ކަންކަން ކުރެވެމުން އައި ގޮތްތަކުގެ މައްޗަށެވެ. އޭގެތެރޭގައި އެ ދުވަސްވަރު ރޯދަ ވީއްލަން ތައްޔާރުކުރާ ކާބޯތަކެއްޗާއި ރޯދަވީއްލުމުގެ ކަންކަން ހިނގަމުން އައި ގޮތުގެ މައްޗަށް ވެސް އަލިއަޅުވައިލާނަމެވެ.

ރޯދަ ވީއްލާ ވަގުތަކީ، ރޯދަވެރީންނަށް އަންނަ ވަރަށް ޚާއްޞަ ވަގުތުކޮޅެކެވެ. ދުވާލު ހަތަރުދަމު ނުކައި ނުބޮއި ހުރެފައި، ފުރަތަމަ ކައި އެއްޗެއް އަނގައަށް ލެވޭ ވަގުތުކަމުން، މި ވަގުތަށް ރޯދަވެރިން ވަރަށް ބޮޑަށް ތައްޔާރުވެއެވެ. އެ ބަޔެއްގެ ވަރުން ރަނގަޅު އެއްޗެހި ތައްޔާރުކުރެއެވެ. އެހެންނަމަވެސް އޭރު އެ ކަންކަން ކުރެވޭ ގޮތް، މި ޒަމާނާ އަޅައިބަލާއިރު ވަރަށް ތަފާތެވެ. މި ޒަމާނުގައި މި ހުންނަ ކަހަލަ، އެކި ބާވަތްބާވަތުގެ ކާތަކެއްޗެއް އެ ޒަމާނަކު ނުހުރެއެވެ. އެންމެ ފޯރާ ގޭގޭގެ ސުފުރާމަތި ވެސް ފެންނާނީ ވަރަށް ސާދާކޮށެވެ.

އެ ދުވަސްވަރު މަތިވެރީގައި ރޯދަވީއްލަން ތައްޔާކުރާ ކާބޯތަކެތީގެ ތެރޭގައި، އެންމެ އާންމު އެކައްޗަކީ ބަތްޕެނެވެ. ބަތްޕެނާ އެކު ކާން ހުންނަނީ ކިހައް މަސްހުންޏެވެ. ބައެއް ގޭގޭގައި މަސްކުރޮޅި ވެސް ތައްޔާރުކުރެއެވެ. ފަންޏެއްގެ ގޮތުގައި އެންމެ ގިނަ ގޭގޭގައި ކައްކައި އުޅުނީ ސާގު ފަންޏެވެ. އެ ޒަމާނަކީ މިހާރުހެން، އެކި ކަހަލަ މޭވާއިން ފަނި ގިރައި އުޅުނު ޒަމާނެއް ނޫނެވެ. އަދި ތަފާތު ނަންނަމުގެ ހެދިކާތައް ހަދައި އުޅުނު ޒަމާނެއް ވެސް ނޫނެވެ.

ހެދިކާއެއްގެ ގޮތުގައި ގިނަ ގޭގޭގައި ފިހެ އުޅުނީ، ހަނޑޫ ފުނޑައިގެން ވަޅޯމަހާއި މިރުހާއި މި ފަދަ ތަކެތި ލައިގެން ފިހާ ފޮޅިއެކެވެ. މަތިވެރީ މީހުން އެ ފޮޅިއަށް ކިޔައި އުޅެނީ ކުޅިފޮޅިއެވެ. ހަނޑޫފުށާއި ހުންޏާ އެއްކޮށް މޮޑެގެން، މަހާއި މިރުސް ފަދަ ތަކެތި ނުލައި ވެސް ފޮޅިއެއް ފިހެއެވެ. އެއަށް އެ ރަށުގެ މީހުން ކިޔައި އުޅެނީ މަޑު ފޮޅިއެވެ. މަޑުފޮޅި ފިހަނީ، މަހާއި މިރުހާއި މި ފަދަ ތަކެތި ނުލިބޭ ފަހަރުފަހަރުއެވެ. އެހެންކަމުން ހެދިކާގެ ގޮތުގައި އެ ޒަމާނުގައި ގޭގޭގައި ހުންނާނީ ކުޅިފޮޅި ނުވަތަ މަޑުފޮޅިއެވެ. އެއް ގޭގައި ތައްޔާރުކުރާ ތަކެތި، އަނެއް ގެއަކަށް ފޯރުކޮށްދިނުމަކީ، އެކުވެރި ރައްޔިތެއް ދިރިއުޅުމެއް އުޅުނު މަތިވެރީގެ ކޮންމެ މީހަކަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

އެ ޒަމާނުގައި ކޮންމެ މީހަކު ވެސް ފުރަތަމަ ކަރު ތެންމާލާނީ ކުރުނބާ ފެނުންނެވެ. ކޮންމެ ގެއެއްގައި ވެސް ކޮންމެ މީހަކަށް ކުރުނބައެއް އޮންނާނެއެވެ. އެ ޒަމާނަކީ މިހާރާ ޚިލާފަށް މަތިވެރީގައި ރުއް ގިނަ ޒަމާނަކެވެ. އެހެންކަމުން ކުރުނބައަކީ ވަރަށް ތިޔާގި އެއްޗެކެވެ. ކަރާ ހައްދާންފެށުމުން، ކަރާފަނި ވަނީ އިތުރުވެ، ރޯދަވީއްލުން އިތުރަށް މުއްސަނދިވެފައެވެ.

ރޯދަވީއްލަން ބޭނުކުރާ ކުރުނބާ އަކީ ވަރަށް ތަފާތު ގޮތަކަށް މަށާ ކުރުނބައެކެވެ. އެ ކުރުނބައަށް މަތިވެރީގައި ކިޔައި އުޅެނީ ރޯދަކުރުނބައެވެ. އެ ކުރުނބާ މަށާފައި ހުންނަނީ، ކުރުނބާގެ ހަރުކޮޅުންނެވެ. އެ ކޮޅު ނާށްޓާޖެހޭ ވަރަށް މެށުމަށްފަހު، އަނެއްކޮޅުގެ ކިހައްގަނޑު މަށާނީ ކޮޅަށް ތޫނުވާ ގޮތަށެވެ. ކިތަންމެ ތަންވަޅު ނުވެގެން އުޅޭ މީހާ ވެސް، ރޯދަވީއްލަން މަށާ ކުރުނބާ، މި ނޫން ގޮތަކަށް ނުމަށާނެއެވެ. ބައެއް މީހުން ކުރުނބާ ހަދާފައި ފިނިކުރުމަށް ޓަކައި ވާޖަހާފައި، ގިފިލީ ފެންވަޅަށް ބާލާފައި ވެސް ބަހައްޓައެވެ.

ބައެއް ޒުވާން ކުދިން ރޯދަކުރުނބާ ވަރަށް ބޮޑަށް ރީތިކޮށް ޒީނަތްތެރި ކުރެއެވެ. ހީވާނީ މައުރަޒެއް ނުވަތަ މުބާރާތެއްގައި ބައިވެރިކުރާން ތައްޔާރުކޮށްފައި އޮންނަ ކުރުނބައެއް ހެންނެވެ. ވަޅިން ނާށިގަނޑު ކަހައި އޮމާންކޮށް، އަނެއްކޮޅުގެ ކިހައްގަނޑު ވެސް އޮމާންކޮށް، ކުރެހުން އަޅައި، ވައްފައި މަށައި، ތަޅައި ނަރަށް ހެދުމަށްފަހު، ގަތާލައިފައި ވެސް ހުރެއެވެ. މި ފަދަ ރޯދަކުރުނބާ ފެންނާނީ ވަރަށް ޝާހީ ކުރުނބައެއްގެ ގޮތުގައެވެ.

ބައެއް ޒުވާން ކުދިން، މެންދުރެއްހައި އިރު ރޯދަކުރުނބާ މަށައި، ރީތިކޮށް އޮމާންކޮށް އޮފުކޮށް ޑެކަރޭޓްކުރަން ފަށާނެއެވެ. މި ކުދިން އަސުރުނަމާދަށްފަހު، ރަށުތެރޭގައި އުޅޭނީ މި ކުރުނބާ ހިފައިގެންނެވެ. އިރު އޮއްސޭން ކައިރިވުމުން، ބައިހަދާފައި އެ ކުރުނބާ ހިފައިގެން ދާނީ ރަށުގެ އަތިރިމައްޗަށެވެ. ރޯދަ ވީއްލާނީ އަތިރިމަތީގައި ތިބެއެވެ. އެއީ އެ ކުދީންނަށް އަންނަ ވަރަށް އުފާވެރި ވަގުތުކޮޅެކެވެ.

އެ ދުވަސްވަރު މަތިވެރީގައި ހުންނަ ދެ މިސްކިތް ވެސް ހުންނާނީ ހުޅަނގުކޮޅުގައެވެ. އެއް މިސްކިތަށް ކިޔާނީ ބޮޑު މިސްކިތެވެ. މި މިސްކިތް މިހާރަކު ނުހުރެއެވެ. އަނެއް މިސްކިތަށް ކިޔާނީ ކުޑަ މިސްކިތެވެ. ކުޑަ މިސްކިތް، އާސާރީ މިސްކިތެއްގެ ގޮތުގައި މިހާރު ވެސް އަންނަނީ ބަލަހައްޓަމުންނެވެ. މި މިސްކިތަކީ ހިޖުރައިން 1146 ވަނަ އަހަރު ބިނާކޮށްފައިވާ މިސްކިތެކެވެ.

އެ ޒަމާނުގައި މަތިވެރީ ރައްޔިތުން ރޯދަ ވީއްލާނީ ބޮޑު މިސްކިތު މުދިމު، އިރު އޮއްސުމުން ފުމޭ ސަންގުގެ އަޑަށެވެ. މުދިމު މި ސަންގު ފުމުމަށް ޓަކައި، ސަންގު ހިފައިގެން ދާނީ ރަށުގެ ހުޅަނގުކޮޅު (މުއްވަރުކޮޅު) އާނުގަނޑު މައްޗަށެވެ. އެ ތަނުގައި ހުންނައިރު، އުޑުމަތި ސާފުކޮށް އޮންނަ ނަމަ، އިރު އޮއްސޭ މަންޒަރު ރީތިކޮށް ފެންނާނެއެވެ. އެހެންކަމުން އިރު އޮއްސޭ މަންޒަރު އަމިއްލަ ލޮލުން ބަލަން ހުރެފައި، އިރު އޮއްސިއްޖެކަން ކަށަވަރުވުމުން އޭނާ ސަންގު ފުމޭނެއެވެ. ރަށުގެ މީހުން ދިރިއުޅޭ ހުރިހައި ހިސާބަށް މި އަޑު ފޯރާނެއެވެ. މި ސަންގަށް ކިޔައި އުޅެނީ "ރޯދަވީއްލާ ސަންގު"އެވެ. މި ސަންގުގެ އަޑު ނީވޭހައި ހިނދަކު، ރަށުގެ އެއްވެސް މީހަކު ރޯދައެއް ނުވީއްލާނެއެވެ. ގަޑިއެއް ރޭޑިޔޯއެއް އެއްޗެއް ނުހުންނާތީ، އިރު އޮއްސޭ ވަގުތު ދެނެގަނެވޭނެ އެހެން ގޮތެއް އެ ޒަމާނަކު ނޯވެއެވެ.

ކޮންމެއަކަސް ރޯދަ ވިއްލާ ސަންގުގެ އަޑު ކަންފަތުގައި ޖެހުމާ އެކު، މަތިވެރީގެ ރައްޔިތުން ރޯދަ ވީއްލުމައިގެން ހަރަކާތްތެރިވާން ފަށާނެއެވެ. އެ ގެއެއްގައި ރޯދަ ވީއްލަން ތައްޔާރިކުރި އެއްޗިއްސާއި ގޭގެއިން ކުރި ޞަދަޤާތުގެ ތަކެތިންނެވެ. ކޮންމެ ދުވަހެއްގެ ރޯދަ ވެސް ނިމިގެންދާނީ މި ފަދަ ގޮތަކަށެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ދެއްވީ، އއ. މަތިވެރީ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އިބްރާހީމް ޝަރީފު އަދި އއ. މަތިވެރީ ޖަވާހިރުމާގޭ މުހައްދު އިދުރީސްއެވެ.

comment ކޮމެންޓް